މޮރީނިއޯގެ މައްޗަށް ލަމްޕާޑް ކުރި ހޯދައިފި

Advertisement

މޮރީނިއޯގެ މައްޗަށް ލަމްޕާޑް ކުރި ހޯދައިފި

ފަހުމިނެޓް

އިނގިރޭސި ލީގް ކަަޕްގެ ތިންވަނަ ބުރުގައި ރޭ ޕްރިމިއާ ލީގުގެ ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށްފަހު، ޗެމްޕިއަންޝިޕް ކުލަބް ޑާބީ ކައުންޓީ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މީގެ ކުރިން ޗެލްސީގައި މޮރީނިއޯގެ އިރުޝާދުގެދަށުން ކުޅުނު ފްރޭންކް ލަމްޕާޑު ކޯޗުކަން ކުރަމުންގެންދާ ޑާބީއިން މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރީ 2-2 އިން މެޗު އެއްވަރުވެގެން ނިމުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 8-7 އިން ކުރި ހޯދައިގެންނެވެ.

Advertisement

މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ލީޑުނެގީ ލަމްޕާޑާއިއެކު ޗެލްސީގައި ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި އެޕްއޭ ކަޕް ވެސް ކާމިޔާބުކުރި މިޑްފީލްޑަރ ހުއާން މާޓާއެވެ. މިއީ ވޭތުވެދިޔަ ނުވަ މަސްތެރޭ މާޓާ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގައި ޑާބީއިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި، އެޓީމުން މިސީޒަނަށް ލިވަޕޫލުން ލޯނަށް ގެނައި ހެރީ ވިލްސަން އެވެ. އޭނާ މި ލަނޑު ޖެހީ ގޯލާ 30 ޔާޑު ދުރުން ލިބުނު ހިލޭޖެހުމަކުންނެވެ. އެއަށްފަހު މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެކް މެރިއޮޓް ވަނީ ޑާބީއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑަށް އުންމީދެއް ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެލައިނީ މެޗުގެ ފަހު ސިކުންތުގައި ޖަހައިދިން ގޯލުންނެވެ.

ޖުމްލަ 16 ޕެނަލްޓީ ފެނިގެން ދިޔަ ޕެނަލްޓީ ޝޫޓްއައުޓުގައި ނާކާމިޔާބުވީ ޔުނައިޓެޑްގެ ޑިފެންޑަރު ޕިލް ޖޯންސް ޖެހި ޕެނަލްޓީއެވެ. ޖޯންސް ޖެހި ޕެނަލްޓީގެ ހުރަހަކަށްވީ ޑާބީގެ ކީޕަރު ސްކޮޓް ކާސަންއެވެ.

މިމެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުގެ ގޯލު ބެލެހެއްޓި ކީޕަރު ސާޖިއޯ ރޮމޭރޯއަށް ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދެއްކީ ޕެނަލްޓީ އޭރިޔާ ބޭތުން ބޯޅައިގައި އަތްލުމުގެ ސަބަބުންނެވެ. ރޮމޭރޯއަށް ރަތްކާޑު ދެއްކުމާއެކު ދެން ޔުނައިޓެޑުގެ ގޯލު ބަލަހައްޓަން މެޗުގައި ކުޅެން އެރުވީ މީގެ ކުރިން ޑާބީއަށް 186 މެޗު ކުޅެދީފައިވާ 35 އަހަރުގެ ކީޕަރު ލީ ގްރާންޓް އެވެ.

މެޗަށްފަހު ޔުނައިޓެޑުގެ މެނޭޖަރު ހޯސޭ މޮރީނިއޯ ބުނީ މެޗުން ބަލިވީ ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ. އަދި މިމުބާރާތަކީ ކުޑަ މުބާރާތެއް ކަމާއި މޮޅުވާން ބޭނުންވި ނަމަވެސް ބަލިވުމުން ދެރަވާކަމަށްވެސް މޮރީނިއޯ ބުންޏެވެ.

ޑާބީގެ މެނޭޖަރު ލަމްޕާޑް މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، އޭނާ މަސައްކަތް ކުރަނީ ރަނގަޅު ޓީމެއް ބިނާކުރުމަށްކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށްވެސް އޭނާ ވަނީ ތައުރީފު ކޮށްފައެވެ.

މި މުބާރާތުގައި ރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލާލާއިރު މެންޗެސްޓާ ސިޓީން ވަނީ އޮކްސްފޯޑް ޔުނައިޓެޑް 3-0 އިން ބަލިކޮށްފައެވެ. ޕެނަލްޓީ ޖަހައިގެން ލެސްޓާ ސިޓީން ވުލްވްސް ބަލިކުރިއިރު ބާންލީ ވަނީ އިނގިރޭސި ތިންވަނަ ޑިވިޝަންގެ ކުލަބް ބާޓަން އަލްބިއަން އަތުން ބަލިވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *