ރޮނާލްޑޯގެ ސަސްޕެންޝަނާމެދު ގޮތެއް ނިންމުން އަންނަ ހަފްތާގައި
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެރޭ ޔުވެންޓަސްއާއި ވެލެންސިއާ ވާދަކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތްކާޑު އަންނަ ހަފްތާ ރިވިއު ކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ. ރޮނާލްޑޯގެ ރަތްކާޑު ރިވިއު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މެޗުގެ 29 ވަނަ މިނެޓުގައި ރޮނާލްޑޯއަށް ރަތްކާޑު ދެއްކި ނަމަވެސް އެމެޗުން ޔުވެންޓަސް ވަނީ 2-0 އިން މޮޅުވެފައެވެ.
ޔުވެންޓަސްއާއެކު ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ރައްކާޑަކީ މި މުބާރާތުގައި އޭނާއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ. ވެލެންސިއާގެ ޑިފެންޑަރ ޖެއިސަން މުރީއޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ރޮންލާޑޯއަށް ރަތްކާޑު ދައްކަން ރެފްރީ ނިންމީ ގޯލު ރޮނގު ކައިރީގައި ހުރި އޮފިޝަލުގެ މަޝްވަރާއާއި އެކުއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މުރީއޯ އޭރިޔާ ތެރެއަށް ވެއްޓުމުން ރޮނާލްޑޯ މުރީއޯގެ ބޮލުގައި އަތްލައެވެ. އެހިސާބުން ދެޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހަމަނުޖެހުން އުފެދުނު ވަގުތު ރެފްރީ ރޮނާލްޑޯއަށް ރަތްކާޑު ދައްކައެވެ. ރަތްކާޑު ދެއްކުމުން ރޮނާލްޑޯ ދަނޑުން ފޭބުމުގެ ކުރިން ދަނޑުމަތީގައި އޮށޯވެގެން އޮވެ ނުރުހުން ފާޅުކުރެއެވެ. އެވަގުތު ޔުވެންޓަސްގެ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުން ރޮނާލްޑޯ ދަނޑުން ބޭލުމަށް މަސައްކަތް ކޮށްފައެވެ. އެވަގުތު ރޮނާލްޑޯ ދަނޑުން ފޭބީ ރޮމުންނެވެ. އެރޭގެ މެޗުގައި ދެއްކި ރަތްކާޑަކީ ރޮނާލްޑޯގެ ފުޓްބޯޅަ ހަޔާތުގައި ދެއްކި 11 ވަނަ ރަތްކާޑެވެ.
ޗެމްޕިއަންސް ލީގުގައި ސީދާ ރަތްކާޑެއް ދެއްކުމުން އެއްމެޗަށްވުރެ ސަސްޕެންޝަން ދިގުވާނީ ޔޫއެފާއިން އެ މައްސަލަ ބެލުމަށް ފަހުއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރަތްކާޑު ދެއްކުމަށްފަހު އެކަމަށް ނުރުން ފާޅުކޮށް ދަނޑުން ފައިބަން ރޮނާލްޑޯ ލަސްކުރުމުގެ ޔޫއެފާއިން އެމައްސަލަ ބެލުމަށްފަހު އޭނާގެ ސަސްޕެންޝަން އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. ރަތްކާޑާއެކު ރޮނާލްޑޯއަށް އެއްމެޗުގެ ސަސްޕެންޝަނެއް މިހާރުވެސް ވަނީ އައިސްފައެވެ. މި ސަސްޕެންޝަނާއިއެކު އަންނަ މަހުގެ ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި ޔަންގް ބޯއީސްއާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަށް އޭނާ ސަސްޕެންޑް ވާނެއެވެ. އެމެޗަށްފަހު އެޓީމު ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ރޮނާލްޑޯގެ ކުރީގެ ޓީމު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.
ޔޫއެފާއިން މައްސަލަ ބެލުމަށްފަހު ރޮނާލްޑޯގެ ރަތްކާޑަށް އިތުރު މެޗެއްގެ ސަސްޕެންޝަނެއް ދީފިނަމަ އޮކްޓޯބަރ 23 ވަނަ ދުވަހު ޔުވެންޓަސް އިން ޔުނައިޓެޑުގެ ދަނޑުގައި ކުޅޭ މެޗު ރޮނާލްޑޯއަށް ގެއްލޭނެއެވެ. ތިންމެޗުގެ ސަސްޕެންޝަނެއް އަތުވެއްޖެނަމަ ނޮވެމްބަރ 7 ވަނަ ދުވަހު ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ ދެވަނަ މެޗުވެސް ރޮނާލްޑޯއަށް ގެއްލޭނެއެވެ. ނަމަވެސް އެއްމެޗަށްވުރެ ދިގު މުއްދަތަކަށް އަދަބު ދީފިނަމަ އެޕީލް ކުރުމުގެ ފުރުސަތު ކްލަބަށް ލިބިގެންދާނެއެވެ.
Advertisement
Leave a Reply