މެސީ ހެޓްރިކް ހެދުމަކީ އާދަޔާ ހިލާފު ކަމެއް ނޫން: ވަލްވޭޑޭ

Advertisement

މެސީ ހެޓްރިކް ހެދުމަކީ އާދަޔާ ހިލާފު ކަމެއް ނޫން: ވަލްވޭޑޭ

ޢަލީ ޝަހީމް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުޅުން ރޭ ފެށިއިރު ބާސެލޯނާއިން މެސީގެ ހެޓްރިކާއެކު ނެދަލޭންޑްސްގެ ޕީއެސްވީ އެއިދްހޯވަން ބަލިކޮށްފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި މެސީ ޖެހީ ލިބުނު ހިލޭޖެހުމަކުންނެވެ. މިއީ 2018 ވަނަ އަހަރު ހިލޭ ޖެހުމުން މެސީ ކާމިޔާބު ކުރި އަށްވަނަ ލަނޑެވެ. ބާސެލޯނާގެ ދެވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓުގައި ޖެހީ އޮސްމާނޭ ޑެމްބެލޭ އެވެ. އޭގެފަހުން މެސީ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 77 ވަނަ މިނެޓާއި 87 ވަނަ މިނެޓުގައި ޖެހި ގޯލުތަކުންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި މެސީ ހެދި އަށްވަނަ ހެޓްރިކެވެ. މިމެޗުގެ ކުރިން ހަތް ހެޓްރިކާއެކު ރޮނާލްޑޯއާއި މެސީ އުޅުނީ އެއްވަނައިގައެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ހެޓްރިކް ހެދި ރެކޯޑް މެސީއަށް ލިބުނުއިރު، މިއީ ޕްރޮފެޝަނަލް ފުޓްބޯޅަ ހަޔާތުގައި މެސީ ހެދި 48 ވަނަ ހެޓްރިކެވެ. އޭނާ ވަނީ ބާސެލޯނާއަށް 42 ހެޓްރިކް އަދި އާޖެންޓީނާގެ ގައުމީ ޓީމަށް 6 ހެޓްރިކް ހަދައިދީފައެވެ. މިމެޗުގެ 79 ވަނަ މިނެޓުގައި ބާސެލޯނާގެ ސެމިއުލް އުމްޓިޓީ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.

މެޗަށްފަހު ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވޭޑޭ ބުނީ މެސީ ހެޓްރިކް ހެދުމަކީ އަބަދުވެސް ފެންނަ މަންޒަރަކަށްވާތީ އެއީ އާދަޔާ ހިލާފު ކަމެއް ނޫންކަމަށެވެ.

“އަހަރެމެންނަށް އަބަދުވެސް ފެންނަ މަންޒަރެއް މިއީ. އެހެންވީމާ މިއީ ހަމަ އާދައިގެ ކަމެއް. އެހެން ކުޅުންތެރިއަކަށް މިއީ އާދައިގެ ކަމަކަށް ނުވެދާނެ. އެކަމަކު މެސީ ކުރާނެ އާދަޔާ ހިލާފު ކަންތައްތައް އަދި އެކަންކަން އަބަދުވެސް އޭނާ ކުރާނެ” މެސީއަށް ތައުރީފު ކުރަމުން ޗެމްޕިއަންސް ލީގު ޓީވީއަށް ދިން އިންޓަވިއުއެއްގައި ބާސެލޯނާގެ ކޯޗު ބުންޏެވެ.

މިދިޔަ ތިން ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ސެމީ ފައިނަލާ ހަމައަށްވެސް ދަތުރު ކުރެވިފައެއް ނުވެއެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ބާސެލޯނާ މިހާތަނަށް ކުޅެމުންދާއިރު އެޓީމުގެ އެންމެ ބޮޑު އަމާޒަކީ މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. މިދިޔަ ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ ވާދަވެރި ރެއާލް މެޑްރިޑެވެ.

“ޗެމްޕިއަންސް ލީގަށް ޝައުގުވެރި ނުވާނީ ކޮންބައެއް؟. ގްރޫޕް ސްޓޭޖުގައި މި އޮންނަނީ އެންމެ ހަ މެޗު. އަހަރެމެންނަށް އެނގޭ މި މެޗުތަކުގެ މުހިއްމުކަން” ރެއާލްގެ ކާމިޔާބީއާއި ގުޅޭގޮތުން ސުވާލު ކުރުމުން ވަލްވޭޑޭ ބުންޏެވެ.

މި ގްރޫޕުގައި ހިމެނޭ އިންޓަރ މިލާނާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރިމަތިލުން 2-1 އިން ކާމިޔާބު ކުރީ އިންޓަރ މިލާނެވެ. އިންޓަރ ގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޓޮޓެންހަމް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ. އިންޓަރ އިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފަހު ފަސްމިނެޓުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި މައުރޯ އިކާޑީ ކާމިޔާބު ކޮށްދިންއިރު އިތުރު ވަގުތުގައި އެޓީމު މޮޅުކޮށްދިނީ މަޓިއަސް ވެޝީނޯ އެވެ.

މި ގްރޫޕުގައި ދެން ކުޅޭ މެޗުގައި ޓޮޓެންހަމް އެޓީމުގެ ވެމްބްލީ ސްޓޭޑިއަމްގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އިންޓަރ މިލާން ރަށުން ބޭރުގައި ނުކުންނާނީ ޕީއެސްވީއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *