ޖައިލަމްގެ މޮޅު ކުޅުމާއެކު ފޯކައިދޫއަށް މުހިއްމު މޮޅެއް

Advertisement

ޖައިލަމްގެ މޮޅު ކުޅުމާއެކު ފޯކައިދޫއަށް މުހިއްމު މޮޅެއް

ޢަލީ ޝަހީމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ބ. ފެހެންދޫ އަތުން ށ. ފޯކައިދޫ މުހިއްމު މޮޅެއް ހޯދައިފިއެވެ. މިރޭގެ މެޗު ފޯކައިދޫ ކާމިޔާބު ކުރީ 4-0 އިންނެވެ. މިއީ ލީގުގައި ފޯކައިދޫ މޮޅުވި ފުރަތަމަ މެޗެވެ. މި މޮޅާއެކު އެޓީމު ވަނީ ކުޅުނު ފަސްމެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޓޭބަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. ފޯކައިދޫއާއި އެއްވަރަށް އީގަލްސް އަށް ޕޮއިންޓް ލިބުނު ނަމަވެސް އެޓީމަށް ފަސްވަނަ ލިބެނީ ފައިދާ އެއް ގޯލު އިތުރުވުމުންނެވެ. މި މެޗުން ބަލިވުމުން ފެހެންދޫ ވަނީ އަށް ވަނައަށް ވެއްޓިފައެވެ. ފަސްމެޗުން ފެހެންދޫއަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ލީގު މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ލީގު މެދުކަނޑާލުމުގެ ކުރިން ކުޅުނު ހަތަރު މެޗުން ފޯކައިދޫއަށް ލިބުނީ ދެ ޕޮއިންޓެވެ. އެޓީމު ތިމަރަފުށްޓާއި ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެޓީމު ބަލިވީ ނިއު ރޭޑިއަންޓާއި ވިކްޓްރީ އަތުންނެވެ. ނިއުއާ ވާދަކުރި މެޗު 1-0 އިން ބަލިވިއިރު ވިކްޓްރީ އަތުން ބަލިވީ 2-1 އިންނެވެ.

މި މެޗަށް ނުކުތްއިރު ފެހެންދޫ ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. އެޓީމު ލީގުގައި ފުރަތަމަ ޕޮއިންޓް ހޯދީ ވިކްޓްރީއާއި 0-0 އިން އެއްވަރުކޮށްގެންނެވެ. އޭގެ ފަހުން ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް 3-0 އިން ބަލިވިއިރު ގްރީންއާ ވާދަކުރި މެޗުން ބަލިވީ 2-0 އިންނެވެ. ލީގު މެދުކަނޑާލުމުގެ ކުރިން އެޓީމު ވަނީ ތިމަރަފުށްޓާއި ކުޅުނު މެޗުން 1-0 އިން މޮޅުވެފައެވެ.

މެޗުގައި ދެ ލަނޑު ޖެހި ޖައިލަމް. ފޯކައިދޫ ޓީމުގައި ޖައިލަމް އަންނަނީ މޮޅު ކުޅުމެއްދައްކަމުން. ފޮޓޯ: އެފްއޭއެމް

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެވެ. ފޯކައިދޫގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ހަލީލް އެވެ. ހަލީލް މި ލަނޑު ޖެހީ ފޯކައިދޫގެ އަހްމަދު ވިޖުދާން ނަގައިދިން ހުރަހެއް ފެހެންދޫގެ ޑިފެންޑަރުންނަށް ލިބުމުގެ ކުރިން ކީޕަރަށްވެސް ފުރުސަތެއް ނުދީ ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ފެހެންދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ކައުންޓަރ އެޓޭކުގައި ލިބުނު ފުރުސަތުތަކުގައި ފޯކައިދޫ ޓީމުން ދިޔައީ ފެހެންދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ 70 ވަނަ މިނެޓުގައި ރެފްރީ ވަނީ ފޯކައިދޫ ޓީމުގެ އަހްމަދު އުސާމަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. އުސާމަށް ރަތްކާޑު ދެއްކީ ފޯކައިދޫގެ ކުޅުންތެރިއަކު ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓުމުން އެއީ ޑައިވްއެއް ކަމަށް ބަލައި އެ ކުޅުންތެރިޔާއަށް ރެފްރީ ރީނދޫ ކާޑު ދެއްކުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ރެފްރީއާއި ޒުވާބު ކުރުމުންނެވެ.

ފޯކައިދޫ ޓީމުގެ އެއް ކުޅުންތެރިއަކު މަދުވުމުން ފެހެންދޫ ޓީމުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިފައެވެ. ނަމަވެސް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް އެޓީމަށް ލިބިފައެއް ނުވެއެވެ. މެޗުގެ ފަހު ތިންލަނޑު ފޯކައިދޫ ޓީމުން ޖެހީ ފަހު ދިހަ މިނެޓުގައެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ޖައިލަމެވެ. މެޗުގެ 82 ވަނަ މިނެޓާއި 84 ވަނަ މިނެޓުގައި މި ދެ ލަނޑު ޖަހަންވެސް މަގުފަހިކޮށްދިނީ ހަލީލް އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖައިލަމް ވަނީ ލީގުގައި ތިމަރަފުށްޓާއި ވާދަކުރި މެޗުގައިވެސް ދެ ގޯލު ޖަހާ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. ފޯކައިދޫގެ ހަތަރު ވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ކުޅުންތެރިޔާ މަހުމޫދު ސައީދެވެ.

ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ގްރީން ސްޓްރީޓްސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *