ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ވީއޭއާރު ބޭނުންކުރަން ނިންމައިފި

Advertisement

ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ވީއޭއާރު ބޭނުންކުރަން ނިންމައިފި

ޢަލީ ޝަހީމް

ޔޫރަޕްގެ ބޮޑެތި ކްލަބް މުބާރާތްތަކާއި ގައުމީ ޓީމުތަކަށް ހާއްސަކޮށްގެން ކުޅޭ މުބާރާތްތަކުގައިވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުންކުރަން ޔޫއެފާއިން ފާސްކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ސްވިޒަލޭންޑުގައި ބޭއްވި ޔޫއެފާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ވީއޭރާރު ބޭނުންކުރާނެ މުބާރާތްތަކާއި ބޭނުންކުރަން ފަށާނެ އަހަރު އިއުލާން ކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ސީޒަނުން ފެށިގެން ވީއޭއާރު ބޭނުންކުރަން ފަށާއިރު ދެސީޒަން ފަހުން ޔޫރޮޕާ ލީގުގައިވެސް މި ސިސްޓަމް ބޭނުންކުރަން ފަށާނެއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޔޫއެފާ ސުޕަރ ކަޕާއި 2020 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2021 ވަނަ އަހަރުން ފެށިގެން ނޭޝަންސް ލީގުގައިވެސް ވީއޭއާރު ބޭނުންކުރަން މިހާރު ވަނީ ފާސްކޮށްފައެވެ.

ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީއާ އެސިސްޓެންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ރެފްރީ ނިންމާ ނިންމުމަކާމެދު ސުވާލު އުފެދިއްޖެނަމަ ވީޑިއޯ ބެލުމަށްފަހު ނިންމުން ބަދަލު ކުރުމުގެ ބާރު ރެފްރީއަށް ލިބެއެވެ.

ވީއޭއާރު އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ކްލަބް ވޯލްޑް ކަޕްގައެވެ. އޭގެފަހުން 2017 ވަނަ އަހަރު ބޭއްވި ފީފާ ކޮންފަޑަރޭޝަންސް ކަޕާއި މިދިޔަ ޖުލައި މަހު  ނިމުނު ވޯލްޑް ކަޕްގައިވެސް އެ ސިސްޓަމް ބޭނުން ކޮށްފައިވެއެވެ. ވޯލްޑް ކަޕްގައި ވީއޭރާރުގެ ބޭނުންކޮށްގެން ގިނަ ނިންމުންތަކެއް ނިންމާފައިވާއިރު މުބާރާތަށްފަހު ފީފާއިން ބުނެފައިވަނީ އެއީ ވަރަށް ކާމިޔާބު ސިސްޓަމެއް ކަމަށެވެ.

ޔޫއެފާގެ މުބާރާތްތަކަށް މި ސިސްޓަމް ތައާރަފް ކުރުމަށްފަހު ޔޫއެފާގެ ރައީސް އަލެކްސެޑަރ ކެފެރިން ބުނީ މި ސިސްޓަމް ބޭނުންކުރަން ނިންމީ ވަރަށް ބޮޑު އިތުބާރެއް އޮތުމުންކަމަށެވެ.

މިދިޔަ ސީޒަނުން ފެށިގެން އިޓަލީ ލީގާއި ޖަރުމަނު ލީގުގައި މި ސިސްޓަމް ބޭނުންކުރަން ފަށާފައިވާއިރު މި ސީޒަނުން ފެށިގެން ސްޕެއިން ލީގާއި ފްރެންޗް ލީގުގައިވެސް ވީއޭއާރު ބޭނުންކުރެއެވެ. މި ލީގުތަކުގައި މި ސިސްޓަމް ބޭނުންކުރި ނަމަވެސް އިނގިރޭސި ކްލަބްތަކުން އެއްބަސް ނުވުމުގެ ސަބަބުން ޕްރިމިއަރ ލީގުގައި އަދި ވީއޭއާރު ބޭނުންކުރަން ފަށާފައެއް ނުވެއެވެ. ނަމަވެސް ޕްރިމިއަރ ލީގު ކުޅޭ ޓީމުތަކުން ލީގު ކަޕްގައި ވާދަކުރާއިރު މި ސީޒަނުގައި އެ ސިސްޓަމް ބޭނުންކުރެއެވެ. ވީއޭއާރު އެންމެ ފުރަތަމަ ބޭނުންކުރި ލީގަކީ އޮސްޓްރޭލިއާގެ އޭ ލީގެވެ. 2017 ވަނަ އަހަރު އެގައުމުގައި މި ސިސްޓަމް ބޭނުންކުރަން ފެށިއިރު އޭގެފަހުން އެމެރިކާގެ މޭޖާ ލީގު ސޮކާގައިވެސް މި ސިސްޓަމް ވަނީ ބޭނުންކުރަން ފަށާފައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *