ޒުވާން އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް ބޫޓާނުން 13 ލަނޑު ޖަހައިފި

Advertisement

ޒުވާން އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް ބޫޓާނުން 13 ލަނޑު ޖަހައިފި

ޢަލީ ޝަހީމް

ބޫޓާންގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. މުބާރާތް ބާއްވާ ބޫޓާނާއި ވާދަކުރި މެޗުން ރާއްޖޭގެ އަންހެން ޓީމު ބަލިވީ 13-0 އިންނެވެ.

މި ގްރޫޕުގައި ރާއްޖެއާއި ބޫޓާނާއި އެކު ހިމެނެނީ އިންޑިއާއެވެ. އިންޑިއާ ވަނީ މި ގްރޫޕުގެ ފުރަތަމަ މެޗުގައި 4-0 އިން ބޫޓާން ބަލިކޮށްފައެވެ. މި މެޗުން ބޮޑު ތަފާތަކުން ބަލިވުމުން ރާއްޖެއަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު މިވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. ރާއްޖެއަށް ސެމީ ފައިނަލުގެ ފުރުސަތެއް ލިބޭނީ ބޮޑު ތަފާތަކުން އިންޑިއާ ބަލިކޮށްގެންނެވެ. ގްރޫޕްގެ ފަހު މެޗުގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހުއެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ. ނޭޕާލާއި ޕާކިސްތާން ބައްދަލުކުރި މެޗު 12-0 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ނޭޕާލް އެވެ. މި ގްރޫޕުގައި މިރޭ ކުޅުނު ބަންގްލަދޭޝްއާއި ޕާކިސްތާން ބައްދަލުކުރި މެޗު 17-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ބަންގްލަދޭޝް އެވެ.

ސާކް ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށް 18 އަހަރުން ދަށަށް ހުޅުވާލައިގެން މި މުބާރާތް ކުރިއަށްގެންދާ މިއީ ފުރަތަމަ ފަހަރެވެ. ސާފްގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވަނީ ހަމައެކަނި ސްރީ ލަންކާއިންނެވެ. އެޓީމުން ވަނީ މުބާރާތުގެ ގުރު ނެގުމުގެ ކުރިން ވަކިވެފައެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 7 ވަނަ ދުވަހުއެވެ.

ޒުވާން ޓީމު ބޮޑު ތަފާތަކުން ބަލިވިއިރު ރާއްޖޭގެ ސީނިއަރ އަންހެން ގައުމީ ފުޓްބޯޅަ ޓީމު  ވަނީ 2016 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ޓީމުވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށްފައެވެ. ބޫޓާން 3-1 އިން ބަލިކުރިއިރު ލަންކާ ބަލިކުރީ 5-2 އިންނެވެ. އޭގެ ކުރިން އަންހެން ޓީމު ބައިވެރިވި ތިން މުބާރާތުގައިވެސް ސެމީ ފައިނަލަށް ނުގޮސް ވަނީ ކަޓާފައެވެ.

ސީނިއަރ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އަންހެން ސާފް ޗެމްޕިއަންޝިޕް މިއަހަރުވެސް އޮންނާނެއެވެ. ޑިސެމްބަރ 19 އިން 26 އަށް މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ސްރީ ލަންކާގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *