މަރަޑޯނާ މެސީއަށް: ގައުމީ ޓީމަށް ދެން ނުކުޅޭތި

Advertisement

މަރަޑޯނާ މެސީއަށް: ގައުމީ ޓީމަށް ދެން ނުކުޅޭތި

ޢަލީ ޝަހީމް

ވޯލްޑް ކަޕްގެ ނާކާމިޔާބީއަށްފަހު އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުމާއިމެދު މިހާތަނަށް ގޮތެއް ނިންމާފައިނުވާ ލިއޮނެލް މެސީ އެންމެ ރަނގަޅު ވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ކަމަށް ޑިއޭގޯ މަރަޑޯނާ ބުނެފިއެވެ. ވޯލްޑް ކަޕްގައި ދެވަނަ ބުރުގައި އާޖެންޓީނާ ކެޓީ ޗެމްޕިއަން ފްރާންސާއި ވާދަކޮށް ބަލިވުމުންނެވެ. ވޯލްޑް ކަޕުން ކެޓުމުން ކުރިމަތިވި ފާޑުކިއުންތަކަށް ފަހު އެޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ވަނީ އަމިއްލައަށް މަގާމުން ވަކިވެފައެވެ. އެއަށްފަހު ވަގުތީ މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ލިއޮނެލް ސްކަލޮނީ އެންމެ ފަހުން ނެގި ދެ ސްކޮޑުގައިވެސް މެސީ ހިމަނާފައެއް ނުވެއެވެ.

“އަހަރެން މެސީއަށް ބުނާނީ ކީކޭ؟. މީގެ ފަހުން އަލުން ކުޅެން ނައުމަށް. ރިޓަޔާ ކުރުމަށް” އާޖެންޓީނާގެ ނޫހަކަށް މިދިޔަ އާދީއްތަ ދުވަހު ދިން އިންޓަވިއުއެއްގައި މަރަޑޯނާ ބުންޏެވެ.

މަރަޑޯނާ ބުނީ، އާޖެންޓީނާގެ 15 އަހަރުން ދަށުގެ ޓީމެއް ބަލިވިޔަސް ޒިންމާ ނަގަންޖެހެނީ މެސީ ކަމަށެވެ. ކޮންމެ ކަމެއް ދިމާވާއިރަށް މެސީއަށް އެކަމުގެ ޒިންމާ ހަވާލު ކުރުމަކީ އިންސާފެއް ނޫންކަމަށް މަރަޑޯނާ ބުނެފައިވެއެވެ. މެސީއަށް މުޅި ގައުމު އުއްމީދު ކުރިޔަސް ތަށި ނުލިބުމަކީ ހަމައެކަނި މެސީގެ މައްސަލައެއް ނޫންކަމަށް މަރަޑޯނާ ބުންޏެވެ.

އާޖެންޓީނާގެ ކޯޗުކަމާއި ހަވާލުވާން އެންމެ ރަނގަޅުވާނީ 1978 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ސެސާ ލުއިސް މެނޮއްޓީ،79އ ކަމަށް މަރަޑޯނާ ބުނެފައިވެއެވެ. އާޖެންޓީނާގެ ވަގުތީ ކޯޗު ސްކަލޮނީ ވަނީ އެޓީމުގެ 10 ނަންބަރު ޖާޒީ މެސީއަށް ހާއްސަކުރަން އެނަންބަރު އެހެން ކުޅުންތެރިއަކަށް ނުދޭނެކަމަށް ބުނެފައެވެ. ސްކަލޮނީގެ މި ނިންމުމާއި ގުޅިގެން މަރަޑޯނާ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

“އަހަރެން ގޮސް މެސީއަށް 10 ނަންބަރު ޖާޒީ ދިނިން. ޓީމުގައި ދެން 10 ނަންބަރަށް ކުޅޭނެ ކުޅުންތެރިޔާއަށް މެސީ ޖެހޭނެ ޖާޒީ ދޭން. މިއީ ވަރަށް ގަބޫލު ނުކުރެވޭ ސަބަބެއް. މިކަމާހެދި އަހަރެން ވަރަށް ހިތްހަމަނުޖެހޭ” މިހާރު މެކްސިކޯގެ ދެވަނަ ޑިވިޝަންގެ ކްލަބް ޑޮރަޑޮސްގެ ކޯޗުކަމާއި ހަވާލުވެފައިވާ ކޯޗު ބުންޏެވެ.

“އޭނާއަކީ ޓްރެފިކްވެސް މެނޭޖް ނުކުރެވޭ ކޯޗެއް. ކިހިނެއް ގައުމީ ޓީމު ހަވާލު ކުރާނީ؟. މިހާރު ސްކަލޮނީ ބުނަނީ އޭނާ ހުރީ ތައްޔާރަށް ކަމަށް. އަހަރެން ނުދެކެން އޭނާ ގައުމީ ޓީމަށް ގޯލެއް ޖެހި ތަނެއްވެސް. ކޯޗެއްގެ ގޮތުގައި ސްކަލޮނީއަށް އަހަރެން ބުނާނީ ނޫނެކޭ” މިހާރުގެ ވަގުތީ ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔަމުން މަރަޑޯނާ ބުންޏެވެ.

ސްކަލޮނީ ވަނީ 2003 ވަނަ އަހަރުން 2006 ވަނަ އަހަރާއި ހަމައަށް އާޖެންޓީނާ ޓީމަށް ހަތް މެޗު ކުޅެދީފައެވެ. ނަމަވެސް އެޓީމަށް އޭނާއަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އާޖެންޓީނާއާއަށް ކުޅުމާމެދު މެސީ ގޮތެއް ނިންމާފައި ނުވިޔަސް ސްކަލޮނީ ބުނީ އެކަމުގައި އަވަސް އަރުވާލުމެއް ނެތްކަމަށެވެ. އޭނާ ބުނީ މެސީގެ މައްސަލައިގައި ގޮތެއް ނިންމާނީ ދާއިމީ ކޯޗެއް ހަމަޖެހުމުން ކަމަށެވެ.

“މެސީ ނެތުމުގެ އިހުސާސް ކުރެވޭ. އެކަމަކު އަހަރެމެން އެބަޖެހޭ މެސީއަށް ހުސް ވަގުތުކޮޅެއް ދޭން. އޭނަ އެބަޖެހޭ އާއިލާއާއެކު ވަގުތު ހޭދަކުރަން. ދިރިއުޅުމުން ހިތްހަމަޖެހުން ހޯދަން” މިދިޔަ މަހުގެ ކުރީކޮޅު ރަހްމަތްތެރިކަމުގެ މެޗެއްގައި ގުއަޓަމާލާއާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ސްކަލޮނީ ބުންޏެވެ.

މެސީ ވަނީ 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޗިލީއާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށްފަހު ގައުމީ ޓީމުން ރިޓަޔާ ކޮށްފައެވެ. މެސީ އަލުން ކުޅުމުގެ ތެރެއަށް އައީ ގިނަ ބަޔަކު ގައުމީ ޓީމަށް ކުޅެން އެދެމުން ދިޔުމުންނެވެ. ބާސެލޯނާގައި ދައްކާ ކުޅުން އާޖެންޓީނާގައި މެސީއަށް ނުދެއްކޭތީ އަބަދުވެސް އެކަމުގެ ޕްރެޝަރ މެސީއަށް އޮވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *