ފެހެންދޫ އަތުން ނިއު ރޭޑިއަންޓަށް ލީގުގެ ރެކޯޑެއް

Advertisement

ފެހެންދޫ އަތުން ނިއު ރޭޑިއަންޓަށް ލީގުގެ ރެކޯޑެއް

ޢަލީ ޝަހީމް

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ބ. ފެހެންދޫ ބޮޑު ތަފާތަކުން ބަލިކޮށް ނިއުއިން އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ޕްރެޝަރ ބޮޑުކޮށްފިއެވެ. މިއަދުގެ މެޗު ނިއުއިން ކާމިޔާބު ކުރީ 11-0 އިންނެވެ. މިއީ މިފަހަރުގެ ލީގުގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މިމެޗުގެ ކުރިން އެންމެ ތަފާތު ބޮޑުކޮށް ލީގުގައި ބަލިވެފައިވަނީ ތ. ތިމަރަފުށްޓެވެ. ލީގު ހުޅުވި މެޗުގައި ނިއު ރޭޑިއަންޓް އަތުން އެޓީމު ބަލިވީ 10-0 އިންނެވެ.

މި މޮޅާއެކު ނިއުއަށް ތާވަލުގެ ދެވަނަ ލިބެނީ 13 ޕޮއިންޓާއިއެކު އެވެ. އެއްވަނައިގައި ޓީސީ އޮތީ 15 ޕޮއިންޓާއި އެކުއެވެ. ނަމަވެސް ބުދަ ދުވަހުގެރޭ ވިކްޓްރީއާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ޓީސީއަށް ފަސް ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ. މިއަދުގެ މެޗުން ބޮޑު ތަފާތަކުން ބަލިވުމުން ފެހެންދޫ ވަނީ ތާވަލުގެ ނުވަ ވަނައަށް ވެއްޓިފައެވެ.

މިއަދުގެ މެޗުގައި ނިއުއިން ޖެހި 11 ލަނޑުގެ ތެރެއިން އަލީ ފާސިރު (ސެންޓޭ) ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. ނިއުގެ އަނެއް އަށް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަތުހިއޭ ކިޕްސަން އެވެ. މީގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު އުމެއިރުގެ އިތުރުން ލުއިސް ރުއިޒް ޕަޒް (ކަންޑޭލާ) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އަދި ހަސަން އަދުހަމާއި އިބްރާހީމް އަތީގް ހަސަން ވެސް ވަނީ މިއަދުގެ މެޗުގައި ލަނޑު ޖަހާފައެވެ.

މިއަދުގެ މެޗަށް ނިއުއިން ވަނީ އެންމެ ފަހުން ޓީސީއާއި ވާދަކުރި މެޗުގައި ބެންޗުގައި އިން ހަމްޕު ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައިވެސް އަކްރަމް އަބްދުލްގަނީ މިއަދުގެ މެޗުގައިވެސް ކުޅެފައެއް ނުވެއެވެ. ފެހެންދޫ ޓީމުން ވަނީ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި އަލީ ހާފިޒް (ހާއްޕެ) ފުރަތަމަ ފަހަރަށް ހިމަނާފައެވެ. މީގެ އިތުރުން އާއްމުކޮށް ފުރަތަމަ އެގާރައިގައި ނުހިމެނޭ އާދަމް ނިޒާމް ވެސް ވަނީ މިއަދު މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

މެޗު ފެށިގެން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފެހެންދޫއަށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ނިއު ރޭޑިއަންޓުގެ ހިސާމް ސަލީމް ބޮލުން ފަހަތަށް ޖައްސާލި ބޯޅަ ސީދާ ލިބުނީ ފެހެންދޫ ޓީމުގެ އަހްމަދު ނިޒާމް (ނިޒާމްބެ) އަށެވެ. އޭރިޔާތެރޭގައި ހުސްކޮށް ހުރެ ނިޒާމްބެ ފޮނުވާލި ބޯޅަ ދިޔައީ ގޯލު އަރިމަތިން ބޭރަށެވެ. ނިއުގެ ފުރަތަމަ ހަމަލާ ފެނުނީ 10 ވަނަ މިނެޓުގައެވެ. ނިއުގެ ސެންޓޭ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިންނެވެ.

އޭގެ ފަސް މިނެޓުފަހުން ނިއުއަށް ލީޑު ނަގައިދިނީ ކަންޑޭލާ އެވެ. ކަންޑޭލާ މި ލަނޑު ޖެހީ އަހްމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަހެއް ގޯލުގެ މަތީ ކަނަށް ބޮލުން ޖަހާ ފޮނުވާލައިގެންނެވެ. ނިއުގެ ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ޖެހީ ހަމްޕުގެ އެހީތެރިކަމާއެކު ސެންޓޭ އެވެ. އޭރިޔާ ތެރެއިން ހަމްޕުއަށް ލިބުނު ބޯޅައަށް ކީޕަރު އެރުމުން ގޯލަށް ފޮނުވާލި ބޯޅަ ފެހެންދޫގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ލިބުނީ ސެންޓޭއަށެވެ. ސެންޓޭއަށް ލިބުނު ބޯޅަ ގޯލްގެތެރެއަށް ފޮނުވާލިއިރު ފެހެންދޫގެ ދެ ކުޅުންތެރިއަކު އެ ބޯޅަ ދިފާއު ކުރަން މަސައްކަތް ކުރިއެވެ.

ނިއުގެ ތިންވަނަ ލަނޑުގެ 26 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ފޯވާޑް ކިޕްސަން އަތުހިއޭ އެވެ. މެދުތެރެއިން ކަންޑޭލާ އޭރިޔާތެރޭގައި ހުރި ކިޕްސަން އަށް ހުސްކޮށްލާފައި ދިންއިރު ފެހެންދޫގެ ޑިފެންސް ލައިންގައި ތިބި ކުޅުންތެރިންނަށް ފުރުސަތެއް ނުދީ ކިޕްސަން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ތިރިތިރިން ގޮހެވެ. ނިއުގެ ތިން ލަނޑަށްފަހު ފެހެންދޫން ވަނީ ދެ ހަމަލާއެއް ނިއުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. 29 ވަނަ މިނެޓުގައި ނިޒާމްބެ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ހިފެހެއްޓިއިރު އޭގެ ތިން މިނެޓުފަހުން ހާއްޕެ ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މެޗުގެ 35 މިނެޓުގައި ނިއުގެ ހަތަރު ވަނަ ލަނޑު ޖެހީވެސް ކިޕްސަންއެވެ. ކިޕްސަން މި ލަނޑު ޖެހީ ފެހެންދޫގެ ތިން ކުޅުންތެރިން ކައިރިން ހަމްޕު ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ފެހެންދޫގެ ކީޕަރު އަތުގައި ޖެހިފައި ނުކުތުމުންނެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ފެހެންދޫގެ ނިޒާމްބެއާއި ހާއްޕެ ގާތްގާތުގައި ފޮނުވާލި ދެ ހަމަލާ ފައިސަލް ވަނީ ދިފާއު ކޮށްފައެވެ. މި ހާފު ފެށިގެން ފެހެންދޫ ޓީމުން ދިޔައީ ނިއުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަމުންނެވެ. ނަމަވެސް ނިއުއިން އުފެއްދި ހަމަލާއެއްގައި 60 ވަނަ މިނެޓުގައި ސެންޓޭ ވަނީ ނިއުއަށް ފަސްވަނަ ގޯލު ޖަހައިދީފައެވެ. އޭރިޔާ ތެރެއިން ސެންޓޭއަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލުގެ ތެރެއަށް ވަނީ ފެހެންދޫގެ ޑިފެންޑަރ މުހައްމަދު އަރީފް ގައިގައި ޖެހިފައެވެ. އޭގެ ދެމިނެޓުފަހުން ނިއުއަށް ލިބުނު ޕެނަލްޓީއެއްގައި ހަމްޕު ވަނީ ހަވަނަ ގޯލު ޖަހާފައެވެ. ނިއުއަށް ޕެނަލްޓީ ލިބުނީ އޭރިޔާ ތެރެއިން ފެހެންދޫގެ ކުޅުންތެރިއަކު ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) އަށް ފައުލް ކުރުމުންނެވެ. ބޮޑު ލީޑަކަށްފަހު ނިއުއިން ވަނީ ކިޕްސަންގެ ބަދަލުގައި ރިހާމް އަބްދުލްގަނީ (ބޮބީ) ކުޅެން އަރުވާފައެވެ.

ސެންޓޭ މެޗުގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 72 ވަނަ މިނެޓުގައެވެ. އޭރިޔާތެރޭގައި ހުހަށްހުއްޓައި އޭނާއަށް ލިބުނު ބޯޅަ ފޮނުވާލިއިރު އެ ބޯޅަ ހުއްޓުވަން ފެހެންދޫގެ ކުޅުންތެރިންނަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މިއީ ސެންޓޭ މި ސީޒަނުގައި ޖެހި 22 ވަނަ ލަނޑެވެ. އޭގެ ދެމިނެޓު ފަހުން ފެހެންދޫގެ ހުސައިން ޝަރީފް (އޮންލީ) ސެންޓޭއަށް ކުރި ފައުލަކަށް ނިއުއަށް އިތުރު ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީން ނިއުއަށް އަށްވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އުމައިރެވެ. މެޗުގެ 88 ވަނަ މިނެޓުގައި ނިއުގެ 9 ވަނަ ލަނޑު ޖެހީ ބޮބީ އެވެ. ހަސަން އަދުހަމް ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ ބޮބީ ގޯލުގެ ތެރެއަށް ފޮނުވާލީ އޭރިޔާތެރޭ ހުހަށް ހުރެއެވެ. އިތުރު ވަގުތުގައި ނިއުއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ލަނޑުތައް ޖަހައިދިނީ ހަސަން އަދުހަމާއި އިބްރާހީމް އަތީގް ހަސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ސެންޓޭ އެވެ.

ލީގުގެ މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ. ފޯކައިދޫއާއި ފ. ނިލަންދޫއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *