ނިލަންދޫ އަތުން ފޯކައިދޫއަށް މުހިއްމު މޮޅެއް

Advertisement

ނިލަންދޫ އަތުން ފޯކައިދޫއަށް މުހިއްމު މޮޅެއް

ޢަލީ ޝަހީމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫ 2-0 އިން ބަލިކޮށް ށ. ފޯކައިދޫ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ދެވަނަ ޓީމުގެ ގޮތުގައި ލީގަށް ކޮލިފައިވެ ފޯކައިދޫން އަންނަނީ ލީގުގައ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި އެޓީމު ބަލިވީ ތ. ތިމަރަފުށި އަތުންނެވެ.

މި މޮޅާއެކު ފޯކައިދޫ ވަނީ އަށް ޕޮއިންޓާއިއެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި ނިއު ރޭޑިއަންޓް އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ކުޅުނު މެޗުގައި ތ. ތިމަރަފުށި ބަލިކޮށް ކްލަބް އީގަލްސް ވަނީ 11 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ހަތަރު ވަނައިގައި 10 ޕޮއިންޓާއެކު އޮތީ ގްރީން ސްޓްރީޓްސް އެވެ. މި މެޗުން ބަލިވި ނިލަންދޫ ޓީމު އޮތީ ލިބުނު ހަތަރު ޕޮއިންޓާއިއެކު އަށް ވަނައިގައެވެ.

މިއަދުގެ މެޗު ފެށިގެން ނިލަންދޫގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މެޗުގެ ފުރަތަމަ ފުރުސަތު ފަސްވަނަ މިނެޓުގައި ލިބުނީވެސް ނިލަންދޫއަށެވެ. އެޓީމުގެ އާދިލް އަލީ ފޮނުވާލު ބޯޅަ ފޯކައިދޫގެ ޑިފެންޑަރެއް ބްލޮކް ކުރިއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ނިލަންދޫ ޓީމުން ނެގި ހުރަހެއްގައިވެސް އާދިލް ވަނީ ގޯލެއް ޖެހުމާއި ގާތަށް ޖެހިލާފައެވެ. ކީޕަރު ބޯމަތިން ދިޔަ ބޯޅަ އާދިލް ބޮލުން ޖެހުމުން ސާފުކޮށްލީ އެވަގުތު ގޯލުގެ ރޮނގުމަތީގައި ހުރި ފޯކައިދޫގެ ޑިފެންޑަރެކެވެ. ފުރަތަމަ ހާފުގައި ފޯކައިދޫގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ އެޓީމަށް ލިބުނު ކޯނަރެއްގައެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެޓީމުގެ ހަސަން ސުފިޔާން ނަގައިދިން ކޯނަރު ސީދާ ގޯލާ އަމާޒުވިއިރު އެބޯޅަ ވަނީ ނިލަންދޫގެ ގޯލް ކީޕަރު އަލީ ސޮބާހު މަތަކޮށްފައެވެ. އެއަށްފަހު 34 ވަނަ މިނެޓުގައި ފޯކައިދޫ ޓީމުގެ ހަސަން ނަޒީމް ނިލަންދޫގެ ދެކުޅުންތެރިން ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ކީޕަރު މަތަކުރިއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުން ވަނީ ލަނޑެއް ޖަހަން މަސައްކަތް ކޮށްފައެވެ. ދެވަނަ ހާފުގައި ފުރަތަމަ ހާފަށްވުރެ ފޯކައިދޫ ޓީމުން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. މެޗުގައި ނިލަންދޫއަށް މައްސަލަތައް ކުރިމަތިވީ 74 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ޑިފެންޑަރ ހަބީލާ މަރްލޫއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދެއްކީ ފޯކައިދޫން އުފެއްދި ހަމަލާއެއް ހުއްޓުވަން ބޯޅައިގައި އަތްލުމުންނެވެ. ނިލަންދޫ ޓީމުގެ އެއްކުޅުންތެރިއަކު މަދުވުމުން އެޓީމުގެ ޑިފެންސަށް ވަނީ ބާރު ބޮޑުވެފައެވެ.

މެޗުގައި ފޯކައިދޫ ޓީމުގެ ފުރަތަމަ ލަނޑު 81 ވަނަ މިނެޓުގައި ޖެހީ އަހްމަދު ޝަމާލެވެ. ނިލަންދޫގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅަ ވަނުމުގެ ކުރިން ޝަމާލް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ފޯކައިދޫގެ ދެވަނަ ގޯލު 86 ވަނަ މިނެޓުގައި ޖެހީ ލީގުގައި ތަފާތުމޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ މުހައްމަދު ޖައިލަމެވެ. ޖައިލަމް މި ލަނޑު ޖެހީ ނިލަންދޫ ހާފުގެ މެދުތެރެއިން ދިން ޕާހެއްގައި އޮފްސައިޑް މަޅިން ސަލާމަތްވެ ގޯލު އޭރިޔާ ތެރެއަށްވަދެ ތިރިތިރިން ގޯލާ އަމާޒުކޮށްލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ޖައިލަމެވެ. ޖައިލަމް ވަނީ ލީގުގައި މިހާތަނަށް ފަސް ގޯލު ޖަހާ ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *