އެމްބާޕޭގެ ވާހަކަ ދެއްކުމުން ގާޑިއޯލާ ރުޅިގަދަވެއްޖެ
ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އުމުރުން 19 އަހަރުގެ ކިލިއަން އެމްބާޕޭ މެންޗެސްޓަރ ސިޓީއަށް ގެންދިއުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ޕެޕް ގާޑިއޯލާ ރައްދު ދީފިއެވެ. ފްރާންސާއި އެކު މިއަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ހުނަރުވެރި ފޯވާޑް ގެންދަން ސިޓީން 200 މިލިއަން ޕައުންޑް ހުށަހަޅަށް އުޅޭކަމުގެ ވާހަކަތައް މިދިޔަ ހަފްތާ ބަންދުގައި ވަނީ ދެކެވިފައެވެ.
“ތިއީ ނުވާނެ ކަމެއް. ބައެއްފަހަރު އަހަރެންނަކަށް ނޭނގޭ މި ހަބަރުތައް އަންނަ ގޮތެއް. މެންޗެސްޓަރ ސިޓީއަކުން އެމްބާޕޭއަށް ހައްގުވާ ފައިސާއެއް ހަރަދެއް ނުކުރާނެ. ޕީއެސްޖީންވެސް އެފެންވަރުގެ ކުޅުންތެރިއަކު ދުނިޔޭގެ އެހެން ކްލަބަކަށް މިއިން އަހަރަކު ވިއްކާކަށް ބޭނުމެއް ނުވާނެ. އެހެން ކުޅުންތެރިއަކާ ބަދަލު ކުރާކަށްވެސް އެމްބާޕޭ ސިޓީއަކަށް ނާންނާނެ” އެމްބާޕޭއަށް އަގު ހުށަހަޅަށް ޝައުގުވެރިވާކަމަށް މީޑިޔާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން ހިތްހަމަ ނުޖެހިފައި ހުރެ ގާޑިއޯލާ ބުންޏެވެ.
ސިޓީން ވަނީ މީގެ ކުރިން ދެފަހަރަކު އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ކޮށްފައެވެ. 2016 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި މޮނާކޯއިން ވަނީ އެމްބާޕޭގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. އޭގެ އެއް ސީޒަން ފަހުންވެސް ސިޓީން ވަނީ އެމްބާޕޭ ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މޮނާކޯއިން ލޯނު އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ބަދަލުވީ ޕީއެސްޖީއަށެވެ. އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. އުމުރުން އެންމެ 19 އަހަރުގައިވެސް އެމްބާޕޭ އަންނަކީ ކްލަބާއި ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.
“ހަބަރުތައް އަންނަ ގޮތެއް އަހަރެންނަށް ނޭނގޭ. މީހުން އެބަޖެހޭ ޕީއެސްޖީ އަށާއި މެންޗެސްޓަރ ސިޓީއަށް ތަންކޮޅެއް ބޮޑަށް އިހުތިރާމް ކުރަން. ދެޓީމުގެ ކުޅުންތެރިންނަށްވެސް އިހުތިރާމް ކުރަން. އެމީހުނަށް އިހްތިރާމް ހައްގު” ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަނުގެ ހޮފެންހައިމްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ފްރާންސްގެ ލިޔޯން އަތުން ބަލިވުމުން ގާޑިއޯލާ ބުނީ ބާކީ އޮތް ފަސް މެޗަކީ ފަސް ފައިނަލް ކަމަށެވެ.
“ދެވަނަ ބުރަށް ކޮލިފައިވާން އަހަރެމެނަށް އޮތީ ފަސް ފައިނަލް. ފުރަތަމަ މެޗު އަހަރެމެނަށް ގެއްލުނީމަ އެބަ އެނގޭ އަހަރެމެން މިއޮތް ހާލަތު” ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ސިޓީއާއި ހޮފެންހައިމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:55 ގައެވެ. ސިޓީއާއެކު މި ގްރޫޕްގައި ހިމެނެނީ ލިޔޯން އާއި ޝަކްތާ ޑޮނެސްކެވެ.
Advertisement
Leave a Reply