ޕީއެސްޖީ ބަލިކޮށް ލިވަޕޫލަށް އުއްމީދީ ފެށުމެއް

Advertisement

ޕީއެސްޖީ ބަލިކޮށް ލިވަޕޫލަށް އުއްމީދީ ފެށުމެއް

ޢަލީ ޝަހީމް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ގަދަބާރު ޕީއެސްޖީ 3-2 އިން ބަލިކޮށް ލިވަޕޫލުން ފެށުން ރަނގަޅު ކޮށްފިއެވެ. މި ދެޓީމަކީ މިވަގުތު ޔޫރަޕްގައި އޮތް ޓީމުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ދެޓީމެވެ. ލިވަޕޫލަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކައި ފައިނަލުގައި ކުޅުނު ޓީމެކެވެ. ފައިނަލުގައި ރެއާލް މެޑްރިޑް އަތުން އެޓީމު ބަލިވީ 3-1 އިންނެވެ. ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ބޮޑު ހަރަދެއް ކުރަމުންދާ ޓީމެކެވެ. އެޓީމުގެ އެޓޭކުގައި ތިބި ކުޅުންތެރިންނަކީ މިވަގުތު ޔޫރަޕުގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންނެވެ.

ރޭގެ މެޗުން ލިވަޕޫލް މޮޅުވިއިރު އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކުޅުނު ޑެނިއަލް ސްޓަރިޖެވެ. މިއީ 2012 ވަނަ އަހަރުގެ މާރޗް މަހުގެ ފަހުން ޗެމްޕިއަންސް ލީގުގެ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ ފަހަރެވެ.  ޗެލްސީގައި އުޅުނުއިރު ސްޓަރިޖް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ 2012 ވަނަ އަހަރު ނަޕޯލީއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

Advertisement

ލިވަޕޫލުން މެޗުގައި ދެވަނަ ލަނޑު ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ އެވެ. މި ޕެނަލްޓީ ލިބުނީ އޭރިޔާ ތެރެއިން ލިވަޕޫލްގެ ޖިއޮޖީނީ ވައިނާލްޑަމް އަށް ޕީއެސްޖީގެ ކުޅުންތެރިއަކު ފައުލް ކުރުމުންނެވެ. ލިވަޕޫލުން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީއަށް އުއްމީދެއް ގެނެސްދިނީ ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރި ތޯމަސް މުނިއޭ އެވެ.

ޕީއެސްޖީއިން އެއްވަރުކުރި ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ. މިއީ މި ސީޒަނުގައި ކްލަބާއި ގައުމީ ޓީމަށް އޭނާ ޖަހައިދިން ހަވަނަ ގޯލެވެ. 2-2 އިން މެޗު އެއްވަރުވާން ދަނިކޮށް ލިވަޕޫލަށް މެޗުގައި ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ ބެންޗުން ކުޅެން އެރި ފިރްމީނޯ އެވެ. މި މެޗުގެ ކުރިން އަނިޔާގައި ހުރި ފިރްމީނޯ މެޗުގައި ފެނުމުގެ ފުރުސަތު ކުޑަކަމަށް ބެލެވުނެވެ. ނަމަވެސް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ފަހު ފަނަރަ މިނެޓުގައި ފިރްމީނޯ ކުޅެން އަރުވާފައެވެ.

މި ގްރޫޕުގެ ހިމެނޭ ސާބިއާގެ ރެޑް ސްޓާރ ބެލްގްރޭޑް ވަނީ ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރު ކޮށްފައެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް އޭގައި އެތްލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 2-1 އިން މޮނާކޯ ބަލިކޮށްފައެވެ. މި މެޗުގައި އެތްލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ހޯސޭ ޖިމެނެޒް އާއި ޑިއޭގޯ ކޮސްޓާ އެވެ. މި ގްރޫޕުގައި ރޭ ޖަރުމަނުގެ ބްރުޝިޔާ ޑޯޓްމަންޑް ވެސް ވަނީ ރަށުން ބޭރުގައި 1-0 އިން ކްލަބް ބްރޫޖް ބަލިކޮށްފައެވެ. ގްރޫޕް ޑީގައި އަމިއްލަ ދަނޑުގައި ލޮކޮމޯޓިވް މޮސްކޯއާ ވާދަކޮށް 3-0 އިން ގަލަޓަސަރާއި މޮޅުވިއިރު ޝާލްކޭ އާއި ޕޯޓޯ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *