ތައްޓާއެކުވެސް ރޭންކިންގައި ރާއްޖެ ފަހަތަށް
ސަރަހައްދުގެ ޗެމްޕިއަންކަން ހޯދިނަމަވެސް ފީފާއިން އެންމެފަހުން އާއްމުކުރި ރޭންކިންގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް ގޮސްފިއެވެ. ފީފާއިން އިއްޔެ ނެރުނު ރޭންކިންގައި ރާއްޖެއަށް ލިބެނީ 151 ވަނައެވެ. އޭގެ ކުރިން ރޭންކިންގައި ރާއްޖެ އޮތީ 150 ވަނައިގައެވެ.
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ހަތް ގައުމުގެ ތެރެއިން ދަރަޖަ ފަހަތަށް ދިޔައީ ރާއްޖެއާއި އިންޑިއާގެ އިތުރުން ބޫޓާންއެވެ. މިފަހަރުގެ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ރާއްޖެއަށް ލިބުނީ އެއް ޕޮއިންޓެވެ. އެއީ ގްރޫޕް ސްޓޭޖުގައި ލަންކާއާއި ވާދަކޮށް 0-0 އިން އެއްވަރުވި މެޗުގައެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ވާދަކޮށް 2-0 އިން ރާއްޖެ ބަލިވިއެވެ. ރާއްޖެއަށް ސެމީ ފައިނަލުގެ ޖާގައެއް ލިބުނީ ސްރީ ލަންކާއާއި ހުރިހާގޮތަކުން އެއްވަރުވެ ގުރުނަގައިގެންނެވެ. ނަމަވެސް ސެމީ ފައިނަލާއި ފައިނަލުގައި ރާއްޖެ ވަނީ މޮޅު ކުޅުމެއް ދައްކައި ސަރަހައްދުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދާފައެވެ.
1992 ވަނަ އަހަރުން ފެށިގެން ފީފާއިން އާއްމު ކުރަމުން އަންނަ ދުނިޔޭގެ ރޭންކިންގެ އެންމެ ފަހަތަށް ރާއްޖެ ދިޔައީ 1997 ވަނަ އަހަރުއެވެ. އެއަހަރުގެ ސެޕްޓެމްބަރ މަހުގެ ރޭންކިންގައި ރާއްޖެއަށް ލިބުނީ 183 ވަނަ އެވެ. 126 ވަނައާއެކު ރާއްޖެއަށް ރޭންކިންގައި މިހާތަނަށް އެންމެ ކުރިއަށްދެވުނީ 2006 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
މިފަހަރުގެ ރޭންކިންގައިވެސް ސާކް ސަރަހައްދުން އެއްވަނައިގައި އުޅެނީ އިންޑިއާއެވެ. ދުނިޔޭގެ ރޭންކިންއަށް ބަލާއިރު 97 ވަނައާއެކު އިންޑިއާވަނީ އެއްދަރަޖަ ފަހަތަށް ވެއްޓިފައެވެ. 146 ވަނައިގައި އަފްގާނިސްތާން ސާކް ސަރަހައްދުން ދެވަނައިގައި އޮތްއިރު ތިންވަނައިގައި އޮތީ ރާއްޖެއެވެ. 160 ވަނައިގައި އޮތް ނޭޕާލަށް ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. އެހެން ގައުމުތަކަށް ބަލާއިރު ފަސް ދަރަޖައިގެ ވެއްޓުމަކާއިއެކު ބޫޓާން އޮތީ 188 ވަނައިގައެވެ. ބަންގްލަދޭޝްއަށް އެއްދަރަޖައިގެ ކުރިއެރުމެއް ލިބުނުއިރު އެޓީމު އޮތީ 193 ވަނައިގައެވެ. ސާކް ސަރަހައްދުން އެންމެ ފުލުގައި ސްރީ ލަންކާއާއި ޕާކިސްތާން އޮތީ 199 ވަނައިގައެވެ. ނަމަވެސް މި ދެޓީމަށްވެސް ރޭންކިންގައި ވަނީ ކުރިއެރުން ލިބިފައެވެ. ޕާކިސްތާން މީގެ ކުރިން 201 ވަނައިގައި އޮތްއިރު ލަންކާ އޮތީ 200 ވަނައިގައެވެ.
ފީފާގައި ރަޖިސްޓްރީ ވެފައިވާ 210 ގައުމެއް ދުނިޔޭގެ ރޭންކިންގައި ހިމެނެއެވެ. މިފަހަރުގެ ރޭންކިންގައި ދުނިޔޭގެ އެއްވަނަ ލިބެނީ އެއްވަރަކަށް ޕޮއިންޓް ލިބުނު ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމަށެވެ.
Advertisement
Leave a Reply