ފުޓްބޯޅަ ކުރިއަރުވަން އަށް ރަށެއްގައި ސެންޓަރުތައް ގާއިމްކުރަން ނިންމައިފި

Advertisement

ފުޓްބޯޅަ ކުރިއަރުވަން އަށް ރަށެއްގައި ސެންޓަރުތައް ގާއިމްކުރަން ނިންމައިފި

ޢަލީ ޝަހީމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓުވާޑްސް ފިއުޗާގެ ދަށުން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް މުޅި ރާއްޖެ އަށް ޒޯނަކަށް ބަހާލައި ޑިވެލޮޕްމެންޓް ސެންޓަރުތަކެއް ވަރަށް އަވަހަށް ގާއިމްކުރެވިގެން ދާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. އިއްޔެ އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ތިންމަސްތެރޭގައި ރާއްޖޭގެ އަށް ޒޯނެއްގެ އަށް ރަށެއްގައި ޑިވެލޮޕްމަންޓް ސެންޓަރުތައް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

އެފްއޭއެމްއިން މި ސެންޓަރުތައް ގާއިމްކުރަނީ ފީފާގެ ޕްރޮޖެކްޓުގެ ދަށުން މި މަސައްކަތް ކުރުމަށް ހުއްދަވެސް ލިބިގެންކަމަށް ބައްސާމް ވިދާޅުވިއެވެ.

Advertisement

“ކުރިއަށް އޮތް ތިން މަސްތެރޭގައި އަޅުގަނޑުމެން އަށް ޒޯނެއްގައި ޑިވެލޮޕްމެންޓް ސެންޓަރުތަކެއް ގާއިމު ކުރެވިގެންދާނެ. މިއީ ފީފާގެ ޕްރޮޖެކްޓްގެ ދަށުން އަޅުގަނޑުމެން ކުރާ މަސައްކަތެއް. އަށް ޒޯނުގައި ޑިވެލޮޕްމެންޓް ސެންޓަރުތަކެއް ހަދައި އެތަނުގައި ގްރާސް ރޫޓުން ފެށިގެން އަންޑަރ 14 އާއި ހަމައަށް ޓްރެއިނިން ސްކޫލުތަކެއް ކުރިއަށްދާނެ. މިހާރު އަޅުގަނޑުމެން ވާނީ ސަރުކާރާއެކު މަޝްވަރާކުރެވި އެކަމަށް ބޭނުންވާ ބިންތައްވެސް ކަނޑައެޅިފައި. އަދި ދަނޑުތައް ބޭނުންކުރުމުގެ ހުއްދައާއި އެހެން ހުރިހާ ކަމެއް މިވަނީ ހަމަޖެހިފައި” ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ އަމާޒަކީ މިމަހު ފަހުކޮޅު މި މަސައްކަތުގެ ބޮޑުބައެއް ނިންމައި ރަށްރަށުގައި ރަސްމީކޮށް މަސައްކަތް ފެށުމެވެ. ބައްސާމް ވިދާޅުވީ ފީފާގެ ޕްރޮޖެކްޓުގެ ދަށުން ވިހި ރަށެއްގައި ނެޗުރަލް ގްރާސް ދަނޑު ހެދުމުގެ މަސައްކަތްވެސް ފަށައިގަނެވިފައިވާކަމަށެވެ.

ސެންޓަރުތައް ކުރިއަށްދާނެ ގޮތް

އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސަންތީ) ވިދާޅުވީ އަތޮޅުތެރޭގެ ފުޓްބޯޅައަށް މިބަދަލުގެ ސަބަބުން ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. މި ސެންޓަރުތަކުގައި އަންހެން ފުޓްބޯޅައިގެ އިތުރުން ޔޫތް ޑިވެލޮޕްމަންޓް ތަރައްގީ ކުރުމަށްވެސް ސަމާލުކަން ދޭނެކަމަށް އެފްއޭއެމް އިން ބުނެއެވެ. މީގެ އިތުރުން ކޮންމެ ޒޯނެއްގައި ހިމެނޭ ސެންޓަރަކުން ރެފްރީންނާއި ކޯޗުންވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ޒޯނެއްގައި މުސާރަ ދީފައި ހަ ކޯޗުން ބައިތިއްބާއިރު މި ކޯޗުން ހަމަޖައްސަން އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީން ވަރަށް އަވަހަށް އަތޮޅުތަކަށް ޒިޔާރަތްކުރާނެއެވެ.

“މި މަސައްކަތުގައި އަންހެން ފުޓްބޯޅަ އާއި ޔޫތް ޑިވޮލޮޕްމަންޓް ތަރައްގީކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަދ ކޯޗުންނާއި ރެފްރީންވެސް އުފައްދާނަން. އަދި އަޅުގަނޑުމެން އިންޓަރ ސްކޫލް މި އަށް ޒޯނުގައި ތައާރަފް ކުރާނަން. މިކަންތައްތައް އަޅުގަނޑުމެން ކުރާނީ ކޮންމެ ޒޯނަކުން ހަ ކޯޗުން މުސާރަދީފަ ބައިތިއްބާފަ. އޭގެ އިތުރުން މުސްތަގްބަލުގައި ފޯކަލް ޕޮއިންޓްތައް ސެންޓަރުތަކަށް ވެގެންދާތީވެ ކޮންމެ ސެންޓަރަކުން އަޅުގަނޑުމެން ނަގާނަން ޒޯން ޑިވެލޮޕްމެންޓް އޮފިސަރެއް. އެ ސަރަހައްދެއްގަ ފުޓްބޯޅައިގެ ހުރިހާ ކަންތައްތަކަކާއި މުޢާމަލާތް ކުރާނީ މި ޑިވެލޮޕްމަންޓް އޮފިސަރ އޭގެ ފަހުން” ސާންތީ ވިދާޅުވިއެވެ.

މި ސެންޓަރުތަކުގައި ބޮޑަށް އިސްކަންދޭނީ ގްރާސް ރޫޓުން ފެށިގެން 13 އަހަރާއި 15 އަހަރާއި 18 އަހަރުން ދަށަށެވެ. އަދި ކޮންމެ ޒޯނެއްގައި ހިމެނޭ ސެންޓަރެއްގައިވެސް އެ އެ ޒޯނަކަށް ނިސްބަތްވާ 30 ކުދިން ބޭނުންކުރަމުން ދާނެކަމަށް ސާންތީ ވިދާޅުވިއެވެ. މި ސެންޓަރުތަކުގެ އެހީގައި އަންނަ އަހަރު ބައިވެރިވާ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އޭއެފްސީ މުބާރާތްތަކަށް ކުޅުންތެރިން ހޯދަން މިހާރު ވަނީ ނިންމާފައެވެ.

ސެންޓަރުތައް ގާއިމް ކުރަން ނިންމާފައިވާ ރަށްތައް:

ޒޯން އެކެއް: ހދ. ކުޅުދުއްފުށި، ޒޯން ދޭއް: ނ. ކެނދިކުޅުދޫ، ޒޯން ތިނެއް: ބ. އޭދަފުށި، ޒޯން ހަތަރެއް: އދ. މަހިބަދޫ، ޒޯން ފަހެއް: ދ. ކުޑަހުވަދޫ، ޒޯން ހައެއް: ލ. ފޮނަދޫ، ޒޯން ހަތެއް: ގދ. ތިނަދޫ، ޒޯން އަށެއް: ޏ. ފުވައްމުލައް

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *