އައިސް ޓީވީން ދިވެހި ޕްރިމިއަރ ލީގު ދައްކަން ފަށަނީ
އައިލެންޑް ކޮމިއުނިކޭޝަން އެންޓަރޓެއިންމަންޓް (އައިސް) ޓީވީން ދިރާގު ދިވެހި ޕްރިމިއަރ ލީގު ދައްކަން ތައްޔާރުވެއްޖެއެވެ. ކުޅިވަރާއި މުނިފޫހިފިލުވުމާއި ގުޅުންހުރި ޝައުގުވެރި ގިނަ ޕްރޮގްރާމްތަކެއް ގެނެސްދޭ އައިސް ޓީވީން ދިވެހި ޕްރިމިއަރ ލީގު ދައްކަންފަށާ މިއީ ފުރަތަމަ ފަހަރެވެ. ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް އެޓީވީން ދައްކަން ފަށާނީ މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ބ. ފެހެންދޫ ބައްދަލުކުރާ މެޗުންނެވެ.
ރާއްޖޭގައި ކުޅޭ އެންމެ ބޮޑު ލީގުގެ ކުޅުން ޓީވީން ވަގުތުން ނުފެންނާތީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ނަމަވެސް އައިސް ޓީވީން މި މަސައްކަތް ފެށުމާއެކު ރަނގަޅު ފެންވަރެއްގައި އާއްމުންނަށް ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ފެންނާނެކަމަށް އެޓީވީން ބުނެއެވެ. އައިސް ޓީވީން މިމެޗުތައް ވަގުތުން ގެނެސްދެނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެޗުތަކުގެ ސްޓްރީމިންގ ކޮންސަލްޓެންޓް ހާފް ކޯޓް މޯލްޑިވްސް އާއި ގުޅިގެންނެވެ.
“މިއީ ދިވެހި ފުޓްބޯޅަ ބަލަން ބޭނުންވާ ފަރާތްތަކަށް ދޫކޮށްލާ ހަދިޔާއެއް. ވަރަށް ގިނަ ބަޔަކު ބޭނުންވޭ މި މެޗުތައް ބަލަން. ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުން ކުޅޭއިރު އެރަށްތަކަށް މެޗެއް ނުފެނޭ ޓީވީން ލައިވް ނުކުރާތީ. އަޅުގަނޑުމެން ހަމައެކަނި ލައިވް ކޮށްލާނީއެއް ނޫން. މެޗުގެ ކުރިންނާއި ހާފްޓައިމް އަދި މެޗު ނިމުނީމަވެސް ޝޯ ގެނެސްދޭގޮތަށް ހަމަޖެހިފައިވަނީ. މިއީ ފަހުގެ ތާރީހެއްގައި ފެނިފައި ނުވާކަމެއް” އައިސް ޓީވީން މައުލޫމާތުދިނެވެ.
ލީގު މެޗުތަކުގެ ޕްރީ ޝޯތައް ގެނެސްދެނީ މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގު މެޗުތައްވެސް ގެނެސްދިން ގޮތަށެވެ. އައިސް ޕްރިމިއަރ ލީގު ހުށަހަޅައިދިން ޓީމާއެކު ދިވެހި ޕްރިމިއަރ ލީގުގެ ކޮންމެ މެޗެއް ފެށުމުގެ 30 މިނެޓު ކުރިން ޕްރީ ޝޯވ ފަށާނެކަމަށް އެޓީވީން ބުނެއެވެ. ނަމަވެސް މިހާރުވެސް އެޓީވީން ވަގުތުން ދައްކަމުންގެންދާ އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗަކާއި އެއްގަޑިއެއްގައި ދިވެހި ޕްރިމިއަރ ލީގު މެޗެއް ދިމާވެއްޖެނަމަ ދައްކާނީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗަށްކަމަށް އެޓީވީން ބުނެއެވެ. އައިސް ޓީވީން ބުނީ އާއްމުންގެ ތަރުހީބަށް ބަލައި ކުރިއަށް އޮތްތަނުގައި ހުރިހާ މެޗެއްވެސް ގެނެސްދޭން މަސައްކަތް ކުރާނެކަމަށެވެ.
އައިސް ޓީވީން އިނގިރޭސި ޕްރިމިއަރ ލީގު މިދިޔަ ދެސީޒަނުގައިވެސް ޝައުގުވެރިކުރުވަނިވި ކަވަރޭޖަކާއިއެކު ގެނެސްދީފައިވާއިރު މިއީ އެޓިވީން މި ލީގު ދައްކާ ތިންވަނަ ސީޒަނެވެ. 2016 ވަނަ އަހަރު އައިސް ޕްރިމިއަރ ލީގުގައި ނަމުގައި މެޗުތައް ދައްކަން ފެށުމާއިއެކު އެޓީވީ ވެގެންގޮސްފައިވަނީ ރާއްޖޭގެ ޗެނަލަކުން ދިވެހިންގެ މެދުގައި މަގުބޫލު މިފަދަ ލީގެއް ދެއްކި ފުރަތަމަ ޓީވީ ޗެނަލަށެވެ.
https://www.facebook.com/icepl100/photos/a.1536370609725526/2307468002615779/?type=3&__xts__%5B0%5D=68.ARDQ2N7dyjFy_AZ9jTc6cmiEt48hJDmU_stEyHv4Y-ZW_vagLrL_qcjalTEXUDKWAcYrGIZbrEalpRqLbrnoisY2G91ufs-uNWNSh-3RoMGeV4EfP0df3CbsfLTYvwB1FHEVT-6Q6s7CT5L2zm3Dh-up4SM31IzCwQ5n_owl5XX8VtiwBZfAYA&__tn__=H-R
އިނގިރޭސި ލީގުގެ އިތުރުން ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ބައެއް އެހެން މެޗުތައްވެސް އެޓީވީން މީގެ ކުރިން ވަނީ ލައިވް ކޮށްފައެވެ. މިގޮތުން މިދިޔަ ސީޒަނުގެ ސްޕެއިންގެ ކޮޕަޑެލްރޭ ފައިނަލާއި އެލްކްލެސިކޯ މެޗުގެ އިތުރުން އިޓާލިއަން ކަޕްވެސް ވަގުތުން އެޓީވީން ދައްކާފައިވެއެވެ.
މީގެ އިތުރުން އެފްއޭއެމް އިން މިއަހަރު ބޭއްވި 13 އަހަރުން ދަށުގެ ޔޫތް ލީގުގެ އިތުރުން 19 އަހަރުން ދަށަށް ހުޅުވާލައިގެން ދާދި ފަހުން ބޭއްވި ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް އައިސް ޓީވީން ވަނީ އާއްމުންނާއި ހަމައަށް ގެނެސްދީފައެވެ. ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯލް އާއި ބާސްކެޓާއި ޓޭބަލް ޓެނިސް އަދި ބެޑްމިންޓަންގެ ބައެއް މުބާރާތްތައްވެސް އެޓީވީން ވަނީ މިއަހަރު މިހާތަނަށް ވަގުތުން ގެނެސްދީފައެވެ. އެޓީވީން ބުނީ ކުޅިވަރާއި މުނިފޫހިފިލުވުމާއި ގުޅުންހުރި ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް ދައްކަން މަސައްކަތް ކުރާނެކަމަށެވެ.
މީޑިއާނެޓްގައި އައިސް އެޗްޑީގެ ޗެނަލް ނަންބަރަކީ 100 އެވެ. މީގެ އިތުރުން އޯޕަން އެމްއައިޓީވީ މެދުވެރިކޮށް އައިސް އެޗްޑީ ސްޓްރީމް ކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
Advertisement
Leave a Reply