2024 ވަނަ އަހަރުގެ ޔޫރޯ އޮންނާނީ ޖަރުމަނުގައި

2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބިޑް ތުރުކީއާއި ވާދަކޮށް ޖަރުމަނުން ކާމިޔާބުކޮށްފިއެވެ. ސްވިޒަލޭންޑްގެ ނިޔޯންގައި އިއްޔެ އޮތް ރަސްމިއްޔާތުގައި މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީން ދިން ވޯޓުގައި ކުރި ލިބުނީ ޖަރުމަނަށެވެ.
މިއީ ޖަރުމަނުގެ ނަމުގައި އެގައުމުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. 1988 ވަނަ އަހަރު އެގައުމުގައި މި މުބާރާތް ބޭއްވީ ވެސްޓް ޖަރުމަނުގެ ނަމުގައެވެ. އިއްޔެގެ ބިޑު ނާކާމިޔާބުވުމާއިއެކު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއް ބާއްވަން ތުރުކީން ކުރަންޖެހޭ އިންތިޒާރު އަނެއްކާވެސް ވަނީ ދިގުވެފައެވެ. އެގައުމުން ވަނީ 2008، 2012 އަދި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަންވެސް މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސް ބާއްވަންވެސް އެގައުމުން ބިޑު ހުށަހެޅިއެވެ. ޖަރުމަނުން އެގައުމުގައި އެންމެ ފަހުން ބޭއްވި ފުޓްބޯޅައިގެ ބޮޑު މުބާރާތަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.
2020 ވަނަ އަހަރު ޔޫރަޕްގެ 12 ގައުމެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅޭއިރު ޖަރުމަނުގައިވެސް ބައެއް މެޗުތައް ކުޅެވިގެންދާނެއެވެ. އެ އަހަރުގެ މުބާރާތުގައި ޖަރުމަނުގައި މެޗުތައް ކުޅޭނީ ބެޔާން މިއުނިކްގެ އަލިއަންޒް އެރީނާގައެވެ.
ޖަރުމަނުން ބިޑު ކާމިޔާބު ކުރުމަށްފަހު ޔޫއެފާގެ ރައީސް އަލެސެންޑަރ ކެފެރިން ބުނީ ބިޑުގެ ހުރިހާ ކަމެއްވެސް ދިޔައީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ޖަރުމަނުގައި ބާއްވާ މުބާރާތުގައިވެސް 24 ޓީމު ވާދަކުރާއިރު މުބާރާތް ކުޅޭނީ ޖޫން އިން ޖުލައިއަށެވެ. 24 ޓީމުގެ މެދުގައި 32 ދުވަހަށް ބަހާލައިގެން ކުޅޭ މުބާރާތުގައި ޖުމްލަ 51 މެޗު ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ ބާލިން ގައެވެ. މީގެ އިތުރުންވެސް އެގައުމުގެ މަޝްހޫރު ހުރިހާ ސިޓީއެއްގައި މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.
މުބާރާތުގެ ބިޑު ޖަރުމަނުން ހުށަހެޅިއިރު އެމްބެސެޑަރަކީ ފިލިޕް ލާމް އެވެ.
“އަހަރެމެންގެ އެބަހުރި ވަރަށް ހިތްގައިމު ސްޓޭޑިއަމްތަކާއި ފުޓްބޯޅައަށް ލޯބިކުރާ ސަޕޯޓަރުން. ޖަރުމަނުގައި ބާއްވާ މުބާރާތަކީ ފުޓްބޯޅައިގެ ބޮޑު ޕާޓިއަކަށް ހަދާނަން” ބިޑު ކާމިޔާބު ކުރުމަށްފަހު ލާމް ބުންޏެވެ.
ޖަރުމަނާއި ތުރުކީން މުބާރާތް ބާއްވަން ބިޑު ކުރިއިރު ތުރުކީއަށް ފުރުސަތު ނުލިބުނީ ހުށަހެޅި ބިޑުގައި ރިސްކު އެކުލެވޭ ކަންތައްތަކެއް ހުރުމުންކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ. މިގޮތުން އިންސާނީ ހައްގަށް ތުރުކީގެ ބިޑުގައި އަހައްމިއްޔަތުކަން ދީފައިވާ މިންވަރު ކުޑަވުމާއި މުބާރާތް ބާއްވަން ކަނޑައަޅާފައިވާ ސިޓީތަކުގައި ޓީމުތައް ތިބެން އެކަށީގެންވާ ތަންތަން ނެތުން ހިމެނެއެވެ. އެހެންނަމަވެސް ތުރުކީން ހުށަހެޅި ބިޑުގެ ސަބަބުން ޔޫއެފާއިން ދިގު މުއްދަތަކަށް އެކުލަވާލާފައިވާ އަމާޒުތަކަށް ފަސޭހަވެގެން ދާނެކަމަށް ބުނެފައިވެއެވެ.
Advertisement


Leave a Reply