ތިމަރަފުށި ބަލިކޮށް ނިލަންދޫ ގަދަ އަށެއްގެ އުއްމީދުގައި

ދިރާގު ދިވެހި ލީގު ދެމަހެއްހާ ދުވަހަށް މެދުކެނޑުމަށްފަހު މިއަދު ކުޅުނު މެޗުގައި ތ. ތިމަރަފުށްޓާއި ވާދަކޮށް ފ. ނިލަންދޫ ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިލަންދޫ ކާމިޔާބު ކުރީ 3-0 އިންނެވެ. މި މޮޅާއެކު ނިލަންދޫ ވަނީ ކުޅުނު ފަސް މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ތާވަލުގެ ނުވަ ވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗުން ބަލިވުމުން އެއް ޕޮއިންޓާއިއެކު ތިމަރަފުށި އޮތީ ތާވަލުގެ ފުލުގައެވެ.
މިއަދުގެ މެޗުގައި ދެޓީމުގެ ފުރަތަމަ އެގާރައިންވެސް ވަނީ ބަދަލުތަކެއް ފެނިފައެވެ. ތިމަރަފުށީ ޓީމުގެ ފުރަތަމަ އެގާރައިގެ ގިނަ ކުޅުންތެރިންތަކެއް މިއަދުގެ މެޗުގައި ނުފެނުނުއިރު ނިލަންދޫ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ ބައެއް ކުޅުންތެރިން މިއަދު ފެނުނީ ބެންޗުންނެވެ. މި މެޗުގައި ނިލަންދޫ ޓީމަށް އިރުޝާދު ދިނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އާދަމް އަބްދުއްލަޠީފް (ލައްޗޭ) އެވެ.
މެޗުގައި ނިލަންދޫ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ބިދޭސީ ފޯވާޑް ކްވޭކޫ ލޫކަސް އެވެ. ލީޑުގައި އޮވެ ދެވަނަ ހާފުގައިވެސް ނިލަންދޫ ފެނުނީ ކުރިއަށްޖެހި ތިމަރަފުށީގެ ގޯލަށް ހަމަލަތާކެއް އުފެއްދިތަނެވެ. ނަމަވެސް އެޓީމުން ޖެހި ފަހު ދެ ލަނޑު ފެނިގެން ފަހު ދިހަ މިނެޓުގައެވެ. 83 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހީމް ފުރުގާން (ފުގޭ) އެވެ. ނިލަންދޫ ޓީމުގެ ތިންވަނަ ލަނޑު 87 ވަނަ މިނެޓުގައި ޖެހީ އާދިލް އަލީ އެވެ.

ލީގު މެދުކަނޑާލުމުން ލިބުނު ބޮޑު ބްރޭކުގައި ނިލަންދޫ ޓީމް ރަށުގައި ޕްރެކްޓިސް ކުރަނީ. ފޮޓޯ: ނިލަންދޫ ފުޓްބޯޅަ ޓީމް
ލީގު ދެމަސްދުވަހަށް މެދުކެނޑުމުން ބައެއް ޓީމުތަކުގެ ހާލަތު ގޯސްވިނަމަވެސް ނިލަންދޫން ވަނީ ރަށުގައި ޕްރެކްޓިސްކޮށް ރަނގަޅަށް ތައްޔާރުވެފައެވެ. ނަމަވެސް ލީގުގެ ބްރޭކަށްފަހު ތިމަރަފުށި މި މެޗަށް ނުކުތީ އެއްވެސް ޕްރެކްޓިހެއް ނުކޮށްކަމަށް އެޓީމުން ބުނެއެވެ. މީގެ އިތުރުން ރަށުގައި ތިބި އެޓީމުގެ މުހިއްމު ކުޅުންތެރިން މާލީ ދަތިކަމުގެ ސަބަބުން މިއަދު މެޗަށް ނުގެނެވުނު ކަމަށްވެސް އެޓީމުން ވަނީ ބުނެފައެވެ.
ތިމަރަފުށި ލީގަށް ކޮލިފައިވީ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. ނަމަވެސް ލީގުގައި މިހާތަނަށް އެޓީމަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ލީގުގައި މިހާތަނަށް އެޓީމަށް ހަމައެކަނި ޕޮއިންޓެއް ލިބުނީ ށ. ފޯކައިދޫއާއި ވާދަކުރި މެޗު އެއްވަރުވެގެންނެވެ. އޭގެފަހުން ބ. ފެހެންދޫއާއި ވާދަކުރި މެޗުންވެސް އެޓީމު ވަނީ 1-0 އިން ބަލިވެފައެވެ.
ލީގުގައި ދެބުރު ކުޅޭއިރު ދެވަނަ ބުރަށް ކޮލިފައިވާނީ ގަދަ އަށް ޓީމެވެ.
Advertisement


Leave a Reply