އުއްމީދަކީ ވީހާވެސް އަވަހަކަށް މުސާރައިގެ މައްސަލައަށް ހައްލެއް ލިބުން: އިމްރާން

ނިއު ރޭޑިއަންޓުގެ ގޯލް ކީޕަރު އަދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރުކަން 17 އަހަރުވަންދެން ކުރި އިމްރާން މުހައްމަދަށް އެއްބަސްވުމުގައި ވާގޮތަށް މުސާރަ ލިބެމުން ނުދާތީ އެކަމަށް ހައްލެއް ގެނައުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ހުށަހަޅާފައި ވާނެކަމަށް އިމްރާން ބުނެފިއެވެ. އިމްރާންގެ ރަސްމީ ފޭސްބުކް އެކައުންޓުގައި އޭނާ ބުނެފައިވަނީ މިމަހުގެ ތިންވަނަ ދުވަހު މުސާރައިގެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައިވާނެކަމަށެވެ.
“ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އަޅުގަނޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާގޮތަށް ލިބެންޖެހޭ މުސާރަ ނުލިބި ލަސްވާތީ އެތައްފަހަރެއްގެ މަތީން ކްލަބާ މަޝްވަރާ ކޮށްގެންވެސް މިކަމަށް ހައްލެއް ލިބިފައި ނުވާތީ، މިކަން ހައްލު ކޮށްދެއްވުމަށް އެދި 2018/03/10 ވަނަ ދުވަހު އަޅުގަނޑު ވާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ހުށަހަޅާފައެވެ. މިކަން އަޅުގަނޑަށް ސަޕޯޓް ކުރަށްވާ ހުރިހާ ފަރާތްތަކަށް އެނގިފައި އޮންނަން ވާނެކަމަށް ގަބޫލުކުރެވޭތީ ތި ހުރިހާ ފަރާތްތަކަށް މިކަން ހިއްސާކޮށްލީ. އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ލިބިގެން ދިއުން” ފޭސްބުކްގައި އިމްރާން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
New Radiant Sports Club aa alhugandaa dhemedhu vefaivaa ebbas vumuga vaa gothah libenjehey musaara nulibi lasvaathee …
Posted by Imran Mohamed on Thursday, October 4, 2018
އިމްރާން މިހެން ބުނިއިރު ރާއްޖޭގެ ކްލަބްތައް މާލީގޮތުން ބޮޑު އަޑިގަނޑަކަށް ވެއްޓި ކުޅުންތެރިންނަށް މުސާރަ ނުދެވޭ މައްސަލަ މިހާރު ވަނީ ފެންމަތިވެފައެވެ. އެއްވަނަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ބަރާބަރަށް މުސާރަ ދެމުންދަނީ ހަމައެކަނީ މާޒިޔާއިންނެވެ. މުސާރައިގެ މައްސަލައިގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފަހުން އެޓީމު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރުވެފައެއްވެސް ނުވެއެވެ. ކުޅުންތެރިނަށް މުސާރައިގެ މައްސަލަ ދިމާވެފައިވާ މި ދަނޑިވަޅުގައި، އެފްއޭއެމް އިން މިހާރު ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން ކުޅުންތެރިންގެ މުސާރަ އެ އޮފީހުން ކަނޑައެޅުމަށެވެ. މި ބަދަލާއެކު އެންމެ ބޮޑު އަގެއްގައި ކުޅުންތެރިއަކު ގަނެވޭނީ އަހަރަކު ހަތަރު ލައްކައަށް ކަމަށް މިހާރު ވަނީ ނިންމާފައެވެ.
1999 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް މެދުކެނޑުމެއް ނެތި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި އިމްރާނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުގެ އިތުރުން ދަނޑުމަތީގައި އެފަދަ ދެވަނައެއް ނެތް ލީޑަރެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ގައުމީ ޓީމަށް 111 މެޗު ކުޅެދިނުމަށްފަހު އިމްރާން ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އިމްރާނަކީ 2004 ވަނަ އަހަރު އޭޝިޔާގެ ގަދަބާރު ދެކުނު ކޮރެއާ ލަނޑެއް ނުޖެހި ރާއްޖެއާ އެއްވަރުވި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރުވެސް އިމްރާން ވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އިމްރާން ގޯލުގައި ހުރެގެން 2014 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ވަނީ އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމްވެސް ހޯދާފައެވެ.
Advertisement


Leave a Reply