އެފްއޭއެމް އިން ގެނައި ބަދަލާއިއެކު ތިމަރަފުށްޓަށް ހާއްސަ ޝަރަފެއް
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރުމުން މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ތިމަރަފުށްޓަށް ހާއްސަ ޝަރަފެއް ލިބިއްޖެއެވެ. އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ބަދަލާއެކު ސީޒަން ހުޅުވަން ކުޅޭ އެއްމެޗު ތ. ތިމަރަފުށީގައި ކުޅެވިގެންދާނެކަމަށެވެ.
މިއީ ރާއްޖޭގޭ ފުޓްބޯޅަ ސީޒަން ހުޅުވާމެޗު އަތޮޅުތެރޭގެ ރަށެއްގައި ކުޅޭގޮތަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ހޯމް އެންޑް އަވޭ އުސޫލުން ދެމެޗު ކުޅޭއިރު މާލޭގައިވެސް ސީޒަން ހުޅުވާ މެޗްގެ އެއް ލެގު ކުޅޭނެއެވެ. ސީޒަން ހުޅުވާ މެޗުގައި ވާދަކުރާނީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ތިމަރަފުށްޓާއި މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކުރާ ޓީމެވެ. ލީގުގެ އެއްވަނައިގައި 18 ޕޮއިންޓާއެކު މިވަގުތު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. މިއަހަރު ސީޒަން ހުޅުވާމެޗު އެކިއެކި ސަބަބުތަކާހުރެ އެފްއޭއެމް އިން ވަނީ ކެންސަލް ކޮށްފައެވެ. މީގެ ކުރިން ސީޒަން ހުޅުވާ މެޗުން ފުރުސަތު ލިބިގެންދަނީ ލީގުގެ ޗެމްޕިއަނުންނާއި އެފްއޭކަޕްގެ ޗެމްޕިއަން ޓީމަށެވެ.
“އަންނަ އަހަރު ސީޒަން އޯޕަނިންގް މެޗު ކުޅެވިގެންދަނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނާއި ޕްރިމިއަރ ލީގުގެ ޗެމްޕިއަނުންގެ މެދުގައި. އެހެންވީމަ މިހާރު އޮތްގޮތުން އެއް މެޗު ހަމަ ގައިމުވެސް ކުޅެވިގެންދާނީ ތ. ތިމަރަފުށީގައި. ދެން ޕްރިމިއަރ ލީގުގެ ޗެމްޕިއަނުން އަޅުގަނޑުމެންނަށް އެނގޭނީ ލީގު ނިމުނީމަ. ހޯމް އެންޑް އަވޭ ދެމެޗު ކުޅޭގޮތް އަޅުގަނޑުމެން މިހާރު މިވަނީ ނިންމާފައި” ބައްސާމް ވިދާޅުވިއެވެ.
މި ބަދަލު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅުތެރޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ފުރުސަތު ދިނުމަށް ކަމަށް އެފްއޭއެމް އިން ބުނެއެވެ. 2015 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ތައާރަފް ކުރިފަހުން އަތޮޅު ފުޓްބޯޅައިގެ ފޯރި މިހާރު ވަނީ ގަދަވެފައެވެ. ބައްސާމް ވިދާޅުވީ މިނިވަން ޗެމްޕިއަންޝިޕް ބޭއްވުމުގެ މަގްސަދު މިހާރު ހާސިލްވަމުންދާކަމަށެވެ.
“މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ބަލާލި ކަމުގައިވިޔަސް ވަރަށް ގިނައިން ފެނިގެން މިދަނީ އަތޮޅު ތެރެއިން އައިސްތިބި ކުޅުންތެރިން. އޭގެތެރޭގައި ހަމަ އަޅުގަނޑުމެން ފާހަގަ ކޮށްލަން ޓީސީއަށް ކުޅޭ ފޭދޫ އިއްބެ. ހަމަ ފާހަގަ ކޮށްލެވޭ ކުޅުމެއް ފެނިގެންދަނީ. ފޭދޫ އިއްބެއަކީ މިނިވަން ޗެމްޕިއަންޝިޕްގެ ޕްރޮޑަކްޓެކޭ ބުންޏަސް ގޯހަކަށް ނުވާނެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރަންޖެހޭ ކަމެއް” 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުން ތައާރަފްވި އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާއި ގުޅޭގޮތުން ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ހޯމް އެންޑް އަވޭ އުސޫލުން މި މެޗު ކުޅުމުގެ އެންމެ ބޮޑު ވިސްނުމެއް ހުރީ ދުރުރާސްތާ ޕްލޭންގައި ޕްރިމިއަރ ލީގު މުޅި އަތޮޅު ތެރެއަށް ފަތުރާލުން ކަމަށެވެ. އެކަމަށް އެންމެ މުހިއްމުވާ ނެޗުރަލް ގްރާސް ދަނޑުތައް އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
“ހޯމް އެންޑް އަވޭ ސީޒަން އޯޕަނިން މެޗު މި ބާއްވަނީ އަޅުގަނޑުމެންގެ ދުރު ރާސްތާ ޕްލޭންގައި އެބައޮތް ޕްރިމިއަރ ލީގު މުޅި އަތޮޅު ތެރެއަށް ފަތުރާލަން. އޭގެ މާނައަކީ މާލޭގައި މިއޮތް ފަސްޓް ޑިވިޝަން ކްލަބްތައްވެސް ހަމަ އަތޮޅުތެރެއަށް ދާންޖެހޭނޭ ދަތުރުކޮށްފަ މެޗު ކުޅެން. އޭގެ އެންމެ މުހިއްމު އެއްކަންތައް އެއީ ނެޗުރަލް ގްރާސް 20 ދަނޑު ހެދުން. އަޅުގަނޑުމެން މިދަނީ މި މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ނޫނީ ތިން އަހަރުތެރޭ އަޅުގަނޑުމެންނަށް މި އަދަދު 40 ނޫނީ 60 ދަނޑަށް ބަދަލުވެގެން ދާނެ. އެއީ އަހަރަކު 20 ދަނޑު އެޅުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ” އަތޮޅު ތެރެއަށް ފުޓްބޯޅަ ފުޅާކުރުމުގެ ވިސްނުން އަބަދުވެސް ގެންގުޅުއްވާ ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގަތުމާއިއެކު ބައްސާމްގެ އެންމެ ބޮޑު އަމާޒެއް ބެހެއްޓެވީ އަތޮޅު ފުޓްބޯޅަ ތަރައްގީ ކުރުމަށެވެ. މި ބަދަލުތަކާއެކު ކޮންމެ އަހަރަކުވެސް މިހާރު ކުޅެމުންދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ އެންމެ ފޯރިގަދަ ކުޅިވަރު އެއް ހަރަކާތެވެ. މި މުބާރާތުން ހުނަރުވެރި ކުޅުންތެރިން އުފެދި ބައެއް ކުޅުންތެރިން މިހާރު ދަނީ ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކްލަބްތަކުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.
Advertisement
Leave a Reply