އެގާރަ ލަނޑު ވަނަސް ފެހެންދޫގެ ހިތްވަރު ފަނޑުވުމެއް ނެތް

Advertisement

އެގާރަ ލަނޑު ވަނަސް ފެހެންދޫގެ ހިތްވަރު ފަނޑުވުމެއް ނެތް

އަބްދުﷲ ޝަހީމް

ރާއްޖޭގައި މިހާތަނަށް ކުޅެވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތަކީ 2015 ވަނަ އަހަރު ރީ-ބްރޭންޑްކޮށްގެން ފެށި ދިވެހި ޕްރިމިއަރ ލީގެވެ. މިދިޔަ ދެ އަހަރާ ތަފާތުކޮށް ދިރާގުން ސްޕޮންސަރ ކޮށްގެން ކުރިއަށްގެންދާ މިއަހަރުގެ ލީގްގައި 10 ޓީމް ވާދަކުރެއެވެ. މީގެތެރޭގައި މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކޮށްގެން ލީގަށް ކޮލިފައިވި އަތޮޅުތެރެއަށް ނިސްބަތްވާ 4 ޓީމް އެބައޮތެވެ. އޭގެތެރެއިންވެސް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ޓީމަކީ މުޅި ރާއްޖޭގެ ނިސްބަތުންވެސް އެންމެ ކުޑަ އެއް އާބާދީއެއް އޮންނަ ބ. ފެހެންދޫގެ ފުޓްބޯޅަ ޓީމެވެ.

އާބާދީ ކިތަންމެ ކުޑަޔަސް ފެހެންދޫއަކީ ފުޓްބޯޅައިގައި އާދައިގެ ރަށެއް ނޫންކަން ދިވެހިންނަށް ސާބިތުކޮށްދިނީ މިއަހަރު އަތޮޅު ތެރޭގައި ބޭއްވުނު މިނިވަން ޗެމްޕިއަންޝިޕުންނެވެ. އެ ޓީމުން އަތޮޅުގެ ޗެންޕިއަންކަން ނެގީ ދިވެހި ފުޓްބޯޅައިގައި ކުރިންވެސް އަދި މިހާރުވެސް ނުފޫޒުގަދަ ބ. އޭދަފުށި ފުޓްބޯޅަ ޓީމް ބަލިކޮށްފައެވެ. އަދި ޅ. ނައިފަރުގައި އޮތް ޒޯން މުބާރާތުގެ ޗެންޕިއަންކަން ފެހެންދޫއިން ހޯދީ ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހުއެވެ. އެހިސާބުން ގިނަ ބަޔަކު ކުރިން އެ ޓީމާ ދޭތެރޭ ކޮށްފާނެކަމަށް ހީވެސް ނުކުރާވަރުގެ ބޮޑު އުއްމީދެއް ކުރަންފެށިއެވެ. ޒޯން ޗެމްޕިއަނުންގެ ބުރުންވެސް ރަގަޅު ކާމިޔާބެއް ހޯދައި ގަލޮޅު ދަނޑުން ފެހެންދޫ ފެނިދާނެ ކަމުގެ އުއްމީދު ގިނަ ބަޔަކު ކުރީ އެހިސާބުން ފެށިގެންނެވެ. ގަލޮޅު ދަނޑުގައި ބޯޅަ ކޮއްޓާލުމަކީ މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރާ ކޮންމެ ޓީމެއްގެ ހުވަފެނަކަށް ވާނެކަން ޔަގީނެވެ. ފެހެންދޫއިން އެހުވަފެން ހަގީގަތަކަށް ހެދީ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅުނު ފައިނަލް ބުރުގެ ސެމީ ފައިނަލުން ޖާގަ ހޯދައި ގަދަ 4 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ފެހެންދޫ ޓީމްގެ މި ހިތްވަރާ އުއްމީދުގެ ދަތުރު ގަލޮޅު ދަނޑުން ފެށީ މުޅި ރަށާއި އަތޮޅަށް ރީތިނަމާއި ޝަރަފު ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައެވެ.

Advertisement

ލީގުގައި ފެހެންދޫއާއި ނިއު ބައްދަލުކުރި މެޗުގެ ތެރެއިން ފެހެންދޫ ޓީމުގެ ކެޕްޓަން އާދަމް ނަސީީމް ނިއުގެ ކަނޑޭލާ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ. އެޓީމު ލީގަށް ކޮލިފައިވީވެސް ގިނަ ބަޔަކު ހައިރާން ކޮށްލާފައި. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ފެހެންދޫ މިހާތަނަށް ހަ މެޗް ކުޅެފައިވާއިރު އެޓީމް ވަނީ 4 ޕޮއިންޓް ހޯދައިފައެވެ. މުބާރާތުގައި ފެހެންދޫ ޓީމުން ކުޅުނު ފުރަތަމަ މެޗުން ވިކްޓްރީ އަތުން ޕޮއިންޓެއް ހޯދުންވީ އެޓީމާއިމެދު ލީގުގެ ބޮޑެތި ޓީމްތަކަށް ސަމާލުވާން ޖެހުނު ސަބަބަކަށެވެ. ދެވަނަ މެޗުން ގަދަފަދަ ޓީސީ ސްޕޯޓްސް ކްލަބުން އަތުން 3-0 ބަލިވެ އަދި ތިންވަނަ މެޗުގައި ގްރީން ސްޓްރީޓް އަތުން 2-0 އިން ބަލިވިޔަސް އެ ޓީމުން ވަނީ އާދަޔާ ހިލާފް ހިތްވަރެއް ދައްކައިފައެވެ. އެ ހިތްވަރާއެކު މުބާރާތުގައި ފެހެންދޫއިން ހަތަރު ވަނައަށް ކުޅުނު މެޗްގައި އަތޮޅުތެރޭގެ ނިސްބަތުން އެންމެ ވަރުގަދަ އެއް ރަށް ކަމަށްވާ ތިމަރަފުށްޓާ ވާދަކޮށް 0-1 އިން މޮޅުވެ ސަޕޯޓަރުން އަނެއްކާވެސް ފަހްރުވެރިވެލާނެ ފުރުސަތެއް ހޯދައިދިނެވެ. މިމޮޅަށްފަހު ލިބުނު ބޮޑު ބްރޭކާއެކު ޓީމަށް ހިންދެމިލާނެ ވަގުތުކޮޅެއް ލިބުނެވެ. އެކަމަކު ބްރޭކަކަށްފަހު މިހާތަނަށް ފެހެންދޫ މި ފެނުނީ ކުރިއާ މާބޮޑަށްވެސް ތަފާތުކޮށެވެ. ދެ މަސްދުވަހުގެ މެދުކެނޑުމަކަށްފަހު ކުޅުނު ފުރަތަމަ މެޗްގައި ށ. ފޯކައިދޫއާ ވާދަކޮށް ބަލިވީ 4-0  ގެ ބޮޑު ތަފާތަކުންނެވެ. ޖެހިގެން އައި މެޗްގައި ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު އަދި މިއަހަރުގެ ސީޒަން ފެށި އިރުވެސް ރަނގަޅު ފޯމެއްގައި އޮތް ނިއުރޭޑިއަންޓާ ވާދަކޮށް 0-11 އިން ވީ ބައްޔާއެކު ބައެއް ސަޕޯޓަރުންނަށް މާޔޫސްކަން ގެނުވިއެވެ.އެކަމަކު އެހާ ބޮޑު ތަފާތަކުން ނިއުރޭޑިއަންޓް އަތުން ބަލިވުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ޓީމުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގެއެވެ.

ފެހެންދޫ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އިންޖަރީގައި ތިބުމަކީ އެމެޗަށް ނިކުތް އިރުވެސް އެޓީމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ފެހެންދޫ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެކިތަންތަނުގައި ވަޒީފާ އަދާކުރަމުންދާ ކުޅުންތެރިންކަމުން، ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ނުލާ ޕްރެކްޓިސްތައް ކުރަންޖެހުމާއި، މެޗަށް މާލެ އައުމުގައި ދަތިތަކެއް ކުރިމަތިވެ، މެޗް އޮތް ދުވަހު މާލެ ދަތުރުކުރަންޖެހުމަކީ ރާއްޖޭގެ އެންމެ ނަންހިނގާ އެއް ކުލަބު އަތުން ހީނުކުރާވަރުގެ ބޮޑު ތަފާތަކުން ބަލިވުމުގެ އަސްލުކަމަށް ޓީމުގެ މެނޭޖަރ އަދި އެކްޓިން ކޯޗް މޫސާ ނަސީމް ގަބޫލުކުރެއެވެ.

އެމެޗާއި ބެހޭގޮތުން ވާހަކަދައްކަމުން މޫސަ ބުނީ އެ ބައްޔަކީ ގަބޫލުކުރަން ދަތި އަދި ޓީމުގެ މޯޓިވޭޝަނަށް އަސަރު ކޮށްފާނެ ބައްޔެއްކަމަށް އޭނަ ގަބޫލު ކުރާކަމަށާއި، ނަމަވެސް ނިއުރޭޑިއަންޓް ވަރުގެ ބޮޑު ޓީމެއް އަތުން ފެހެންދޫ ބޮޑު ތަފާތަކުން ބަލިވުމަކީ މައްސަލައެއްކަމަށް ނުދެކޭ ކަމަށެވެ. އަދި މިބައްޔަކީ ކުރިއަށް އޮތް ތިން މެޗަށް މުހިއްމު ފިލާވަޅަކަށް ވެއްޖެކަމަށާއި ޓީމު އަދިވެސް އޮތީ ހިތްވަރާއިއެކު ކުރިއަށް ދިއުމުގެ ޖޯޝުގައިކަމަށެވެ.

” އަޅުގަނޑުމެން އަދިވެސް އުންމީދު ކަނޑައެއްނުލަން. އަދިވެސް މަސައްކަތް ކުރާނަން މުބާރާތުގެ ގަދަ އަށެއްގައި ފުރަތަމަ ބުރު ނިންމާލަން. މިވަގުތު ޓީމުގެ ޓާގެޓަކީ މުބާރާތުގެ ގަދަ އަށެއްގައި ހިމެނުން” މޫސަގެ އުއްމީދުތައް “ފަހުމިނެޓް” އާ ހިއްސާކުރަމުން ބުންޏެވެ.

ފެހެންދޫ ޓީމުގެ މެނޭޖަރ މޫސަގެ ވަރަށް ހާއްސަ މެސެޖެއްވެސް އޭނާގެ ޓީމަށް ހެޔޮއެދޭ ފަރާތްތަކަށާއި ރަށު ރައްޔިތުންނަށް އަދި ހުރިހާ ސަޕޯޓަރުންނަށް “ފަހުމިނެޓް” މެދުވެރިކޮށް ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ. މުބާރާތުގެ މިހާ ހިސާބުން ޓީމުގެ ހިތްވަރު އަދި އެލުވާނުލާނެ ކަމަށާއި ކުރިއަށް އޮތް ތިން މެޗުން މަދުވެގެން 4 ޕޮއިންޓް ހޯދުމުގެ އަޒުމުގައި މަސައްކަތްކުރާނެކަމަށް މޫސަ ފާހަގަކުރިއެވެ.

“މޫސަ ދޭން އޮތް މެސެޖަކީ ޓީމުގެ ފަހަތުގައި ދެގޮތެއް ނުވެ ތިއްބަވާށޭ. މުޅި ރަށް ފަހުރުވެރިވާ ވަރުގެ ނަތީޖާތަކެއް މިހާރުވެސް ޓީމް ނެރެފިއޭ. އަދި ކުރިއަށް އޮތްތާގަވެސް ކާމިޔާބީތައް ލިބޭނީ ތިޔަ ފަރާތްތަކުގެ އެހީތެރިކަމާއި މަދަދާއި ހެޔޮ ދުއާ އާއިއެކުއޭ. ކުރިއަށް އޮތް ތިން މެޗުން ނެގެން އޮތް އެންމެ ގިނަ ޕޮއިންޓެއް ނަގައި، މުބާރާތުގެ ގަދަ އަށެއްގައި ހިމެނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ. ޓީމުގެ ކޮންމެ ކުޅުންތެރިއަކާއި އޮފިޝަލެއްގެވެސް މިހާރުގެ އަޒުމަކީ މިއީ” މޫސަ ބުންޏެވެ.

މިމަހުގެ 6 ވަނަ ދުވަހު ފެހެންދޫ ބައްދަލުކުރާނީ މިވަގުތު ޕޮއިންޓް ޓޭބަލްގެ ހަތް ވަނައިގައި އޮތް ނިލަންދޫ އާއެވެ. އެއަށްދަހު ކްލަބް އީގަލްސް އާއި ފެހެންދޫ ބައްދަލު ކުރާ މެޗް އޮންނާނީ އޮކްޓޯބަރ 11 ވަނަ ދުވަހުއެވެ. ލީގުގެ ފުރަތަމަ ބުރުގައި ފެހެންދޫ ކުޅޭ ފަހު މެޗްގައި މިމަހު 16 ވަނަ ދުވަހު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް ކުލަބާއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *