މެޑްރިޑް ޑާބީ އެއްވަރުވިއިރު ބާސެލޯނާއަށް ވެސް ޕޮއިންޓެއް
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ބާސެލޯނާއަށްވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިޖެއްޖެ އެވެ. އަމިއްލަ ދަނޑުގައި އެތްލެޓިކް ބިލްބާއޯއާއި ވާދަކުރި މެޗުން ބާސެލޯނާ އެއްވަރުވީ 1-1 އިންނެވެ. މިއީ ލަލީގާގައި މޮޅެއް ނުލިބި ބާސާ ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗެވެ.
ރޭގެ މެޗުތައް ނިމުނު އިރުވެސް ތާވާލުގެ ކުރިއަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ރެއާލް އާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެސް ލަނޑުގެ ތަފާތުން އެއްވަނައިގައި އަދިވެސް އޮތީ ބާސެލޯނާއެވެ. މިރޭ ކުޅުނު މެޗުގައި އެއިބާ 3-1 އިން ބަލިކޮށް ސެވިއްޔާ ވަނީ 13 ޕޮއިންޓާއެކު ތިންވަނައަށް ޖެހިލާފައެވެ. މިރޭގެ މެޗުން އެއްވަރުވި އެތްލެޓިކޯ މެޑްރިޑަށް 12 ޕޮއިންޓާއިއެކު ލިބެނީ ހަތަރު ވަނައެވެ.
އަންނަ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ދެކޮޅަށް ނުކުންނަން ޖެހޭތީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ލިއޮނެލް މެސީ ހިމަނާފައެއް ނުވެއެވެ. މެސީ ކުޅެން ނުކުތީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ޖެހީ ބިލްބާއޯގެ އޮސްކާ ދި މާކަސް އެވެ. ބާސެލޯނާއަށް މެޗުގައި އެއްވަރުކޮށްދިން ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް މެސީ ނަގައިދިން ހުރަހަކުން ޖެހީ މުނީރް އެލް ހަދާދީ އެވެ. މި މެޗުގައި ބާސެލޯނާގެ ފިލިޕް ކުޓީނިއޯ އަދި ލުއިސް ސުއަރޭޒަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
މިއީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ބާސެލޯނާއަށް ލީގުގައި ގެއްލުނު ހަތްވަނަ ޕޮއިންޓެވެ. މިދިޔަ ހަފްތާ ކުޅުނު މެޗުތަކުގެ ތެރެއިން ޖިރޯނާއާއި ވާދަކުރި މެޗު އެއްވަރުވިއިރު ތާވަލުގެ ފުލުގައި އޮތް ލެގަނޭސް އަތުން އެޓީމު ވަނީ ބަލިވެފައެވެ.
ރެއާލް މެޑްރިޑް ދަނޑުގައި ރޭ އެތްލެޓިކޯއާއި ބައްދަލުކުރި މެޗުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ދެޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މެޗުގައި ދެޓީމުގެ ކީޕަރުންވެސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. ރޭގެ މެޗުގެ 88 ވަނަ މިނެޓުގައި މި ސީޒަނަށް ރެއާލް މެޑްރިޑާއި ގުޅުނު އުމުރުން 18 އަހަރުގެ ބްރެޒިލްގެ ވިނީޝީއަސް ޖޫނިއާ ވަނީ ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑްގެ ޖާޒީގައި ވާދަވެރި މެޗެއް ކުޅެފައެވެ. ވިނީޝިއަސް ބްރެޒިލްގެ ފްލެމެންގޯއިން ރެއާލް މެޑްރިޑަށް ބަދަލުވީ މިދިޔަ އަހަރުގެ މެއި މަހު 38.7 މިލިއަން ޕައުންޑަށެވެ. ނަމަވެސް 18 އަހަރު ނުވާތީ މިދިޔަ ސީޒަން ނިމެންދެން ލޯނެއްގެ ގޮތުގައި ބްރެޒިލްގައި ކުޅުމަށްފަހު އޭނާ ރެއާލަށް ބަދަލުވީ މި ސީޒަނުގައެވެ.
ރޭގެ މެޗުގެ ދެވަނަ ހާފު ފެށިތަނާ ރެއާލްގެ ގަރެތް ބޭލް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ. ބޭލްއަކީ މި ސީޒަނުގައި ރެއާލްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. މި ނަތީޖާއާއެކު ރެއާލްގެ ދަނޑުގައި ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގައިވެސް އެތްލެޓިކޯ ބަލިކުރެވިފައެއް ނުވެއެވެ. މީގެ ކުރިން 1942 އިން 1948 އަށް ލީގުގައި ރެއާލްގެ ދަނޑުގައި ބަލިނުވެ ހަ މެޗު ފުރިހަމަ ކޮށްފައިވަނީ ވެލެންސިއާއެވެ.
Advertisement
Leave a Reply