އީސަގެ ހެޓްރިކާއެކު މާޒިޔާއަށް ބޮޑު މޮޅެއް
އިސްމާއީލް އީސަ (މެސީ) ގެ ހެޓްރިކުން ދިވެހި ޕްރިމިއަރ ލީގުގައި މިރޭ މާޒިޔާއިން ވިކްޓްރީ 5-0 އިން ބަލިކޮށްފިއެވެ. މި މޮޅާއެކު މާޒިޔާއަށް ވަނީ ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ހަތް ޕޮއިންޓާއެކު މާޒިޔާ ލީގުގައި އޮތީ ކުރީގައި އޮތް ޓީމުތަކަށްވުރެ އެއްމެޗު އިތުރަށް ކުޅެ ހަތަރު ވަނައިގައެވެ. މާޒިޔާއަށްވުރެ ކުރީގައި ލީގުގައި އުޅެނީ އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ދެވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސް އެވެ. މިމެޗުން ބަލިވުމުން ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު ވިކްޓްރީ އޮތީ ތާވަލުގެ ހަވަނައިގައެވެ.
މިރޭގެ މެޗަށް ނުކުތްއިރު ލީގު މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު މެދުކަނޑާލުމުގެ ކުރިން އެންމެ ފަހުން ކުޅުނު ދެމެޗުންވެސް މާޒިޔާ ވަނީ ބަލިވެފައެވެ. އެންމެ ފަހުން ކުޅުނު މެޗުގައި 3-0 އިން ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ބަލިވިއިރު އޭގެ ކުރިން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓާއި ވާދަކޮށް އެޓީމު ބަލިވީ 1-0 އިންނެވެ. މި މެޗުގެ ކުރިން ލީގުގައި އެޓީމަށް ހައެކަނި މޮޅެއް ލިބުނީ ފ. ނިލަންދޫއާއި ވާދަކޮށެވެ. އެމެޗުން މާޒިޔާ މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗަށް ނުކުތްއިރު ވިކްޓްރީއަކީ ލީގުގައި މިވަގުތު އެންމެ ހާލަތު ދަށް އެއްޓީމެވެ. ގާތްގަނޑަކަށް ދެމަހަށް ލީގުގެ ކުޅުން މެދުކަނޑާލި ނަމަވެސް ލިބުނު ބްރޭކުގައި ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެޓީމުގެ ކޯޗު ލާޒްލޯ ކިސް ވަނީ ޓީމު ދޫކޮށް ގޮސްފައެވެ. ކުޅުންތެރިންނަށް ހަމައަށް މުސާރަ ނުދޭތީ އަޑިއަޅާލި ނަމަވެސް މި ސީޒަނުގެ ކުރީކޮޅު ވިކްޓްރީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މާލޭ ލީގުގައި އެޓީމު ވަނީ ނިއު ރޭޑިއަންޓް އަދި ޓީސީ ވެސް ބަލިކޮށްފައެވެ. ބްރޭކުގެ ކުރިން ޕްރިމިއަރ ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމަށް މޮޅެއް ލިބުނީ ހަމައެކަނި ފޯކައިދޫން އަތުންނެވެ. މިނިވަން ޗެމްޕިއަންޝިޕުން ލީގަށް ކޮލިފައިވި ފެހެންދޫ އާއި ނިލަންދޫއާ ވާދަކުރި ދެމެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ބްރޭކުގެ ކުރިން ކުޅުނު ފަހު މެޗުގައި އީގަލްސް އާ ވާދަކޮށް އެޓީމު ބަލިވީ 3-1 އިންނެވެ.
މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މާޒިޔާގެ ގޯލަށް ވިކްޓްރީއަށް މާ ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ. މެޗުގައި މާޒިޔާއިން ޖެހި ފަސް ގޯލުގެ ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ ދިހަވަނަ މިނެޓުގައި އީސަ ޖެހިއިރު ދެވަނަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ކުޅުންތެރިޔާ ކޯނިލިއުސް ސްޓެވާޓެވެ. އޭގެ ހަތަރު މިނެޓު ފަހުން މާޒިޔާގެ ތިންވަނަ ލަނޑު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. މެޗުގައި އީސަ ހެޓްރިކް ހެދީ 42 ވަނަ މިނެޓާއި 44 ވަނަ މިނެޓުގައި ޖެހި ދެގޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބުނީ އީސައަށެވެ.
ލީގުގައި މާދަމާވެސް ދެމެޗެއް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ހަވީރު 4 ޖަހާއިރު ވާދަކުރާނީ ނިއު ރޭޑިއަންޓާއި ޓީސީ އެވެ. މާދަމާރޭ ކުޅޭމެޗުގައި ބ. ފެހެންދޫ ނުކުންނާނީ ށ. ފޯކައިދޫއާއި ދެކޮޅަށެވެ. ލީގުގައި ހުކުރު ދުވަހުގެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ގްރީން ސްޓްރީޓްސް އެވެ.
Advertisement
Leave a Reply