ފީފާގެ އެވޯޑުވެސް މޮޑްރިޗަށް

Advertisement

ފީފާގެ އެވޯޑުވެސް މޮޑްރިޗަށް

ޢަލީ ޝަހީމް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ހޮވި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑް އަދި ކްރޮއޭޝިޔާގެ ލޫކަ މޮޑްރިޗަށް ލިބިއްޖެއެވެ. މޮޑްރިޗް ވަނީ މި އަހަރު ނިމުނު ވޯލްޑް ކަޕްގެ ފައިނަލަށް ކޮރޮއޭޝިޔާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މޮޑްރިޗް ވަނީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޔޫއެފާއިން ހޮވި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.  މީގެ އިތުރުން ޔޫއެފާއިން ހޮވި މިއަހަރުގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމްވެސް ހޯދީ މޮޑްރިޗެވެ. ލަންޑަނުގައި މިރޭ އޮތް އެވޯޑު ހަފްލާގައި މޮޑްރިޗަށް މޮޅު ކުޅުންތެރިޔާގެ މަގާމް ހަވާލުކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ވޯލްޑް ކަޕް ފައިނަލުގައި ފްރާންސާއި ވާދަކޮށް ކްރޮއޭޝިޔާ ބަލިވީ 4-2 އިންނެވެ. ކޮރޮއޭޝިޔާއާއެކު ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރިއިރު މޮޑްރިޗް ވަނީ ޖެހިޖެހިގެން ތިން ސީޒަނުގައި ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މެދުތެރޭގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ 3-1 އިން އިނގިރޭސި ކްލަބް ލިވަޕޫލް ބަލިކޮށްގެންނެވެ. މިފަހަރުގެ އެވޯޑަށް މޮޑްރިޗާއެކު ވާދަކުރީ މި ސީޒަނަށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މިދިޔަ ސީޒަނުގައި ލިވަޕޫލަށް މޮޅު ކުޅުމެއްދެއްކި މުހައްމަދު ސަލާހެވެ. މިފަހަރުގެ ގަދަ ތިނެއްގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނެލް މެސީ ހިމެނިފައެއް ނުވެއެވެ. މިރޭގެ ހަފްލާއަށް މެސީ އާއި ރޮނާލްޑޯ ހާޒިރުވެފައެއް ނުވެއެވެ.

Advertisement

މިރޭ ހޮވި އެހެން މަގާމުތަކަށް ބަލާއިރު އެންމެ މޮޅު ގޯލަށްދޭ ޕުސްކަސް އެވޯޑު ލިބުނީ ލިވަޕޫލްގެ ސަލާހަށެވެ. ސަލާހަށް މި އެވޯޑް ލިބުނީ މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި އެވަޓަން ކޮޅަށް ޖެހި ގޯލަށެވެ. މި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ވިހި އަހަރަށްފަހު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އެވެ. އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ރެއާލް މެޑްރިޑާއި ބެލްޖިއަމްގެ ގޯލް ކީޕަރު ތިބައު ކޯޓުއާއަށެވެ. ކޯޓުއާ މިދިޔަ ސީޒަނުގައި ބެލެހެއްޓީ ޗެލްސީގެ ގޯލެވެ. އޭނާ ވަނީ ވޯލްޑް ކަޕްގެ ތިންވަނަ ބެލްޖިއަމުން ހޯދިއިރު މޮޅު ކުޅުމެއްދައްކާ އެ މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމްވެސް ހޯދާފައެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބުނީ އެމެރިކާގެ އޯލާންޑޯ ޕްރިޑަށް ކުޅޭ ބްރެޒިލްގެ މާޓާއަށެވެ. މާޓާ ވަނީ އޭޕްރީލްމަހު ބޭއްވި ކޮޕާ އެމެރިކާ ބްރެޒިލަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތުގައި ބްރެޒިލް ވަނީ ކުޅުން ހަތް މެޗުންވެސް މޮޅުވެފައެވެ. މިއަހަރުގެ އެންމެ މޮޅު ސަޕޯޓަރުންގެ އެވޯޑް ލިބުނީ 36 އަހަރަށްފަހު ވޯލްޑް ކަޕްގައި ވާދަކުރި ޕެރޫގެ ސަޕޯޓަރުންނަށެވެ. މި އެވޯޑަށް އެންމެ ގާތުން ވާދަކުރީ ޖަޕާނާއި ސެނެގާލްގެ ސަޕޯޓަރުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *