ރެއާލް އާއި ބާސާ ބަލިވުމުގެ ފައިދާ އެތްލެޓިކޯއިން ނަގައިފި
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި ބާސެލޯނާ ބަލިވުމުގެ ފައިދާ އެތްލެޓިކޯ މެޑްރިޑުން ނަގައިފިއެވެ. ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ ބަލިވީ ތާވަލުގެ ފުލުގައި އޮތް ލެގަނޭސް އަތުން 2-1 އިންނެވެ. ރެއާލް މެޑްރިޑް ރޭ ސެވިއްޔާއާއި ވާދަކުރި މެޗުން ބަލިވީ 3-0 އިންނެވެ. ދެޓީމުގެ ބަލިވުމުގެ ފައިދާ އެތްލެޓިކޯ ނެގީ 3-0 އިން ހުއެސްކާ ބަލިކޮށްގެނެވެ.
ރޭގެ މެޗުތަކަށްފަހު ރެއާލް އާއި ބާސެލޯނާއަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ލީގުގެ އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. ރޭ ހުއެސްކާ އަތުން މޮޅުވުމުން އެތްލެޓިކޯ މިހާރު ވަނީ 11 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް އަރާފައެވެ.
ބާސެލޯނާއއި ލެގަނޭސް ވާދަކުރި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ޖެހީ ފިލިޕް ކުޓީނިއޯއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލެގަނޭސް މެޗުން މޮޅުކޮށްދިން ދެ ލަނޑު ޖެހީ މެޗުގެ 52 ވަނަ މިނެޓާއި 53 ވަނަ މިނެޓުގައެވެ. ފުރަތަމަ ލަނޑު ނަބީލް އެލް ޒަހާރް ޖެހިއިރު ދެވަނަ ލަނޑު ޖެހީ އޮސްކޯ ރޮޑްރިގޭޒްއެވެ. މިއީ ލީގުގައި ލެގަނޭސްއަށް ލިބުނު ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން ކުޅުނު ފަސް މެޗުން އެޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާއިން ރެއާލް މެޑްރިޑް ބަލިކުރީ ފުރަތަމަ ހާފުގައި ޖެހި ތިން ގޯލުންނެވެ. ބާސެލޯނާ ބަލިވުމުން ރެއާލްއަށް ރޭގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. ސެވިއްޔާގެ ތިން ލަނޑުގެ ދެ ލަނޑު ޖެހީ އެސީ މިލާނުން ލޯނެއްގެ ގޮތުގައި ސެވިއްޔާއަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗުގަލްގެ ފޯވާޑް އެންދްރޭ ސިލްވާ އެވެ. ސިލްވާގެ ފުރަތަލަ ލަނޑު 17 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ އޭގެ ތިން މިނެޓު ފަހުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެވިއްޔާގެ ތިންވަނަ ލަނޑު ޖެހީ ވިސާމް ބެން ޔެޑާއެވެ. މިއީ 2015 ވަނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހުގެ ފަހުން ލީގުގައި އެއް ދުވަހެއްގައި ރެއާލް އާއި ބާސާ ބަލިވި ފުރަތަމަ ފަހަރެވެ.
އަމިއްލަ ދަނޑުގައި ހުއެސްކާއާއި ވާދަކޮށް އެތްލެޓިކޯ މެޑްރިން މޮޅުވިއިރު އެޓީމުގެ ތިން ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ޑިއޭގޯ ކޮސްޓާ ޖެހިއިރު ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ޖެހީ ތޯމަސް ޕާޓޭ އެވެ. ތިންވަނަ ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ޖެހީ ކޮކޭއެވެ.
Advertisement
Leave a Reply