ފުޓްބޯޅަ ކަލަންޑަރަށް އަނެއްކާވެސް ބަދަލު ގެންނަނީ

ރާއްޖޭގެ އެއްވަނަ ޑިވިޝަން ކްލަބްތަށް ކުޅޭ މުބާރާތްތަކަށް އަންނަ އަހަރުން ފެށިގެން އަނެއްކާވެސް ބަދަލުތައް ގެންނަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ. އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުޓްބޯޅަ ކަލަންޑަރަށް ގެންނަން ވިސްނާފައިވާ ބަދަލުތައް ވަނީ ހާމަކޮށްފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ އަންނަ އަހަރުން ފެށިގެން މާލޭ ލީގު އުވާލުމެވެ.
މާލޭ ލީގު އުވާލައި އަންނަ އަހަރު އޮންނާނީ ތިންމުބާރާތް
ދިވެހި ޕްރިމިއަރ ލީގު 2016 ވަނަ އަހަރު ބާއްވަން ފެށުމަށްފަހު މިދިޔަ އަހަރު އެފްއޭމްއިން ވަނީ އަހަރުތަކަކަށްފަހު މާލޭ ލީގު އަލުން ބާއްވަން ފަށާފައެވެ. އޭގެ ކުރިން މާލޭ ލީގު ކުރިއަށް ގެންދިޔައީ 2001 އިން 2007 ވަނަ އަހަރާއި ހަމައަށެވެ. މާލޭ ލީގަކީ ދިވެހި ޕްރިމިއަރ ލީގަށް ޓީމުތައް ކޮލިފައިވާން ކުޅޭ މުބާރާތެކެވެ. ނަމަވެސް އެ ސީޒަނެއްގައި ދެ ލީގު ބާއްވާތީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކާއި ފުޓްބޯޅައިގައި ހަރަކާތްތެރިވާ ކޯޗުންވެސް ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އެފްއޭއެމް އިން ކަލަންޑަރަށް ގެންނަން ނިންމާ ބަދަލާއެކު އަންނަ އަހަރުން ފެށިގެން އެއްވަނަ ޑިވިޝަން ކްލަބްތަކުން ވާދަކުރަން ޖެހޭނީ ތިން މުބާރާތެއްގައެވެ. އެންމެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ޕްރެސިޑެންޓްސް ކަޕް ބާއްވާއިރު އެއަށްފަހު އޮންނާނީ ދިވެހި ޕްރިމިއަރ ލީގެވެ. ނުވަ މަސްދުވަހަށް ދެމިގެންދާ ސީޒަނުގެ ފަހު މުބާރާތަކަށް އޮންނާނީ އެފްއޭކަޕެވެ. މިއަހަރުގެ ސީޒަން ދިގުލައިގެން ގޮސްފައިވާތީ އަހަރުގެ ފަހުކޮޅު ބާއްވަން ނިންމާފައި އޮތް ޕްރެސިޑެންޓްސް މިހާރު ވަނީ ނުބާއްވާ ގޮތަށް ނިންމާފައެވެ. އެފްއޭއެމް އިން ވަނީ މިއަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ބާއްވަން ހަމަޖެއްސި ޗެރިޓީ ޝީލްޑް މެޗުވެސް ކެންސަލް ކޮށްފައެވެ. ސީޒަން ހުޅުވާމެޗުގައި މިއަހަރު ވާދަކުރާ ގޮތަށް އޮތީ ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓެވެ.
ގައުމީ ޓީމަށް 36 ދުވަސް
އަންނަ އަހަރުގެ ކަލަންޑަރަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެންމެ ރަނގަޅު އެއް ބަދަލަކީ ފީފާއިން ކަނޑައަޅާފައިވާ ތާރީހުތަކަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލުމެވެ. އަންނަ އަހަރުވެސް ބައިނަލްއަގްވާމީ މެޗުތައް ފަސް ތާރީހެއްގައި ކުޅޭނެއެވެ. ނަމަވެސް ރާއްޖޭގެ ސީޒަން ނުވަ މަސްދުވަހަށް ދެމިގެންދާ ގޮތަށް ނިންމުމުން ފީފާގެ މެޗުތަކާއި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ދިމާވާނީ ހަތަރު ތާރީހެއްގައެވެ.
އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ފީފާއިން ނިންމާފައިވާ ތާރީހުތައް
މާރޗް 18 އިން 26 އަށް
ޖޫން 3 އިން 11 އަށް
ސެޕްޓެމްބަރ 2 އިން 10 އަށް
އޮކްޓޯބަރ 7 އިން 15 އަށް
ނޮވެމްބަރ 11 އިން 19 އަށް
މި ތާރީހުތަކަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލުމުން ގައުމީ ޓީމުގެ މެޗުތަކަށް އަންނަ އަހަރު 36 ދުވަސް ލިބިގެންދާނެއެވެ. ފީފާގެ ތާރީހުތަކުގައި ސަރަހައްދީ އެހެން ގައުމުތަކުން މިހާރުވެސް ދަނީ ރަހްމަތްތެރިކަމުގެ މެޗުތައް ކުޅެމުންނެވެ. އޭގެތެރޭގައި އަވަށްޓެރި އިންޑިއާ ފާހަގަ ކޮށްލެވެއެވެ. މިއީ އިންޓަނޭޝަނަލް މެޗުތައް ކުޅޭ ތާރީހުތަކަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަށް ނިންމި ފުރަތަމަ ފަހަރެވެ.
މިނިވަން ޗެމްޕިއަންޝިޕުން ލީގަށް ކޮލިފައިވާ ޓީމުތަކަށް ތައްޔާރުވާން ދިގު މުއްދަތެއް
މިދިޔަ އަހަރުން ފެށިގެން މިނިވަން ޗެމްޕިއަންޝިޕުން ގަދަ ހަތަރަކަށް ދާ ޓީމުތަކަށް ދިވެހި ޕްރިމިއަރ ލީގުން ޖާގަދޭން ނިންމިއިރު ޓީމުތަކަށް ލީގަށް ތައްޔާރުވާން ލިބެނީ މަދު ދުވަސްކޮޅެކެވެ. އަތޮޅު ފުޓްބޯޅައިގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް 2015 ވަނަ އަހަރު ފެށިއިރު އެ އަހަރުގެ ޗެމްޕިއަން ސ. ފޭދޫއަށް އެފްއޭއެމްއިން ދީފައިވަނީ އެއަހަރުގެ ޕްރެސިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތެވެ. ނަމަވެސް 2016 ވަނަ އަހަރު އެފްއޭއެމްގެ ކަލަންޑަރަށް ގެނައި ބަދަލާއިއެކު އެ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށީ ޓީމަށް އެއްވަނަ ޑިވިޝަނުގެ އެއްވެސް މުބާރާތަކުން ފުރުސަތު ލިބިފައެއް ނުވެއެވެ. އެއަށްފަހު މިދިޔަ އަހަރު ގެނައި ބަދަލާއި އެކު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު މިހާރު އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ވާދަކުރަމުގެ ފުރުސަތު ދެމުންނެވެ. މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވީ އަހަރުގެ އެކި ދުވަސްވަރުއެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން މި މުބާރާތް ކުރިއަށްދާނީ ދިވެހި ޕްރިމިއަރ ލީގު ކުރިއަށްދާ މުއްދަތުގައި ކަމަށް އެފްއޭއެމް އިން ބުނެއެވެ. މި ބަދަލާއެކު އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުން ހޮވޭ ޓީމުތައް ދިވެހި ޕްރިމިއަރ ލީގުގައި ކުޅެން ޖެހޭނީ 2020 ވަނަ އަހަރުއެވެ. އެހެންކަމުން މިނިވަން ޗެމްޕިއަންޝިޕުން ލީގަށް ކޮލިފައިވާ ޓީމުތަކަށް ތައްޔާރުވުމަށް ދިގު މުއްދަތެއް ލިބިގެންދާނެއެވެ.
ޔޫތް ޗެމްޕިއަންޝިޕް އަހަރުގެ ކުރީކޮޅަށް
ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަހަރު މެދުތެރޭގައި ކުރިއަށް ގެންދިއަޔަސް އަންނަ އަހަރު އެންމެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި އެފްއޭއެމް އިން ބާއްވަން ވިސްނަނީ މި މުބާރާތެވެ. އަހަރުތަކަކަށްފަހު މިއަހަރުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަމާޒުކުރީ 19 އަހަރުން ދަށަށެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޕެނަލްޓީ ޖަހައިގެން ކްލަބް އީގަލްސް ބަލިކޮށް ހޯދީ ކްލަބް ގްރީން ސްޓްރީޓްސް އެވެ. މި މުބާރާތް ދެން ކުރިއަށްދާނީ ދެއަހަރުން އެއްއަހަރު ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ. މިއަހަރުގެ މުބާރާތް 19 އަހަރުން ދަށަށް އަމާޒުކުރިއިރު އަންނަ އަހަރު މި މުބާރާތް އޮންނާނީ 21 އަހަރުން ދަށަށެވެ.
އެފްއޭއެމް އިން ބުނީ އަންނަ އަހަރުގެ ކަލަންޑަރަށް ގެންނާނެ ބަދަލުތައް ނިންމާފައި ވީނަމަވެސް، އެ ބަދަލުތައް ތަންފީޒު ކުރާނީ ކްލަބްތަކާއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އަންނަ އަހަރުން ފެށިގެން ސީޒަން ކަލަންޑަރަށް ގެންނަ ބަދަލާއެކު ޓީމުތަކަށް ގާތްގާތުގައި މެޗު ކުޅެންޖެހުމުގެ މައްސަލައަށް ހަލެއް އައިސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެފްއޭއެމް އިން ބުނެއެވެ.
Advertisement


Leave a Reply