ދާދުގެ ހެޓްރިކުން މާޒިޔާ ހަތަރު ވަނައަށް

Advertisement

ދާދުގެ ހެޓްރިކުން މާޒިޔާ ހަތަރު ވަނައަށް

ޢަލީ ޝަހީމް

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ބައްދަލުކުރި މެޗުން 4-1 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވެއްޖެއެވެ. މިއަދުގެ މެޗުގައި މާޒިޔާއިން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. މި މޮޅާއެކު މާޒިޔާއަށް ވަނީ ކުޅުނު ހަ މެޗުން 10 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ހަތަރު ވަނައިގައި މާޒިޔާ މިވަގުތު އޮތީ 10 ޕޮއިންޓް ލިބިގެން ފަސްވަނައިގައި ގްރީން ސްޓްރީޓްސް އަށްވުރެ ފައިދާ ގޯލު ގިނަވުމުންނެވެ.

މިއަދު މެޗުގެ ފުރަތަމަ ލަނޑު ދާދު ޖެހީ 15 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޭރިޔާ ބޭރުން ދާދުއަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ކައިރީގައި ހުރި ގްރީންގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހުއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 އިން މާޒިޔާ ކުރީގައި އޮވެގެންނެވެ.

Advertisement

ދެވަނަ ހާފުގައި ގްރީންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 53 ވަނަ މިނެޓުގައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝައްފާޒެވެ. ޝައްފާޒް މި ލަނޑު ޖެހީ ގްރީންގެ ހޯސޭ އަވީލާ ނަގައިދިން ހުރަހަކުން ބޮލުންނެވެ. ޝައްފާޒް ގޯލުގެ ދުރުކަނަށް ބޮލުން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ގްރީންގެ ލަނޑަށްފަހު މާޒިޔާއަށް މެޗުގެ 68 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ސްޓެވާޓެވެ. މި ޕެނަލްޓީ ލިބުނީ އޭރިޔާ ތެރެއިން ގްރީންގެ ސަމްދޫހް މުހައްމަދު މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް ފައުލް ކުރުމުންނެވެ. މާޒިޔާއިން މެޗުގައި ޖެހި ތިންވަނަ ލަނޑު ދާދު ޖެހީ 80 ވަނަ މިނެޓުގައެވެ. ކޯނަރަކުން އޭރިޔާ ތެރޭގައިހުރި ދާދުއަށް ލިބުނު ބޯޅަ ފަސޭހަ ކަމާއެކު ވަނީ ގޯލަށް ވައްދާލާފައެވެ. ދާދު މެޗުގައި ހެޓްރިކް ފުރިހަމަ ކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މިއީ މިއަހަރު މާޒިޔާއަށް ބަދަލުވުމަށްފަހު ދާދު ހެދި ފުރަތަމަ ހެޓްރިކެވެ.

ލީގުގައި މިރޭ ކުޅެން ހަމަޖެހިފައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ މެޗަށް، ވިކްޓްރީން ހާޒިރު ނުވާން ނިންމާފައި ވާތީ މި މެޗު ވަނީ ޓީސީ އަށް ލިބިފައެވެ. ފައިދާ ދެ ގޯލާއި ތިން ޕޮއިންޓާއެކު ޓީސީއަށް މި މެޗު ލިބުމުން އެޓީމަށް ވަނީ 18 ޕޮއިންޓާއެކު ތާވަލުގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *