މިއީ ފުޓްބޯޅައަށް ވަރަށް ދެރަ ދުވަހެއް: ބައްސާމް

ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗަށް ރާއްޖޭގެ ވިކްޓްރީ ސްޕޯޓްސް ކްލަބް ހާޒިރުނުވުމުން، މިއީ ފުޓްބޯޅައަށް ވަރަށް ދެރަ ދުވަހެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. އެފްއޭއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ ދިވެހި ފުޓްބޯޅައިގެ ވެއްޓިފައިވާ އަޑިގަނޑުން ސަލާމަތްވުމަށް ބަދަލުތަކެއް ގެންނަން ނިންމަވާފައެވެ.
ކުޅުންތެރިންނަށް މުސާރަނުދެވި މާލީގޮތުން އަޑިގަނޑަކަށް ވެއްޓިފައި އޮތް ވިކްޓްރީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ތާރީހެއް އޮތް އެ ކްލަބެވެ. ލީގު ގާތްގަނޑަކަށް ދެމަސްދުވަހަށް މެދުކެނޑުމަށްފަހު އަލުން ކުޅުން ފެށިއިރު ފުރަތަމަ ޑިވިޝަނުގެ އެންމެ ކްލަބެއް ފިޔަވާ ހުރިހާ ކްލަބަކަށްވެސް ވަނީ މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައެވެ. މި ސަބަބާހުރެ ބައެއް ކްލަބްތަކުން ޕްރެކްޓިސް ކުރިއަށް ނުގެންދާއިރު މެޗަށް ޓީމު ހަމަވަނީ ކިރިޔާއެވެ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ތެރެއިން ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދެމުން އަންނަ ކްލަބަކީ މާޒިޔާ އެވެ.
ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ޓީމުގެ ކުޅުންތެރިން ހާޒިރުވާން ތިބި ނަމަވެސް، މެޗަށް ހާޒިރުނުވީ ކްލަބް ހިންގުމުގައި އިސް ފަރާތްތަކުން ޓީމުގެ ކުޅުންތެރިން މެޗަށް ނުދިއުމަށް ނިންމާފައިވާތީކަމަށް ޓީމުގެ ކެޕްޓަން ޝާފިއު އަހްމަދު (ޝާފީ) ވަނީ ބުނެފައެވެ. ރޭގެ މެޗަށް ވިކްޓްރީ ހާޒިރު ނުވުމުން އެ ކްލަބަށް 25،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ވިކްޓްރީގެ ފަރާތުން ފެނުނު މަންޒަރުން އެ މައްސަލަ މިހާރު ވާނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅާފައިވާނެކަމަށެވެ. ވިކްޓްރީގެ އަމަލަށް ހަރުކަށި އަދަބު ދޭން ބޭނުންވާކަމަށާއި، އެކަމު އެކަމުގައި ގޮތް ނިންމާނީ މައްސަލަ ބަލާ ކޮމިޓީން ކަމަށް ބައްސާމް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ ކްލަބްތައް ހިންގަން ތިބޭ ފަރާތްތަކުން އަމިއްލަ ފައިދާއަށް ވާގޮތަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކޮށްފައެވެ. އަދި ފުޓްބޯޅައިގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށް ކްލަބްތައް ހަރުދަނާކޮށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުން މުހިއްމު ކަމަށް ބައްސާމް ފާހަގަ ކޮށްފައިވެއެވެ.
“މިއީ ޓޮލަރޭޓް ކުރެވޭނެ ކަމެއް ނޫން. ކްލަބްތައް ހިންގަން ތިބޭ މީހުންގެ އަމިއްލަ އެޖެންޑާއެއް އޮތް ކަމަށް މި ފެނުނީ. މިއީ ހަގީގަތުގައި ފުޓްބޯޅައަށް ވަރަށް ދެރަ ދުވަހެއް” ބައްސާމް ވިދާޅުވިއެވެ.
ބައްސާމްގެ ވާހަކައިގައި ވިކްޓްރީއަށް މިހެން ދިމާވީ ކްލަބް ހިނގުމުގައި ތިބި ފަރާތްތަކުގެ ދޯދިޔާ ކަމުންކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން ވިކްޓްރީއާއެކު ސަރުކާރުން އެއްބަސްވުން ހެދި ކުންފުނިންވެސް ހުރިހާ ފައިސާއެއް މިހާރު ކްލަބަށް ދީފައިވާކަމަށް ގަބޫލުކުރެވޭ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެހެންކަމުން ކްލަބްތައް ހިންގުމުގައި މިހާރަށްވުރެ ހަރުދަނާވެ ކްލަބް ދެކެ ލޯބިވާ ފަރާތްތައް މިފަދަ ކަންކަމުގައި އިސްނެގުން މުހިއްމު ކަމަށް ބައްސާމް ފާހަގަ ކުރެއްވިއެވެ.
މިއަހަރުގެ މާޗްމަހު ބޭއްވި ވިކްޓްރީގެ އިންތިހާބުގައި ކްލަބުގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އެވެ. އަދި، ކްލަބްގެ ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެވެ. މި ދެމެންބަރުންގެ ޒިންމާގެ ދަށުންވެސް ފެނުނީ ވިކްޓްރީގެ މައްސަލަތަށް ހަމައަކަށް ނޭޅި ކްލަބް ބޮޑު އަޑިގަނޑަކަށް ވެއްޓިގެންދިޔަތަނެވެ.
މިއަދުގެ ބައްދަލުވުމުގައި ބައްސާމް ވަނީ އަން ސީޒަނަށް އެފްއޭއެމްއިން ކްލަބްތަކާއެކު އެއްބަސްވެގެން ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ ބަދަލަކީ ކުޅުންތެރިންނަށް ދޭ މުސާރަ އެފްއޭއެމް އިން ކަނޑައަޅާގޮތަށް ނިންމުމެވެ.
Advertisement


Leave a Reply