ތިނެއް: މޮރީނިއޯގެ ބަދުނަސީބު ނަންބަރު

Advertisement

ތިނެއް: މޮރީނިއޯގެ ބަދުނަސީބު ނަންބަރު

އައްބާސް

ފުޓްބޯޅައަށް ލޯބިކުރާ ކޮންމެމީހަކަށްވެސް ހޯސޭ މޮރީނިއޯ މިހާރު އެނގޭނެއެވެ. ޕޯޗްގަލްއަށް ނިސްބަތް ވާ މޮރީނިއޯއަކީ  ވޭތުވެދިޔަ 15 ވަރަކަށް އަހަރުތެރޭގައި ތަފާތު ލީގުތަކުގެ ޓީމުތަކަށް ކޯޗުކޮށްދީ ގިނަ ތަށިތަކެއް ހޯދާ  ‘ދަ ސްޕެޝަލްވަން’ ގެ ލަގަބު އަމިއްލައަށް އަށް ލިބިގެންފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗެކެވެ. މޮރީނިއޯގެ ކޯޗިން ކެރިއަރުގެ ކާމިޔާބީ ފެށިގެން އައީ ރަށު ޓީމު އެފްސީ ޕޯޓޯއިންނެވެ. އެހެންނަމަވެސް އޭގެކުރިން ބެންފީކާއަށާއި އަދިވެސް ރަށު އެހެން ޓީމަކަށް މޮރީނިއޯ އިރުޝާދު ދިނެވެ.

މޮރީނިއޯ ޕޯޓޯ އާއި ހަވާލުވީ 2001/2002 ގެ ސީޒަންގެ މެދުތެރެއިންނެވެ. އެފަހަރު ޕޯޓޯ ސީޒަން ނިންމާލީ ލީގުގެ 3 ވަނައިގައެވެ. ނަމަވެސް ޖެހިގެން އައި ސީޒަން ގައި ލީގު ޗެމްޕިއަންކަން ހޯދާ ޕޯޗްގަލް ކަޕާއި ޔޫއެފާ ކަޕްވެސް ކާމިޔާބު ކުރިއެވެ. 2003/2004 ގެ ސީޒަނަކީ މޮރީނިއޯ ތޮށިގަނޑު ފަޅާލާފައި ނިކުތް ސީޒަނޭ ބުނެވިދާނެއެވެ. އެ ފަހަރު ލީގު ޗެމްޕިއަންކަން ދިފާއުކުރުމުގެ އިތުރުން ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސްލީގު ކާމިޔާބުކުރިއެވެ. އެފަހަރު ޕޯޓޯ އަތްދަށުވި ޓީމުތަކުގެތެރޭގައި މެންޗެސްޓަރ ޔުނައިޓެޑާއި ލިޔޯން އަދި ޑިޕޯޓިވޯ ލޮކަރޫނިޔާ ހިމެނުނެވެ.

ޗެމްޕިއަންސް ލީގުގެ ކާމިޔާބަށްފަހު ރަޝިޔާގެ ބިލިއަނަރުގެ ޗެލްސީގެ ކޯޗުގެ ގޮތުގައި ލަންޑަނަށް އައިސް ޔޫރަޕްގެ އެންމެ މަތީ ފަންތިން މޮރީނިއޯ ޖާގަ ހޯދިއެވެ. އެދުވަހުން ފެށިގެން މިހާތަނަށް އައިއިރު މޮރީނިއޯ ވަނީ ޔޫރަޕްގެ ނަން މަޝްހޫރު އެކިޓީމުތަކަށް އިރުޝާދުދީ ކާމިޔާބީ ހާސިލްކޮށްފައެވެ. އެހެންނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ކޯޗެއްގެ ގޮތުގައި އެއްޓީމަކާއެކު 3 ސީޒަނަށްވުރެ ދިގުމުއްދަތަކަށް އޭނާއަށް ހުރުމުގެ ފުރުޞަތު ނުލިބި ދާންޖެހޭ ކަމެވެ. އަޖައިބު ވާންޖެހޭ ކަމަކީ 3 ވަނަސީޒަން ނާކާމިޔާބު ސީޒަނަކަށްވެގެން މިދަނީ އޭގެކުރީގެ ސީޒަންތައް ކާމިޔާބު ކަމާއެކު ނިންމާލުމަށްފަހުގައި ކަމެވެ.

ޗެލްސީ  2004-2007

މޮރީނިއޯ (ވ) ޗެލްސީގެ ކޯޗެއްގެ ގޮތުގައި ހުރިއިރު ޓީމުގެ އޯނަރު ރޯމަން އަބްރަމޮވިޗް (މ) މަޑުކޮށްލައިގެން. ދެ ސީޒަނަށްފަހު ޗެލްސީގެ އޯނަރާ މޮރީނިއޯ މައްސަލަ ޖެހުނު

2004/2005 ގެ ސީޒަނަށް މޮރީނިއޯ ޗެލްސީއާއި ހަވާލުވެ އެކުލަބަށް 50 އަހަރުތެރޭގައި ފުރަތަމަވފަހަރަށް ލީގު ހޯދައިދިނެވެ. އަދި ޖެހިގެން އައި ސީޒަނުގައި އެތަށި ދިފާއުކުރިއެވެ. އެހެންނަމަވެސް 2006/2007 ގެ ސީޒަނުގައި އެފްއޭކަޕާއި ލީގު ކަޕް ހޯދިނަމަވެސް ލީގުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ފަހަތުން ދެވަނައިގައި ސީޒަން ނިންމާލަންޖެހުން ވެގެންދިޔައީ މައްސަލައަކަށެވެ. އެއަހަރު ޖެނުއަރީ އާއި ހަމައިން ވެސް މޮރީނިއޯއާއި އަބްރޮވަމިޗް އާއި ދެމީހުން ގެ ގުޅުން ދިޔައީ ގޯސްވަމުންނެވެ. އެންމެ ފަހުން 2007/2008 ސީޒަންފެށި ކުޑަދުވަސްކޮޅެއް ވީތަނާ މޮރީނިއޯ ޗެލްސީ ދޫކޮށްލިއެވެ. އޭރު މޮރީނިއޯއަކީ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ.

އިންޓަރމިލާން 2008-2010

މޮރީނިއޯ އިންޓަރ މިލާނާއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލައިގެން. އިޓަލީގައި އިންޓަރ އާއެކުވެސް މޮރީނިިއޯ ވަނީ ތިންވަނަ ސީޒަނުގައި ވަކިކޮށްފަ

ތިން ސީޒަނުގައި 6 ތަށި ޗެލްސީއަށް ހޯދައިދިނުމަށްފަހު މޮރީނިއޯ އިޓަލީއަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި  ވެސް ލީގު ޗެމްޕިއަންކަން ދިފާޢުކުރިއެވެ. އަދި ޖެހިގެން އައި 2009-2010 ގެ ސީޒަނުގައިވެސް ލީގު ހޯދިއެވެ. އަދި ރޯމާ ބަލިކޮށް އިޓަލިއަން ލީގު ކަޕް ކާމިޔާބު ކުރިއެވެ. އަދި ޖަރުމަނުގެ ބެޔާން މިއުނިކް ބަލިކޮށް ޔޫރަޕިއަން ޗެމްޕިއަންސްލީގު ތައްޓާއެކު ސީޒަނުގެ 3 ތަށި ހޯދި ފުރަތަމަ އިޓަލީ ޓީމަށް އިންޓަރ ހަދައިދިނެވެ. އަދި އެހިސާބުން 3ވަނަ ސީޒަނަކަށް ނުގޮސް ކޯޗްކަމުން ވަކިވެ ލަލީގާއަށް ބަދަލުވިއެވެ.

ރެއާލް މެޑްރިޑް 2010-2013

ކޮޕަޑެލްރޭގެ ތައްޓަށް ފަހު ރެއާލްގެ ކުޅުންތެރިން މޮރީނިއޯ އުފުލާލައިގެން. ރެއާލްގައިވެސް މައްސަލަ ޖެހުނީ ތިންވަނަ ސީޒަނުގައި

ރެއާލް މެޑްރިޑްގެ ކޯޗްކަމާއި ހަވާލުވި ފުރަތަމަ ސީޒަނުގައި އެޓީމަށް 18 އަހަރުގެތެރޭގައި ފުރަތަމަ ފަހަރަށް ކޮޕަރޑެލްރޭ ކާމިޔާބުކޮށްދިނެވެ. އަދި ޖެހިގެން އައި ސީޒަނުގައި ބާސެލޯނާގެ މައްޗަށް ކުރިހޯދާ ލަލީގާ ކާމިޔާބު ކުރިއެވެ. މޮރީނިއޯގެ 3 ވަނަ ސީޒަން ފެށީ 4 އަހަރުގެ އާ އެއްބަސްވުމަކާއެކު ވާދަވެރި ބާސެލޯނާ ބަލިކޮށް ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްގެންނެވެ. އަދި ސްޕޭންގެ އެންމެ މަތީ ޑިވިޝަނުގެ ހުރިހާ ތައްޓެއް އެންމެ ދެއަހަރުތެރޭ ކާމިޔާބުކޮށްގެންނެވެ. އެހެންނަމަވެސް އެހިސާބުން އަޑި އަޅާލިގޮތަށް ސީޒަން ނިންމާލީ އިތުރު ތައްޓެއް ނުހޯދިއެވެ. ކޮޕަޑެލްރޭ ފައިނަލުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑު އަތުން ބަލިވިއިރު ލީގު ނިންމާލީ ބާސާއަށްވުރެ 15 ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. އަދި ޗެމްޕިއަންސްލީގުން ކެޓީ ސެމީ ފައިނަލުން ބަލިވެގެންނެވެ. އަދި ސީޒަން އެއްކޮށް މުޅިން ނުނިމެނީސް މޮރީނިއޯ ރެއާލް އާއި ވަކިވާނެކަން ކުލަބުން އިއުލާން ކުރިއެވެ.

ޗެލްސީ 2013-2015

ދެވަނަ ފަހަރަށް ޗެލްސީއާއި ހަވާލުވުމަށްފަހު މޮރީނިއޯ. އެފަހަރުވެސް ޗެލްސީގައި ފުރިހަމަ ކުރެވުނީ ދެ ސީޒަން

މޮރީނިއޯ މެޑްރިޑް ދޫކޮށް އެނބުރި ލަންޑަނަށް އައިސް ޗެލްސީ އާއި ދެވަނަފަހަރަށް ހަވާލުވެ ފުރަތަމަ ސީޒަން ނިންމާލީ ލީގުގެ ތިންވަނައިގައެވެ. އޭރު މޮރީނިއޯ ބުނަމުން އައީ ލީގަށް ވާދަނުކުރާކަމާއި ޓީމު އޮތީ ބަދަލުވުމުގެ މަގުމަތީގައި ކަމަށެވެ. ޗެލްސީގެ ކޯޗުގެ ގޮތުގައި ހުރެ ޗެލްސީގެ ދަނޑުގައި ލީގު މެޗަކުން އެޓީމު ފުރަތަމަ ފަހަރަށް ބަލިވީ މިސީޒަނުގެ ފަހުކޮޅު ސަންޑަލެންޑް އަތުންނެވެ. ދެން އައި ސީޒަނަކީ އަނެއްކާވެސް މޮރީނިއޯގެ ސީޒަނެކެވެ. ލީގު ކަޕް ހޯދުމަށްފަހު ލީގުގެ ތިންމެޗް ބާކީއޮއްވާ ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު މުޅި ސީޒަނުގައިވެސް ބަލިވެފައިވަނީ އެންމެ ތިންމެޗުންނެވެ. ޗެލްސީ އާއި ހަވާލުވި ދެވަނަފަހަރުގެ 3 ވަނަ ސީޒަނާއި (2015/2016) މޮރީނިއޯ ކުރިމަތިލީ 2019 އާއި ހަމައަށް ކުލަބުގައި މަޑުކުރަން އާ އެއްބަސްވުމެއް ހަދައިގެންނެވެ. އެކަމަކުވެސް އެއީ 3 ވަނަ ސީޒަން ވިއްޔާއެވެ. ލީގުގައި ކުޅުނު ފުރަތަމަ 12 މެޗުން އެއްކުރެވުނީ ޖުމުލަ 11 ޕޮއިންޓެވެ. ކޮންމެއަކަސް ޑިސެމްބަރުމަހު ދެފަރާތުގެ އެއްބަސްވުމާއެކު މޮރީނިއޯ ޗެލްސީއާއި ދެވަނަ ފަހަރަށް ވަކިވިއިރު ކުޅުނު 16 މެޗުގެ ތެރެއިން 9 މެޗުން ބަލިވެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައި އޮތް ނޯވިޗް ސިޓީއަށް ވުރެ އެންމެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ލީގުގެ 16 ވަނައިގައެވެ

މެންޗެސްޓަރ ޔުނައިޓެޑް 2016 އިން ފެށިގެން

މި ސީޒަނުގެ މެޗެއްގައި މޮރީނިއޯ ޓީމަށް އިރުޝާދުދެނީ. ފުރަތަމަ ދެ ސީޒަނުގައި މައްސަލައެއް ކުރިމަތި ނުވިނަމަވެސް މި ސީޒަނުގައި ޔުނައިޓެޑުން އޭނާ ދޫކޮށްލާނެ ކަމަށް ބެލެވޭ

ޗެލްސީ ދޫކޮށްލުމަށްފަހު 2016/2017 އިގެ ސީޒަނަށް މޮރީނިއޯ އައީ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައެވެ. އެޓީމާއެކު ފުރަތަމަ ސީޒަނުގައި އިނގިރޭސި ލީގުކަޕާއި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކުރިއެވެ. އެހެންނަމަވެސް ވާދަވެރި ސިޓީއިން، ޕްރިމިއަރ ލީގުގައި ރަސްކަން ކުރަމުން ދިޔައިރު ޔުނައިޓެޑް އޮތީ މާބޮޑަށްވެސް ފަހަތުގައެވެ. ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސްލީގުން ޖާގައެއްލިބުނީވެސް ޔޫރޮޕާ ލީގު ކާމިޔާބު ކުރެވުމުންނެވެ. ޖެހިގެން އައިސީޒަނުގައި އެފްއޭކަޕް ފައިނަލްގައި ޗެލްސީ އަތުން ބަލިވީއެވެ. އެހެންނަމަވެސް ސަރ އެލެކްސް ފާގަސަން އަށްފަހު ލީގުގައި ނުދެވޭ ހިސާބެއް ކަމުގައިވާ ދެވަނައާއި ހަމައަށް ދެވުމުން މޮރީނިއޯއާމެދު އޮތް އިތުބާރު ބޮޑުވެގެންދިޔައެވެ. މިހާރު މިއޮތީ މޮރީނިއޯގެ 3ވަނަ ސީޒަން، 2018/2019 ސީޒަން ފެށިފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 7 މެޗުގެ ތެރެއިން 3 މެޗުން ބަލިވެ 1 މެޗު އެއްވަރުވެގެން ލިބިފައިވަނީ 10 ޕޮއިންޓެވެ. ހޯދި ޕޮއިންޓަށްވުރެ ގެއްލުނު ޕޮއިންޓް ގިނައެވެ. ލީގުކަޕުން މިދިޔަ ހަފުތާގައި ކެޓީ ދަށް ޑިވިޝަނުގެ ޓީމެއްގެ އަތުން ބަލިވެގެންނެވެ. މިއިން ޒަމާނަކުވެސް މިހާދަށްކޮށް މިޓީމު ލީގު ފަށާފައެއް ނުވެއެވެ. މިހާރު އުފެދޭ ސުވާލަކީ ޔުނައިޓެޑްގައިވެސް މޮރީނިއޯގެ 3ވަނަ ސީޒަން ވާނީ ނާކާމިޔާބު ސީޒަނަކަށް ހެއްޔެވެ؟ ނުވަތަ އޭނާއަށް މިހާލަތު އަނެއްކޮޅަށް ޖަހާލެވިދާނޭހެއްޔެވެ؟ ޔަޤީންވާ ކަމަކީ ޔުނައިޓެޑްގެ ފޯމު މިގޮތުގައި ކުރިއަށް ދާނަމަ މިއަހަރު ނިމޭއިރު ކީއްކުރަން ހެއްޔެވެ؟ މި ފެށޭ އޮކްޓޯބަރު މަސް ނިމެންވާއިރުވެސް މޮރީނިއޯ މެންޗެސްޓަރގައި ހުރުމަކީ ދުރުކަމެއްކަމެވެ.

ބަލަން ތިބެމާ ހިނގާށެވެ. 3 ބަދުނަސީބުން މޮރީނިއޯއަށް އަރައިގަނެވޭނެކަން ނުވަތަ ނޫންކަން މާލަހެއްނުވެ އެނގިދާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *