އަކްރަމާއި ސަމްދޫހަށް އަތޮޅުން ހޫނު މަރުހަބާއަށް
ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އަދި ސަމްދޫހު މުހައްމަދު، އެ ކުޅުންތެރިން ނިސްބަތްވާ ނ. އަތޮޅުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ސުޒުކީ ކަޕް ކާމިޔާބު ކުރި ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފެށި ދަތުރުގައި އެންމެ ފުރަތަމަ ތައްޓާއެކު ދަތުރު ކުރީ ނ. އަތޮޅު މާފަރަށް ނިސްބަތްވާ އަކްރަމް އަބްދުލްގަނީ އާއި ނ. ކުޑަފަރީއަށް ނިސްބަތްވާ ސަމްދޫހު މުހައްމަދު އެވެ.
2008 ވަނަ އަހަރުގެ ސާފް މުބާރާތް ރާއްޖެއަށް ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްދިންއިރު ކެޕްޓަނެއްގެ ގޮތުގައި ހުރި ބޭބެ އައްސަދު އަބްދުލްގަނީއާއެކު މިދިޔަ ބުރާސްފަތި ދުވަހު އަކްރަމް މާފަރަށް ދިއުމުން އެރަށުގެ ކުދިބޮޑު އެންމެން ވަނީ އަކްރަމަށް މަރުހަބާ ކިއުމަށް ބަނދަރުން ސަރަހައްދަށް ގޮސްފައެވެ. އަކްރަމަށް މަރުހަބާ ކިޔުމުގެ ގޮތުން އެރޭ މާފަރު ސްކޫލުގައި ވަނީ ހާއްސާ ޖާފަތަކާއި އެކު ހަފްލާއެއްވެސް ބާއްވާފައެވެ. މި ހަފްލާގައި، ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ އަކްރަމް ހޯދި ކާމިޔާބީއަށް އެރަށުގެ މުއައްސަސާތަކުން ވަނީ ހަނދާނީ ފިލާ ހަދިޔާކޮށްފައެވެ. މި ހަފްލާގައި ރައްޔިތުންނާއި މުހާތަބުކޮށް ޝުކުރުގެ ބަސް އިއްވީ އައްސަދާއި އަކްރަމާއެކު ކުރިން އެއްވަނަ ޑިވިޝަނުގައި ކުޅުނު އަންވަރު އަބްދުލްގަނީ އެވެ.
އަންވަރުގެ ވާހަކައިގައި ބުނީ މިހާރުވެސް މާފަރުގައި ހުނަރުވެރިން އެބަތިބިކަމަށާއި، އުއްމީދަކީ މާފަރުގެ އިތުރު ކުޅުންތެރިންތަކަކާއެކު އަދިވެސް އެ ތަށި އެރަށަށް ގެންދިއުންކަމަށެވެ.
“މިއަދު ހަގީގަތުގައިވެސް ވަރަށް އުފާވެއްޖެ. މުޅި ސާކް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިގެން އައިސް މާފަރުގެ ރައްޔިތުންނާއެކު އުފާފާޅު ކުރާތީ. މިއީ މާފަރުގެ ފުޓްބޯޅައިގެ މުސްތަގްބަލަށް އެޅުނު ވަރަށް މުހިއްމު ފިޔަފަޅެއް. ހަގީގަތުގައި ފުޓްބޯޅަ ކުޅުންތެރިޔާއަށް ލިބޭ އުޖޫރައަށްވުރެ ބޮޑަށް މުހިއްމީ ލިބޭ ކާމިޔާބުގައި ދެންތިބި ސަޕޯޓަރުން ބައިވެރިވުން. ފަހަތުގައި ބަޔަކު ތިބުން. މިއަދު މުޅި ގައުމަށް މާފަރު ދައްކައިދީފި މިއީ ފުޓްބޯޅައިގެ ރޫހު އޮތް ރަށެއްކަން” ގައުމީ ޓީމަށްވެސް ކުރިން ކުޅުނު އަންވަރު ބުންޏެވެ.
އަންވަރަކީ 2004 ވަނަ އޭޝިޔާގެ ގަދަބާރު ދެކުނު ކޮރެއާއާއި ވާދަކޮށް ރާއްޖޭން 0-0 އިން އެއްވަރުކުރި މެޗުގައި ފަހަތުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ތިންބެއިން އެއްކޮށް ގައުމީ ޓީމުގައި ކުޅެން ފުރުސަތު ނުލިބުނު ނަމަވެސް އަންވަރު ވަނީ އައްސަދާއި އަކްރަމާއި އެކު އޭއެފްސީ ކަޕް މެޗެއް 2007 ވަނަ އަހަރު ކުޅެފައެވެ.
ސާފް މުބާރާތް ރާއްޖޭން ދެފަހަރު ކާމިޔާބު ކުރިއިރުވެސް ގޯލްޑް ކެޕްޓަނުންގެ ލަގަބް ލިބިފައިވަނީ މާފަރަށް އުފަން ދެ ކުޅުންތެރިންނަށެވެ. ކެޕްޓަންކަމުގެ ޒިންމާ ނަގަމުން އަކްރަމް ވަނީ މިފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ނޭޕާލް ކޮޅަށް ލަނޑުވެސް ޖަހާފައެވެ.
މާފަރަށް ފަހު އިއްޔެ ތަށި ގެންދިޔައީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ސަމްދޫހު ނިސްބަތްވާ ކުޑަފަރީއަށެވެ. ސަމްދޫހު އެރަށަށް ދިއުމުން އެރަށުގެ ރައްޔިތުންވަނީ ރަތްކުލައިގެ ހެދުމުގައި ނުކުމެ ބޮޑުބެރުގެ ހަރަކާތްތަކާއިއެކު މަރުހަބާ ކިޔާފައެވެ. އެރަށުން ވަނީ އިއްޔެ ހަވީރު ތައްޓާއިއެކު ފޮޓޯ ނެގުމުގެ ހަރަކާތްތަކެއްވެސް ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންގޮސްފައެވެ.
ސާފް މުބާރާތް ގައުމީ ޓީމުން ހޯދިއިރު ސަމްދޫހު ވަނީ ސެމީ ފައިނަލާއި ފައިނަލް މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ފައިނަލް މެޗުގައި އިންޑިއާ ޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ސަމްދޫހު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންގެ ރަށްތަކަށް ތަށި ގެންދަން ކުރާ ދަތުރުގައި މާދަމާ ދާނީ ލ. ކުނަހަންދޫއަށެވެ. އެރަށަށް ނިސްވަތްވާ ގައުމީ ޓީމުގެ ކުޅުންތެރިއަކީ ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފްއެވެ. އެއަށްފަހު 8 ވަނަ ދުވަހު ތަށި ގެންދާނީ ލ. މާބައިދޫއަށް ނިސްބަތްވާ މިޑްފީލްޑަރ ހުސައިން ނިހާން (ނިހާޓް) ގެ ރަށަށެވެ.
Advertisement
Leave a Reply