ދިވެހި ގޯލް ކީޕަރުންނަށް ހާއްސަ އެކަޑެމީއެއް އުފައްދަނީ

Advertisement

ދިވެހި ގޯލް ކީޕަރުންނަށް ހާއްސަ އެކަޑެމީއެއް އުފައްދަނީ

ޢަލީ ޝަހީމް

ދިވެހި ގޯލްކީޕަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރާއްޖޭގައި ވަރަށް އަވަހަށް ގޯލްކީޕަރުންނަށް ހާއްސަ އެކަޑެމީއެއް އުފައްދާނެކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. އިއްޔެ އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ކީޕަރުންގެ އެކަޑެމީއެއް ފެށްޓުމަށްޓަކައި މިހާރު ހުރިހާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އެކަޑެމީ ހިންގުމުގައި އިސްކޮށް ހުންނާނީ ގައުމީ ޓީމުގެ ގޯލް ކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް ކަމަށެވެ. މި އެކަޑެމީ އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެއްވަނަ ޑިވިޝަން ކްލަބްތަކުގައި ދިވެހި ކީޕަރުން ބޭތިއްބުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

“ކީޕަރުންގެ އެކަޑެމީއެއް ފެށްޓުމަށްޓަކާ މިހާރު ހުރިހާ މަސައްކަތެއް ކުރެވެމުން ދަނީ. މީގަ އިސްކޮށް ހުންނާނީ އަޅުގަނޑުމެންގެ ނޭޝަނަލް ޓީމު ގޯލް ކީޕަރު އަސްލަމް. 2020 ވަނަ އަހަރުގެ ސީޒަންގައި ތިބޭނީ ދިވެހި ކީޕަރުން. އަޅުގަނޑުމެން މިއަންނަ އަހަރު ދޫކޮށްލާފަ 2020 ވަނަ އަހަރު އެއްވެސް ބޭރު ގޯލް ކީޕަރަކަށް ވަކި މުއްދަތަކަށް ރެޖިސްޓަރ ނުވެވޭ ގޮތް ހަދާނަން” ބައްސާމް ވިދާޅުވިއެވެ.

ދިވެހި ކީޕަރުން ތަރައްގީކޮށް ގަލޮޅު ދަނޑަށް ނެރެން ބޭނުންވަނީ ރާއްޖޭގައި ހުނަރުވެރި ކީޕަރުން ތިބީމަކަށް ބައްސާމް ވިދާޅުވިއެވެ. މިގޮތުން އަތޮޅުތެރޭގައި ތިބި ކުޅުންތެރިންނަށްވެސް މާލެ އައުމަށްފަހު ކްލަބްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. އަތޮޅު ތެރޭގައި ތިބި ކުޅުންތެރިން މާލެ ގެނެސް އެކަމޮޑޭޓް ކުރެވޭނެ ވަސީލަތްތައް ގާއިމްކުރަން މަސައްކަތް ކުރާނެކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންނަށް މިފަހަރުގެ ތަޖުރިބާ އަޅުގަނޑަށް ހީވަނީ ހުރިހާ އެންމެނަށްވެސް އެނގޭނެ ކަންނޭނގެ. ފައިސަލް ފުރުސަތު ލިބިގެން ދިޔަ ވަރަކުން ފެނިގެން ދިޔައީ ވަރަށް ތަފާތު ގޯލް ކީޕަރެއްގެ ގޮތުގައި. އޭގެ ނަތީޖާއަކަށް ވެގެންމިދިޔައީ އަޅުގަނޑުމެން ތަށި ކާމިޔާބު ކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެއް ފަރާތަކީ ފައިސަލް. އެއާއެކީގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ފައިސަލް” ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ފައިސަލަށް ތައުރީފް ކުރަމުން ބައްސާމް ވިދާޅުވިއެވެ.

ބިދޭސީ ކީޕަރުންނަށް 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުޅުމުގެ ފުރުސަތު ލިބިގެންނުދާއިރު، އެއްވަނަ ޑިވިޝަނުގެ ކްލަބްތަކަށް ވަނީ ދިވެހި ކީޕަރުން އުފައްދައި 2020 ވަނަ އަހަރާއި ހަމައަށް އެ ކުޅުންތެރިންގެ ބޭނުން ކުރުމަށް އެކަށީގެންވާ މުއްދަތެއް ދެވިފައި ކަމަށް އެފްއޭއެމް އިން ބުނެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ފަހަކަށް އައިސް ގިނައިން ފެންނަނީ ބިދޭސީ ކީޕަރުންނެވެ. ދިވެހި ކީޕަރުންގެ ބޭނުންހިފައި އެ ކުޅުންތެރިންނާއެކު “ރިސްކް” ނަގަމުންދަނީ ވަރަށް މަދު ޓީމަކުންނެވެ. މި ބަދަލާއެކު އެއްވަނަ ޑިވިޝަން ޓީމުތަކުން ދިވެހި ކީޕަރުންނަށް ފުރުސަތު ލިބި އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *