ހަޒާޑްގެ އަސްލު ކުޅުން އަދި ނުފެނޭ: ޒޯލާ

Advertisement

ހަޒާޑްގެ އަސްލު ކުޅުން އަދި ނުފެނޭ: ޒޯލާ

ޢަލީ ޝަހީމް

އިނގިރޭސި ލީގު ކަޕްގެ ތިންވަރަ ބުރުގައި ރޭ ލިވަޕޫލާއި ވާދަކުރި މެޗުގައި ފަހަތުން އަރާ ޗެލްސީ މޮޅުވެއްޖެއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ މެޗުގެ 85 ވަނަ މިނެޓުގައި އެޑެން ހަޒާޑް ޖެހި ހިތްގައިމު ލަނޑާއިއެކު 2-1 އިންނެވެ. މި މެޗުން މޮޅުވުމުން ޗެލްސީ ވަނީ ލީގު ކަޕްގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. ސީޒަނުގައި ވީ ފުރަތަމަ ބައްޔާއެކު ލިވަޕޫލް ލީގުކަޕުން ކެޓިއިރު މި ސީޒަނުގައި ކުޅުނު ފުރަތަމަ ހަތް މެޗުވެސް އެޓީމު ވަނީ ކާމިޔާބު ކޮށްފައެވެ.

މި މެޗަށް ނުކުތްއިރު 2012 ވަނަ އަހަރުގެ ފަހުން އެއްވެސް މުބާރާތެއްގައި ލިވަޕޫލަށް އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރެވިފައެއް ނުވެއެވެ. އޭގެ ފަހުން މިހާތަނަށް ހަތް މެޗު ކުޅުނުއިރު ފަސް މެޗު އެއްވަރުވެގެން ނިމުނުއިރު ދެ މެޗުން ލިވަޕޫލް ވަނީ ބަލިވެފައެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް ލިވަޕޫލް ކުރި ހޯދީ 2012 ވަނަ އަހަރު ޕްރިމިއަރ ލީގުގައި 4-1 އިންނެވެ.

Advertisement

ރޭގެ މެޗުގައި ލިވަޕޫލްގެ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ޖެހީ ޑެނިއަލް ސްޓަރިޖް އެވެ. މިއީ ލީގު ކަޕްގައި ކުޅުނު 11 މެޗުން އޭނާ ޖެހި 11 ވަނަ ގޯލެވެ. މި ލަނޑަށްފަހު ޗެލްސީއަށް މެޗުގައި އެއްވަރުކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައި ބްރެޒިލްގެ ޑިފެންޑަރު އެމަސަން ޕަލްމިއެރީ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ރޯމާއިން ޗެލްސީއަށް ބަދަލުވުމަށްފަހު އެމަސަން އެޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ލަނޑު ޖެހިއިރު އެމަސަން އޮފްސައިޑް ކަމަށް ބެލެވޭތީ ލަނޑެއް ކަމަށް ރެފްރީ ނިންމީ ވީއޭއާރު ބެލުމަށްފަހުއެވެ. މެޗުން ޗެލްސީ މޮޅުވި ލަނޑު ޖަހައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން އެޑެން ހަޒާޑެވެ. މެޗުގެ 85 ވަނަ މިނެޓުގައި ހަޒާޑް މި ލަނޑު ޖެހީ ލިވަޕޫލްގެ އޭރިޔާ ބޭރު އަރިމަތިން ލިބުނު ބޯޅަ ނަބީ ކެއިޓާއާއި އަލްބާޓޯ މޮރޭނާ ގާތުން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށެވެ. ހަޒާޑްގެ އަމިއްލަ ހުނަރު ފެނިގެންދިޔަ މި ލަނޑު ޖެހިއިރު ލިވަޕޫލްގެ ކުޅުންތެރިންނަށް އޭނާ ހިފަހައްޓަން އެއްވެސް ކަމެއް ނުކުރެވުނެވެ.

މެޗަށްފަހު ޗެލްސީގެ އެސިސްޓެންޓް ކޯޗު ޖިއަންފްރެންކޯ ޒޯލާގެ ތައުރީފް އޮއްސާލީ ހަޒާޑަށެވެ.

“އެއީ ވަރަށް މޮޅު ގޯލެއް. ގޯލުގެ ހިތްގައިމުކަން އެކަންޏެއް ނޫން. އެ ގޯލު ޖެހި ވަގުތުވެސް ވަރަށް މުހިއްމު” 85 ވަނަ މިނެޓުގައި ޗެލްސީ މޮޅުކޮށްދިން ލަނޑު ހަޒާޑް ޖެހުމުން ތައުރީފް ކުރަމުން ޒޯލާ ބުންޏެވެ.

ޒޯލާ ބުނީ ހަޒާޑް ހިމެނެނީ ޕްރިމިއަރ ލީގުގެ އިތުރުން ޔޫރަޕާއި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ކަމަށެވެ.

“އަހަރެންގެ ނަޒަރުގައި އަހަރެމެނަށް އަދި ހަޒާޑްގެ އަސްލު ކުޅުމެން ނުފެނޭ. އެއީ އާދަޔާހިލާފު ކުޅުންތެރިއެއް” ފީފާއިން ހޮވި ފިފްޕްރޯ ގަދަ އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނުނު ހަޒާޑާއި ގުޅޭގޮތުން ޒޯލާ ބުންޏެވެ.

ރޭގެ މޮޅާއެކު ޗެލްސީ ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ވާދަކުރާނެ ޓީމެއް އެނގޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ ނަގާ ގުރަށްފަހުއެވެ. ޗެލްސީއާއި ލިވަޕޫލް ލީގު ކަޕްގައި ވާދަކުއިރު މި ހަފްތާ ބަންދުގައި ކުޅޭ ލީގު މެޗުގައިވެސް މިދެޓީމު ވާދަކުރާނެއެވެ. މި ސީޒަނުގެ ލީގުގައިވެސް ވާދަވެރި މި ދެޓީމުގެ މެޗު ކުޅޭނީ ޗެލްސީ ދަނޑުގައެވެ.

އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބްރެންޓްފޯޑް ބަލިކޮށް ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. ރޭގެ މެޗުގައި އާސެނަލް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޑެނީ ވެލްބެކް އެވެ. އެޓީމުގެ ތިންވަނަ ލަނޑު ޖެހީ އެލެކްޒެންޑާ ލަކަޒޭ އެވެ. ރޭ ޕްރިމިއަރ ލީގުގެ ވެސްޓްހަމް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި މެކްލްސްފީލް ޓައުން ކޮޅަށް އަށް ލަނޑު ޖަހާފައެވެ. ނޮޓިންހަމް ފޮރެސްޓާއި ސްޓޯކް ސިޓީ ވާދަކުރި މެޗު 3-2 އިން ނޮޓިންހަމް ކާމިޔާބު ކުރިއިރު އަމިއްލަ ދަނޑުގައި ވެޓްފޯޑާއި ވާދަކުރި މެޗުން ޓޮޓެންހަމް މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *