ޕޮގްބާއަކީ ކެޕްޓަނެއް ނޫން، ކުޅުންތެރިއެއް: މޮރީނިއޯ
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާއި އެޓީމުގެ ޕައުލް ޕޮގްބާއާއި ދެމެދު ޖެހިފައިވާ މައްސަލައިގައި ޓީމު ދިފާއުކޮށް މޮރީނިއޯ ވާހަކަ ދައްކައި ޕޮގްބާއާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދީފިއެވެ. މިދިޔަ ބުދަ ދުވަހު ޔުނައިޓެޑުން ބޭއްވި ފަރިތަކުރުންތަކުގައި ޕޮގްބާއާއި މޮރީނިއޯއާ ދެމެދު ބަހުގެ ހަމަލާތަކެއް ދިޔަކަމަށްބުނާ ވީޑިއޯއެއް ލީކުވެ އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން މޮރީނިއޯ ބުނީ ކްލަބަށްވުރެ އެއްވެސް ކުޅުންތެރިއަކު ބޮޑު ނުވާނެކަމަށާއި ޕޮގްބާއަކީ މިހާރު ހަމައެކަނި ކުޅުންތެރިއެއް ކަމަށެވެ. ފަރިތަކުރުންތަކުގެ ތެރެއިން ޕޮގްބާއާއި މޮރީނިއޯ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާ މަންޒަރު ފެނެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ވަނީ ޕޮގްބާއާ ދެމެދު އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށް ބުނެފައެވެ. ނަމަވެސް ލީގުގައި މިދިޔަ ހަފްތާ ވުލްވްސް އާ ވާދަކޮށް އެއްވަރުވި މެޗަށްފަހު މޮރީނިއޯ ބުނެފައިވަނީ އޭނާގެ ޓީމުގެ ކެޕްޓަންކަން ދެން ޕޮގްބާ ނުކުރާނެ ކަމަށެވެ. ޕޮގްބާއަކީ ޔުނައިޓެޑުގެ ވައިސް ކެޕްޓަނެވެ. މި ސީޒަނުގައި ޔުނައިޓެޑްގެ ރަސްމީ ކެޕްޓަނަކީ އެންޓޯނިއޯ ވެލެންސިޔާ އެވެ. ނަމަވެސް ވެލެންސިޔާ ނުކުޅޭ މެޗުތަކުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅެނީ ޕޮގްބާ އެވެ.
“ޕޮގްބާ (މިއަދުގެ މެޗުގައި) ކުޅޭނެ. އޭނައަކީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް މި ޓީމުގެ ކުޅުންތެރިއެއް. އެއްވެސް ކުޅުންތެރިއެއް ކްލަބަށްވުރެ ބޮޑެއް ނުވާނެ. އޭނަގެ މަސައްކަތާމެދު އަހަރެން ހިތްހަމަ ޖެހެންޏާ ޕޮގްބާ ކުޅޭނެ. އެކަމު ހިތްހަމަ ނުޖެހޭނަމަ ނުކުޅޭނެ. މި ހަފްތާ ޕޮގްބާ ކުރި މަސައްކަތާމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ވަރަށް ރަނގަޅަށް ޓްރެއިން ކުރި. ޓީމަށް ބޭނުންވަނީ ރަނގަޅު ކުޅުންތެރިން. ޕޮގްބާއަކީ ރަނގަޅު ކުޅުންތެރިއެއް” ޕޮގްބާއާއި ގުޅޭގޮތުން ސުވާލު ކުރުމުން މޮރީނިއޯ ބުންޏެވެ.
ޕޮގްބާއަށް ޓީމުގެ ވައިސް ކެޕްޓަންކަމުގެ ރޯލު ނުދޭން ނިންމުމަށްފަހު މޮރީނިއޯ ބުނީ އެގޮތަށް ނިންމީ ކްލަބްގެ ކޯޗިން ސްޓާފުންނާއި ވާހަކަދައްކާފައިކަމަށެވެ. ނަމަވެސް ކުއްލިއަކަށް މޮރީނިއޯ އެގޮތަށް ނިންމުމުން ޕޮގްބާއާއި މޮރީނިއޯއާ ދެމެދު މައްސަލަތަކެއް އުޅޭކަމަށް ބެލެވެއެވެ.
“ހަފްތާތަކެއް ވަންދެން ބެލުމަށްފަހު އަދި ކޯޗިން ސްޓާފުންނާއި ހިޔާލު ބަދަލުކޮށްފައި އަހަރެމެން ނިންމި ނިންމުމަކީ ޕޮގްބާއަކީ މިހާރު ކެޕްޓަނެއް ނޫންކަމާއި ހަމައެކަނި ކުޅުންތެރިއެއްކަން” ވައިސް ކެޕްޓަންކަމުން ޕޮގްބާ ވަކިކުރި މައްސަލަ ސާފުކޮށްދެމުން މޮރީނިއޯ ބުންޏެވެ.
މި ސީޒަނުގައި ޔުނައިޓެޑުން ނެރުމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން މޮރީނިއޯ ފެންނަނީ ވަރަށް ޕްރެޝަރުގައި ހުންނަތަނެވެ. ޓީމުގެ ބައެއް ކުޅުންތެރިންނާއި މޮރީނިއޯއާ ދެމެދު މައްސަލަ ޖެހިފައިވާއިރު މޮރީނިއޯވެސް ވަނީ ކުޅުންތެރިންގެ ފެންވަރާމެދު ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް ފާޑު ކިޔާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަންނަ ޖެނުއަރީމަހުގެ ޓްރާންސްފާ މުއްދަތުގައި ޕޮގްބާ ޔުނައިޓެޑް ދޫކޮށްލާނެއެވެ. މީ ސީޒަނަށް ޕޮގްބާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިވީ ސްޕެއިންގެ ބާސެލޯނާއިންނެވެ. ނަމަވެސް ޖެނުއަރީމަހު ޕޮގްބާ އަލުން ގުޅޭނެކަމަށް އަޑު ފެތުރިފައިވަނީ ކުރީގެ ކްލަބް ޔުވެންޓަސްއާއެވެ.
ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:30 ގައެވެ.
Advertisement
Leave a Reply