ގްރީން ބަލިކޮށް އީގަލްސް ހަތަރު ވަނައަށް

Advertisement

ގްރީން ބަލިކޮށް އީގަލްސް ހަތަރު ވަނައަށް

ޢަލީ ޝަހީމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވެ އީގަލްސް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ. މި މެޗުގައި އީގަލްސްގެ ހަމައެކަނި ގޯލު ޖެހީ އަހްމަދު ނޫމާން އެވެ. ނޫމާން މި ގޯލު ޖެހީ މެޗުގެ އަށްވަނަ މިނެޓުގައި އީގަލްސް އިން ނެގި ކޯނަރެއްގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި މެޗުން މޮޅުވުމުން އީގަލްސްއަށް ވަނީ ކުޅުނު ފަސް މެޗުން އަށް ޕޮއިންޓް ލިބިފައެވެ. ލީގުގެ ފުރަތަމަ ހަތަރު މެޗުގެ ތެރެއިން އީގަލްސް އަށް މޮޅެއް ލިބުނީ އެންމެ މެޗަކުންނެވެ. އެއީ ލީގު މެދުކަނޑާލުމުގެ ކުރިން ވިކްޓްރީއާއި ވާދަކުރި މެޗުންނެވެ. އޭގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން މާޒިޔާއާއި ނިއު ރޭޑިއަންޓާއި ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި، ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ ބަލިވެފައެވެ. މި މޮޅާއެކު އީގަލްސްއަށް ހަތަރު ވަނަ ލިބެނީ މާޒިޔާއަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެންނެވެ.

Advertisement

އީގަލްސްއާ ދެކޮޅަށް މިރޭ ނުކުތް ގްރީންއަކީ ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ޓީމެކެވެ. ފުރަތަމަ ހަތަރު މެޗުން އެޓީމު ހޯދި 10 ޕޮއިންޓާއެކު ޓީސީއާއި އެންމެ ރަނގަޅު ވާދައެއް ކުރަމުން ދިޔައީވެސް ގްރީން އެވެ. ލީގުގައި އެޓީމު ކުޅުނު ފުރަތަމަ ހަތަރު މެޗުގައިވެސް ނުކުތީ މިނިވަން ޗެމްޕިއަންޝިޕުން ލީގަށް ކޮލިފައިވި ޓީމުތަކާއި ދެކޮޅަށެވެ. ލީގުގެ ފުރަތަމަ މެޗުގައި ފޯކައިދޫއާއި ވާދަކުރި މެޗު އެއްވަރުވި ނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗުގައި ނިލަންދޫ އާއި ތިމަރަފުށި އަދި ފެހެންދޫ އަތުން އެޓީމު ވަނީ މޮޅުވެފައެވެ. މިރޭގެ މެޗުން ބަލިވިޔަސް 10 ޕޮއިންޓާއެކު ގްރީން އަދިވެސް އޮތީ ތިންވަނައިގައެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އީގަލްސް ޓީމުންނެވެ. ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ދާދިފަހުން ޖަލުން މިނިވަންވެ އަލުން އެއްވަނަ ޑިވިޝަނުގައި ކުޅެންފެށި ގްރީންގެ ގޯލްކީޕަރ އިބްރާހީމް ލަބާން ޝަރީފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ މެދުތެރޭގައި މޮޅު ކުޅުމެއްދެއްކި މުހައްމަދު އާރިފް (ބަކާ) އެވެ.

ލީގުގެ ފަސްވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ކުޅުނު ފަސްމެޗުންވެސް މޮޅުވެ އެއްވަނައިގައި އުޅެނީ ޓީސީ އެވެ. އެޓީމާއި ވާދަވެރި ނިއު ރޭޑިއަންޓް އޮތީ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ދިވެހި ޕްރިމިއަރ ލީގުގެ ހަވަނަ ހަފްތާގެ ކުޅުން ފެށެނީ އަންނަ ހޯމަ ދުވަހުއެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފެހެންދޫ އާއި ނިއު ރޭޑިއަންޓެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *