ގައުމީ ޓީމަށް މަރުހަބާ ކިޔަން 4 ޖަހާއިރު އެންމެން ބްރިޖު ސަރަހައްދަށް

Advertisement

ގައުމީ ޓީމަށް މަރުހަބާ ކިޔަން 4 ޖަހާއިރު އެންމެން ބްރިޖު ސަރަހައްދަށް

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ރާއްޖެ އަންނައިރު ޓީމަށް މަރުހަބާ ކިއުމުގެ ހަރަކާތްތައް މިއަދު ހަތަރެއް ޖަހާއިރު ސިނަމާލެ ބްރިޖު ސަރަހައްދުން ފެށޭނެއެވެ.

ގައުމީ ޓީމު މިއަދު މާލެ އަންނާނީ އެންމެ ބޮޑު މަތިންދާބޯޓު އޭ380 ގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް އަންނަ ފުރަތަ އެއާބަސް އޭ380 މަރުކާގެ ބޯޓު ޔޫއޭއީގެ އަބޫދާބީން ފުރީ މިއަދު ހެނދުނު 10:28 ގައެވެ. ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު ގައުމީ ޓީމުގެ ކުޅުންތެރިންނާއިއެކު ދަތުރުކުރާ މި ބޯޓު އާ ރަންވޭއަށް ޖައްސާނެކަމަށް ބެލެވެނީ މިއަދު 3:45 ގައެވެ.

ގާތްގަނޑަށް އެއްފަހަރާ 700 ފަސެންޖަރުން އުފުލާ މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ކުރިން 1000 ފޫޓަށް ތިރިކޮށް މާލެ ވަށައި ބުރެއް ޖަހާނެއެވެ. މި ބޯޓުގެ ދުއްވާނީ އެއާބަސް ދުއްވުމުގެ ލައިސަންސް އޮންނަ ހަމައެކަނި ދިވެހި ޕައިލެޓެއް ކަމަށްވާ އަލީ އަހްސަން އެވެ.

ގައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ރައީސް އޮފީހުން ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ޓީމަށް މަރުހަބާ ކިޔުމަށް މިހާރުވެސް ގިނަ ބަޔަކު ތައްޔާރުވަމުންދާއިރު ޓީމު މާލެ އަންނާނީ ސިނަމާލެ ބްރިޖުންނެވެ. ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ހަވީރު ހަތަރެއް ޖަހާއިރު ސިނަމާލެ ބްރިޖު ސަރަހައްދަށް ދިއުމަށް ދިވެހި ގައުމީ ޓީމުން ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ. 2008 ވަނަ އަހަރުގެ މުބާރާތުގެ ތަށި ރާއްޖޭން ހޯދުމުންވެސް މުޅި މާލެގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވަނީ ފޯރި ނެގުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ސުޒުކީ ކަޕްގެ ތަށި ރާއްޖޭން ހޯދީ ފައިނަލުގައި ސަރަހައްދުގެ ގަދަބާރު އިންޑިއާ 2-1 އިން ބަލިކޮށްގެންނެވެ. މި މެޗުގައި ދިވެހި ޓީމުގެ ލަނޑުތައް ޖަހައިދިނީ އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *