ސްޓަރިޖްގެ ހިތްގައިމު ލަނޑުން ލިވަޕޫލް ބަލިނުވެ ސަލާމަތްވެއްޖެ

Advertisement

ސްޓަރިޖްގެ ހިތްގައިމު ލަނޑުން ލިވަޕޫލް ބަލިނުވެ ސަލާމަތްވެއްޖެ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލް ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވާން ދަނިކޮށް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފަހު ހަތަރު މިނެޓަށް ކުޅެން ނުކުތް ޑެނިއަލް ސްޓަރިޖެވެ. ލީގުގައި މީގެ ކުރިން ކުޅުނު ހަ މެޗުންވެސް ލިވަޕޫލް ވަނީ މޮޅުވެފައެވެ.

ލީގު ކަޕްގައި މިދިޔަ ހަފްތާ ޗެލްސީ ވަނީ އެންފިލްޑްގައި 2-1 އިން ލިވަޕޫލް ބަލިކޮށްފައެވެ. އެމެޗުގައި ޗެލްސީ މޮޅުކޮށްދިން ލަނޑު ޖަހައިދިން އެޑެން ހަޒާޑް ވަނީ ރޭގެ މެޗުގައިވެސް ލިވަޕޫލް ކޮޅަށް ޗެލްސީގެ ހަމައެކަނި ލަނޑު ޖަހާފައެވެ. މެޗުގައި 25 ވަނަ މިނެޓުގައި ހަޒާޑްގެ ލަނޑަށް ފަހުވެސް އޭނާ ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް މި މެޗުގައި ޗެލްސީގެ ހަމަލާތައް ހުއްޓުވުމުގައި އެޓީމުގެ ކީޕަރު އަލިސަން ބެކާ މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ޗެލްސީން ފުރުސަތުތައް ތަނަވަސްކުރިއިރު ފުރަތަމަ ހާފުގައި ލިވަޕޫލަށް އެއްވަރު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މުހައްމަދު ސަލާހް އަށެވެ. ޗެލްސީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ސަލާ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ރޮނގުމަތިން ސަލާމަތްކުރީ އެންޓޯނިއޯ ރުޑިގާއެވެ.

Advertisement

ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުރިއަށްޖެހި ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ދެވަނަ ހާފުގައިވެސް ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ހަމަލާއެއް ޗެލްސީގެ ޑޭވިޑް ލުއިޒް ވަނީ ގޯލް ރޮނގުމަތިން ސަލާމަތްކޮށްފައެވެ. އޭގެކުރިން ސަލާހްގެ ބަދަލުގައި ކުޅެންއެރި ޒެރްދަން ޝަގީރީއަށް ވަނީ ގޯލު ކުރިމަތިން ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލިވަޕޫލަށް ޕޮއިންޓެއް ކަށަވަރުވީ މެޗުގެ 86 ވަނަ މިނެޓުގައި ޖޭމްސް މިލްނާގެ ބަދަލުގައި ކުޅެން އެރި ސްޓަރިޖް ޖެހި ހިތްގައިމު ގޯލުންނެވެ. ހާފު މެދުންކަހަލަ ގޮތަކަށް ސްޓަރިޖަށް ލިބުނު ބޯޅަ ބާރު ސްޕީޑުގައި ފޮނުވާލުމުން ގޮސް ވަނީ ގޯލުގެ މަތީ ކަނަށެވެ. ސްޓްރިޖްގެ އެ ގޯލު ސަލާމަތްކުރަން ޗެލްސީގެ ކެޕާ އަރިޒަބަލަގާއަށް މާބޮޑު ކަމެއް ނުކުރެވުނެވެ. އަނެއްކޮޅުން ޗެލްސީގެ ކުޅުންތެރިންވެސް ތިބީ ސްޓަރިޖް އެހިސާބުން ގޯލަށް ޖަހާފާނެ ކަމަކަށް ވިސްނައިގެނެން ނޫނެވެ.

މި ޕޮއިންޓާއެކު ލީގުގައި ލިވަޕޫލް އޮތީ މެންޗެސްޓަރ ސިޓީގެ ފަހަތުން ދެވަނައިގައެވެ. މި ދެޓީމަށްވެސް 19 ޕޮއިންޓް ލިބިފައިވާއިރު ސިޓިއަށް އެއްވަނަ ލިބެނީ ލިވަޕޫލަށްވުރެ ފައިދާ ގޯލު ގިނަވުމުންނެވެ. ރޭގެ މެޗު އެއްވަރުވުމުން ލީގުގެ އެއްވަނައިގައި އޮތް ސިޓީއާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރުމުގެ ފުރުސަތު ޗެލްސީއަށް ވަނީ ގެއްލިފައެވެ. މިހާތަނަށް ލިބުނު 17 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސިޓީ ވަނީ އަމިއްލަ ދަނޑުގައި ބްރައިޓަން 2-0 އިން ބަލިކޮށްފައެވެ. މި މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖެހީ ރަހީމް ސްޓާލިންއެވެ. ސިޓީގެ ދެވަނަ ލަނޑު ދެވަނަ ހާފުގައި ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ސާޖިއޯ އަގުއޭރޯ އެވެ. ލީގުގައި ރޭކުޅުނު މެޗުން އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ވެޓްފޯޑް ބަލިކޮށްފައެވެ. މެޗު އެއްވަރުވާން ދަނިކޮށް އާސެނަލްގެ ފުރަތަމަ ލަނޑު ވަނީ މެޗުގެ 81 ވަނަ މިނެޓުގައި ވެޓްފޯޑްގެ ކްރެއިގް ކެތްކާޓް އަތުން ބައިކޮޅަށެވެ. އޭގެ ދެމިނެޓު ފަހުން އެލެސެންޑަރ ލަކަޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލްގެ ދެވަނަ ގޯލު ޖެހީ މެސުތް އޮޒިލް އެވެ. ރޭ ޓޮޓެންހަމް ހޮޓްސްޕާސްވެސް ވަނީ ރަށުން ބޭރުގައި 2-0 އިން ހަޑަސްފީލް ޔުނައިޓެޑް ބަލިކޮށްފައެވެ. މި މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑުވެސް ޖެހީ އިތުބާރު ފޯވާޑް ހެރީ ކޭން އެވެ. ކިއަރެން ޓްރިޕިއަރ ނަގައިދިން ހުރަހަކުން ކޭން ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *