އީގަލްސް އަތުންވެސް ތިމަރަފުށި ބޮޑު ތަފާތަކުން ބަލިވެއްޖެ

Advertisement

އީގަލްސް އަތުންވެސް ތިމަރަފުށި ބޮޑު ތަފާތަކުން ބަލިވެއްޖެ

ޢަލީ ޝަހީމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ވާދަކުރި މެޗުން 9-0 ގެ ބޮޑު ތަފާތަކުން ތ. ތިމަރަފުށި ބަލިވެއްޖެއެވެ. ފުޓްބޯޅައިގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގަލޮޅު ދަނޑަށް ނެރެމުން އަންނަ ތިމަރަފުށި ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ވާދަކުރަނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.

މިރޭގެ މެޗުން ބޮޑު ތަފާތަކުން އެޓީމު ބަލިވިއިރު ލީގު ހުޅުވި މެޗުގައި ނިއު ރޭޑިއަންޓް އަތުންވެސް ވަނީ 10-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ކުޅުނު ހަމަޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ. އެޓީމަށް ޕޮއިންޓެއް ލިބުނީ ށ. ފޯކައިދޫއާއި ވާދަކުރި މެޗު 2-2 އިން އެއްވަރުކޮށްގެންނެވެ. ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމަށް މިހާތަނަށް ލަނޑު ޖެހިފައިވަނީވެސް ހަމައެކަނި ފޯކައިދޫ ކޮޅަށެވެ. މާލީ ދަތިކަމުގެ ސަބަބުން ރަށުގައި ތިބި މުހިއްމު ކުޅުންތެރިން މެޗު ކުޅޭ ދުވަސްތަކުގައި ނުގެނެވުމުގެ ސަބަބުން އެޓީމު އަސްލު ކުޅުން ދެއްކުމުގައި އުނދަގޫތަކެއް ހުރިކަމަށް މީގެ ކުރިން ޓީމުން ވަނީ ބުނެފައެވެ.

Advertisement

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އީގަލްސް ވަނީ 11 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީގުގެ ފުރަތަމަކޮޅު ފޯމު ދަށްކޮށް ފެނުނު ނަމަވެސް އެޓީމު ވަނީ އެންމެ ފަހުން ކުޅުނު ތިންމެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފައެވެ. ޕްރިމިއަރ ލީގު ދެމަސްދުވަހަށް މެދުކަނޑާލުމުގެ ކުރިން ކުޅުނު މެޗުން އެޓީމު ވަނީ 3-1 އިން ވިކްޓްރީ ބަލިކޮށްފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން އެޓީމު މޮޅުވީ 1-0 އިންނެވެ.

މިރޭގެ މެޗުގައި އީގަލްސްއިން ޖެހި ނުވަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހްމަދު ރިޒުވާން (ރިޒޭ) އެވެ. އަނެއް ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ހުސައިން ސިފާއު ޖެހިއިރު މުހައްމަދު ނާއިމް އާއި އަހްމަދު ނޫމާނާއި ހަސަން ރާއިފް (ހަންނަ) ވެސް ވަނީ ލަނޑު ޖަހާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ޖެހީ ހުސައިން ސިފާއު އެވެ. ދެވަނަ ލަނޑު 13 ވަނަ މިނެޓުގައި ރިޒޭ ޖެހިއިރު ތިންވަނަ ލަނޑު 39 ވަނަ މިނެޓުގައި ޖެހީ ސިފާއު އެވެ. ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ރިޒޭ އަދި ނާއިމް އެވެ.

ރިޒޭގެ ހެޓްރިކް އަދި އީގަލްސްގެ ހަވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖެހިއިރު އޭގެ ފަސްމިނެޓު ފަހުން ހަތްވަނަ ލަނޑު ޖަހައިދިނީ ހަސަން ރާއިފް އެވެ. މެޗުގައި ރިޒޭ ޖެހި ހަތަރު ވަނަ ގޯލު ފެނުނީ 88 ވަނަ މިނެޓުގައެވެ. އީގަލްސްގެ ނުވަ ވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ ޑިފެންޑަރ ނޫމާން އެވެ. ނޫމާން ވަނީ އެންމެ ފަހުން ގްރީންއާއި ކުޅުނު މެޗުގައިވެސް އީގަލްސްގެ ހަމައެކަނި ލަނޑު ޖަހާފައެވެ.

ލީގުގައި މާދަމާވެސް ދެމެޗެއް ކުޅެވޭނެއެވެ. މާދަމާ ހަވީރު މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ވިކްޓްރީއާއި ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *