ސެންޓޭ އާއި ފޭދޫ އިއްބެ: އަތޮޅުތެރެއިން އުފަންކުރި ދެ ޖަވާހިރު

ރާއްޖޭގެ ފުޓްބޯޅައިގައި އަތޮޅުތެރެއިން އަންނަ ކުޅުންތެރިންގެ ވިދުން ގަދަކަން އެއީ ފާޅުކަން ބޮޑު ހަގީގަތެކެވެ. އެއްވަނަ ޑިވިޝަންގެ ބޮޑެތި ކްލަބްތަކުންވެސް ފެންނަނީ އެ މަންޒަރެވެ. ގައުމީ ޓީމަށް ބެލިޔަސް އެ ނޫން މަންޒަރެއް ނުފެނެއެވެ. ސަރަހައްދީ މުބާރާތްތަކަށާއި، އެނޫންވެސް ބޮޑެތި މުބާރާތްތަކަށް ވާދަކުރަން އެކުލަވައިލާ ގައުމީ ޓީމުތަކުގައި އަތޮޅުތެރެއިން ކުޅެން މާލެ އަންނަ ކުޅުންތެރިން ނިސްބަތުން ގިނަ އަދަދަކަށް ހިމެނެއެވެ. އަދި، ޓީމް ހޯދާ ބޮޑެތި ކާމިޔާބީތަކުގައި އެކުޅުންތެރިންގެ ހިއްސާ ވަކިން ބޮޑެވެ.
ވަކިވަކި ކުޅުންތެރިންގެ ވާހަކަ ދައްކަން ވެއްޖެނަމަ ލިސްޓު މާބޮޑަށްވެސް ދިގުވާނެ ކަން ޔަގީނެވެ. އެކަމަކު އަބަދަށްޓަކައި ތާރީހުގައި ލިޔެވޭނެ ބައެއް ނަންނަން ހުންނާނެ ކަންވެސް ގަބޫލުކުރަންޖެހެއެވެ. 2008 ވަނަ އަހަރު ދިވެހިރާއްޖެއާއި ސްރީ ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިޔާ ކޮޅައް މެޗު ނިމިނިމި އޮއްވައި ލަނޑު ޖަހައިގެން ފުރަތަމަ ތަށި ދިވެހިންނަށް ކަށަވަރު ކޮށްދިން މުޚްތާރު ނަސީރު (ޓޫކިލޯ) އަކީ އޭގެ އެކަކެވެ. އއ. ތޮއްޑޫއަށް އުފަން މި ކުޅުންތެރިޔާ ގައުމަށްޓަކައި އެ ހަދިޔާ ކުރި މުހިއްމު ގޯލަކީ ގިނަ ދިވެހިންގެ ހިތުގައި ޒަމާންތަކެއް ވަންދެން ހަރުލައި ހުންނާނެ ގޯލެއް ކަން ޔަގީނެވެ.
2008 ގެ ވާހަކަ ބާއްވަމާ ހިނގާށެވެ. މިހާރު ކުރިއަށް މިދަނީ ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ރަން ތަށި ދިވެހިންނަށް ލިބުމުގެ އުފާ ފާޅުކުރަމުން އަންނަ ވަގުތެވެ. މިވަގުތު އެންމެ މުނާސަބު ކަމަކީ ފައިނަލްގައި ދިވެހިންނަށް އަލުން ފަޚްރުވެރިވެވޭނެ ފުރުސަތު ތަނަވަސްކޮށްދިން ދެ ކުޅުންތެރިންގެ ވާހަކަ ކޮންމެވެސް މިންވަރަކަށް ދައްކާލުމެވެ. އެހެން ކުޅުންތެރިން ގައުމަށްޓަކައި އެވީ ގުރުބާނީވެސް ހަނދާންކުރުމާއި އެކުގައެވެ. އިއްތިފާގުން ނަމަވެސް މިފަހަރުވެސް ތާރީހުން ޖާގަ ހޯދި ފަޚްރުވެރި ދެ ތަރިންނަކީ އަތޮޅުތެރެއިން މާލެއަށް ކުޅެން އައިސް މަޝްހޫރުކަން ހޯދި ދެ ކުޅުންތެރިންނެވެ. ރޭގެ މެޗްގެ ފުރަތަމަ ގޯލް ޖަހައި ރާއްޖެއަށް އުއްމީދު ގެނެސްދިނީ އައްޑޫ ސިޓީގެ ފޭދޫ އަށް އުފަން އިބްރާހިމް މަހުދީ ޙަސަން (ފޭދޫ އިއްބެ) އެވެ. ރާއްޖެއަށް ތަށި ޔަގީންކޮށްދިން މުހިއްމު ގޯލް ކާމިޔާބުކުރީ ބ. އޭދަފުށްޓަން އުފަން ޢަލީ ފާސިރު (ސެންޓޭ) އެވެ. މި ދެކުޅުންތެރިން އަނެއްކާވެސް އެ ސާބިތުކޮށްދިނީ އަތޮޅުތެރޭގެ ރަށްރަށުގައި ފުޓްބޯޅައިގެ ވަރުގަދަ ޓެލެންޓެއް އޮތް ކަމެވެ. ޖަވާހިރު ހުސްވާން ގާތްވެސް ނުވާ ކަމެވެ. މިހާ ހިސާބުން ކުރުގޮތަކަށް ދެން މި ބަލައިލަނީ މި ދެކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރުގެ އުސްއަލިތަކަށެވެ.
އިބްރާހިމް މުހުދީ ހަސަން (ފޭދޫ އިއްބެ)

ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ފޭދޫ އިއްބެ އުފާފާޅު ކުރަނީ. އެންމެ އަހަރެއްތެރޭ އިއްބެ ވަނީ އެއްވަނަ ޑިވިޝަނުގައި ތަފާތު ދައްކާފައި. ފޮޓޯ: އިމޭޖަސްއެމްވީ
އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ)ގެ ނަން ދިވެހި ފުޓްބޯޅައިގައި މަޝްހޫރުވެގެން ދިޔައީ 2015 ވަނަ އަހަރުގެ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުންނެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އަތޮޅު ފުޓްބޯޅައިގެ ފޯރިގަދަ މުބާރާތް އެފްއޭއެމް އިން އަލުން ފެށުމުން ތައާރަފްވި މި ކުޅުންތެރިޔާ އެ މުބާރާތުގައި ދެއްކި ހުނަރަށް ރާއްޖޭގެ ބޮޑެތި ކްލަބްތަކުގެ ޝައުގުވެރިކަން ދަމައިގަތެވެ. ފޭދޫ އިއްބެގެ ވާހަކަ ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ އެ އަހަރުގެ ފައިނަލުން މޮޅުވެ ފޭދޫ ތަށި ހޯދި މެޗުގައި އޭނާ ޖެހި ހިތްގައިމު ލަނޑުގެ ސަބަބުންނެވެ. ފައިނަލުގައި ފޭދޫއާއި ދެކޮޅަށް އެފަހަރު ނުކުތް ގދ. ފަރެސްމާތޮޑާގެ މުޅި ޑިފެންސްލައިން ފޫއަޅުވާލާފައި ފޭދޫ އިއްބެ ޖެހި ގޯލަކީ ގަލޮޅު ދަނޑުންވެސް މަދުން ނޫނީ ނުފެންނަވަރުގެ ހިތްގައިމު ގޯލެއް ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. 2015 ވަނަ އަހަރުގެ މުބާރާތަށްފަހު ފޭދޫ އިއްބެއަށް ރާއްޖޭގެ ބޮޑެތި ކްލަބްތަކުން ހުށަހެޅުންތައް ލިބުނު ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅައަށް އެ އަހަރު އޭނާ ބުނީ ނޫނެކޭ އެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ދެ އަހަރު ދެއްކި މޮޅު ކުޅުމާއެކު އިއްބެގެ ސޮއި 2017 ވަނަ އަހަރުގެ އާ ސީޒަނަށް ހޯދީ އޭނާ އެ ރަށަކަށް ނިސްބަތްވާ އައްޑޫ ސިޓީ ފޭދޫއަށް އުފަން ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އިރުޝާދު ދެމުންއައި ޓީސީ އެވެ. 2016 ވަނަ އަހަރު ޓީސީގައި ހުރެގެން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޢަލީ ފާސިރު (ސެންޓޭ) ގެ ހަތް ނަންބަރު ޖޯޒީ ފޭދޫ އިއްބެއަށް ނިޒާމްބެ ދިނީ އޭނާގެ ހުނަރާމެދު ސުވާލެއް ނެތީމައެވެ. ސީޒަނުގެ ކުރީކޮޅު ލަނޑު ޖެހުމުގެ ރޭހުގައި އެހެން ކުޅުންތެރިންނަށްވުރެ ފަހަތުގައި އުޅުނަސް ސީޒަން ނިމުނުއިރު ފޭދޫ އިއްބެގެ ޖާދުލުގައި ގިނަ ދިވެހި ފުޓްބޯޅަ ސަޕޯޓަރު ޖެއްސިއެވެ. މިދިޔަ ސީޒަނުގައި ފޭދޫ އިއްބެ ޓީސީއަށް ޖަހައިދިން 17 ގޯލާއެކު ސެންޓޭގެ ފަހަތުން ލަނޑު ލިސްޓުގެ ދެވަނަ އޭނާއަށް ލިބުނެވެ. އެވަރަކުން އަދި ނިމުނީއެއް ނޫނެވެ. އަމިއްލަ ހުނަރު ބޭނުންކޮށްގެން އެތައް ގޯލެއް ޖެހިއިރު އޭނާ ވަނީ މާޒިޔާ އާއި ނިއު ރޭޑިއަންޓް ކަހަލަ ވަރުގަދަ ޓީމުތަކުގެ ގޯލްވެސް ފުރަތަމަ ސީޒަނުގައި ފޫއަޅުވައިލައިފައެވެ. މިދިޔަ ސީޒަނުގައި އަލަށް ތައާރަފްކުރި އެންމެ ރީތި ގޯލަށްދޭ ޖޫލޭ އެވޯޑް ފޭދޫ އިއްބެއަށް ލިބުނީ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާކޮޅަށް ޖެހި އާދަޔާހިލާފް މޮޅު ލަނޑަށެވެ. ރާއްޖޭގައި ހިންގާ ފުޓްބޯޅަ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް ފުޓްބޯލް އާއި އެފްއޭއެމް ގުޅިގެން ބޭއްވި އެވޯޑް ހަފްލާގައި އެންމެ މޮޅު ގޯލަށްދޭ އެވޯޑްގެ އިތުރުން 2017 ވަނަ އަހަރުގެ ސީޒަނުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ފޭދޫ އިއްބެއެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި މިފަދަ ބޮޑު ކާމިޔާބީއެއް ކުޅުންތެރިއަކު ހޯދި ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަނުގައި އިއްބެ ޓީސީގެ ޖޯޒީގައި. އޭނާ އަކީ ފުރަތަމަ އަހަރުވެސް އެއްވަނަ ޑިވިޝަނުގައި ތަފާތު ދެއްކު ކުޅުންތެރިއެއް. ފޮޓޯ: މޯލްޑިވްސް ފުޓްބޯލް
ޓީސީއާއެކު ހޭދަކުރި ފުރަތަމަ އަހަރު ރާއްޖޭގެ މުބާރާތަކުން ތައްޓެއް ހޯދިފައި ނުވިނަމަވެސް، އެ އަހަރުގެ ކުރީކޮޅު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ތަށި ޓީސީން ހޯދިއިރު ފޭދޫ އިއްބެ ވަނީ އޭނާގެ ހުނަރު އެ މުބާރާތުގައި ސާބިތުކޮށްދީފައެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ޓީސީން ހޯދިއިރު ނިޒާމްބެގެ ހިތް އެންމެ އުފާކޮށްދިން އެއް ކުޅުންތެރިއަކީވެސް ފޭދޫ އިއްބެ އެވެ.
ފުރަތަމަ ސީޒަނުން ހޯދި އިތުބާރާއެކު މިއަހަރުގެ ސީޒަނާ ފޭދޫ އިއްބެ ކުރިމަތިލީ އާ އަޒުމަކާއި އެކުއެވެ. މި ސީޒަނުގައި މިހާތަނަށް ފޭދޫ އިއްބެ ވަނީ ޓީސީއަށް 11 ގޯލު ޖަހައިދީފައެވެ. ހަމައެއާއެކު ސުޒުކީ ކަޕް ބޯމަތިވެފައި އޮއްވައި ފޭދޫ އިއްބެ ދައްކަމުން އައި މޮޅު ކުޅުމާއެކު ގައުމީ ޓީމާއި ހަވާލުވެހުރި ޕީޓަ ސެގާޓް އޭނާއަށް ގައުމީ ސްކޮޑުން ފުރުސަތު ދިނެވެ. އޭގެ މާކުރިން ގައުމީ ޓީމު ސިންގަޕޫރާއި ދެކޮޅަށް މިއަހަރުގެ ކުރީކޮޅު ކުޅުނު އެކުވެރިކަމުގެ މެޗުގައި އިއްބެ ވަނީ ބެންޗުން އަރާ ލަނޑު ޖަހާފައެވެ. ސުޒުކީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އިއްބެ ދެއްކި މޮޅު ކުޅުމާއެކު އޭގެ ފަހުން ކުޅުނު ތިންމެޗުގައިވެސް ކޯޗު ވަނީ އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އެ ފުރުސަތުގެ ބޭނުން އިއްބެ ހިފީ އޭގެ ބޭނުން އެހެން އެކަކަށްވެސް ކުރެވޭނެ އެންމެ ފުރިހަމައަށެވެ. ފައިނަލް މެޗުގައި ރާއްޖޭގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް އެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އިއްބެ ހޯދިއެވެ. ފައިނަލް މެޗުގައި އިއްބެ ޖެހި ގޯލަކީ އަހަރުތަކަކަށްފަހު އިންޑިއާ ބަލިކުރަން ރާއްޖެއަށް ހިތްވަރު ލިބުނު ގޯލެވެ. ފުރަތަމަ ޑިވިޝަނުގައި އެންމެ ދޮޅު އަހަރު ދުވަހު ކުޅުމަށްފަހު އިއްބެ ފިސާރި ރަނގަޅަށްވެސް އެ ސާބިތުކޮށްދިނީ ފުޓްބޯޅައިގެ ހުނަރު އަތޮޅު ތެރޭގައި އޮތް މިންވަރެވެ.
ޢަލީ ފާސިރު (ސެންޓޭ)

2014 ވަނަ އަހަރު މާލޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ޓީމަށް ލަނޑު ޖެހުމަށްފަހު ސެންޓޭ. ސެންޓޭ އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ތަފާތު ދައްކަމުން
ދިވެހި ފުޓްބޯޅައަށް އަތޮޅުތެރެއިން ކުޅުންތެރިން ނެރެދޭ މައި އެއް ދޮރާށި ކަމަށްވާ އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) އަކީ މިއަދު ދިވެހި ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ނަމެވެ. ސެންޓޭ ކުޑައިރު ރަށުގައި އެހެން ކުދިންނާއިކު ފުޓްބޯޅަ ކުޅެން އުޅުނުއިރުވެސް އޭނާ ފެނުނީ މާބޮޑަށްވެސް ތަފާތު ކުޅުންތެރިއެއް ގޮތަށެވެ. ކުޅުންތެރިން ހޯދުމަށް ކްލަބް އީގަލްސް އިން 2006 ވަނަ އަހަރު އޭދަފުށީގައި ބޭއްވި ޓްރެއިނިން ކޭމްޕަކުން ސެންޓޭގެ ހުނަރު ފާހަގަވެ މާލެއައިސް ކުޅުމުގެ ފުރުސަތު ހަމަ އެއަހަރު އޭނާއަށް ލިބުނެވެ. ނަމަވެސް އަމިއްލަ ބައެއް ސަބަބުތަކާހުރެ ސެންޓޭ ވަނީ އެއަހަރު އެނބުރި ރަށަށް ގޮސްފައެވެ. ސެންޓޭގެ އަށް ދެވަނަ ފަހަރަށް ގައުމީ ފެންވަރުގެ ފުޓްބޯޅައިން ކުރިއަށް ދިއުމަށް ފުރުސަތު ލިބުނީ 2008 ވަނަ އަހަރު ކްލަބް އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އިންނެވެ. އޭރު ދެވަނަ ޑިވިޝަނުގައި އޮތް އޭވައިއެލް އެއްވަނަ ޑިވިޝަނަށް ކޮލިފައި ކޮށްދިނުމަށްފަހު 2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ސެންޓޭ އަންނަނީ އޭނާގެ ހުނަރު ގަލޮޅު ދަނޑުގައި ސާބިތު ކޮށްދެމުންނެވެ.
އެއްވަނަ ޑިވިޝަންގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ސެންޓޭ ދެއްކި މޮޅު ކުޅުމާއެކު ޒުވާން އުމުރުގައި ބޮޑެތި ކްލަބްތަކުން ސެންޓޭއަށް ކަޅިއަޅަން ފެށިއެވެ. ފުރަތަމަ ސީޒަނަށްފަހު ސެންޓޭ ހޯދުމުގެ ރޭހުގައި 2010 ވަނަ އަހަރު ކުރި ހޯދީ ރާއްޖޭގެ އޭރު އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ކްލަބް ވެލެންސިޔާއެވެ. ބޮޑު ކްލަބަކަށް ބަދަލުވާން ބޭނުންވެފައިހުރި ސެންޓޭ 2010 ވަނަ އަހަރު ވެލެންސިޔާއަށް ކުޅުމަށްފަހު 2011 ވަނަ އަހަރު ބަދަލުވީ ރާއްޖޭގައި އެންމެ ވަރުގަދަ ސަޕޯޓަރުންގެ ބޭސްއެއް މިހާރުވެސް އޮތް އޮންނަ ނިއު ރޭޑިއަންޓަށެވެ. ނިއުގައި ހޭދަކުރި ކާމިޔާބު ފުރަތަމަ ސީޒަނުގައި ޖެހި 18 ގޯލަށްފަހު ސެންޓޭގެ މަގްބޫލުކަން ބޮޑުވެ 2012 ވަނަ އަހަރު ވިކްޓްރީން އޭނާ ގެންދިޔައެވެ.
2011 ވަނަ އަހަރުގެ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު އެއަހަރު ފަހުކޮޅު އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ވާދަކުރި ދިވެހި ގައުމީ ޓީމުގެ ސްކޮޑުގައި އޭނާ ހިމެނުނެވެ. އޭރު ގައުމީ ކޯޗަކަށް ހުރި ހަންގޭރީގެ އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ސާފް ޗެމްޕިއަންޝިޕްގައި ސެންޓޭއަށް ކުޅެލަން ލިބުނީ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްއާއި ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ރަނގަޅު ފޯމެއްގައި ހުރި ސެންޓޭ 2012 ވަނަ އަހަރު ވިކްޓްރީއަށް ބަދަލުވުމަށްފަހު ފަޔަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން މުޅި ސީޒަނުގައި ކަހަލަ ގޮތަކަށް އިންނަން ޖެހުނީ ދަނޑު ބޭރުގައެވެ. ސެންޓޭއަށް ލިބުނު އެ އަނިޔާއިން ސަލާމަތްވާން ގިނަ ދުވަސްތަކެއް ނެގިއިރު އެސީޒަނުގައި ވިކްޓްރީގެ ޖޯޒީގައި ސެންޓޭއަށް ކުޅެވުނީ އެންމެ ހަ މެޗެވެ. އަނިޔާގެ ސަބަބުން ވިކްޓްރީގެ ޖޯޒީގައި ވިދުން ފަނޑުވިޔަސް ޖެހިގެން އައި އަހަރު ސެންޓޭ ވަނީ ދެވަނަ ފަހަރަށް ނިއުއަށް ބަދަލުވެ އެ ކްލަބުގައި ތަފާތު ދައްކައިފައެވެ. 2013 އިން 2015 ވަނަ އަހަރާއި ހަމައަށް ނިއުގައި ހޭދަކުރި މުއްދަތުގައި ސެންޓޭ ވަނީ އެ ކްލަބުން ހޯދި ބޮޑެތި ހުރިހާ ކާމިޔާބީއެއްގައި މުހިއްމު ދައުރެއް އަދާކޮށް ގިނަ ގޯލުތަކެއް ޖަހައިދީފައެވެ. 2015 ވަނަ އަހަރު ނިއު ރޭޑިއަންޓުގައި ރަނގަޅު ފޯމެއްގައި ހުރެފައި ސެންޓޭ 2016 ވަނަ އަހަރު ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. ޓީސީއަށް އެ ސީޒަނުގައި ތައްޓެއް ހޯދައި ނުދެވުނަސް އެ އަހަރުވީ ކުޅުންތެރިއެއްގެ ގޮތުގައި ސެންޓޭއަށް އެންމެ ކާމިޔާބު އަހަރަށެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާއަށް ވުމަށް އެންމެ ކުޑަ އިރުންސުރެ ސެންޓޭ ކުރަމުން އައި އުއްމީދު ޓީސީގައި ހުރެގެން އެ އަހަރު އޭނާ ހާސިލް ކުރުމުގެ އިތުރުން އެ ސީޒަނުގައި ޖެހި 34 ގޯލާއިއެކު ސެންޓޭ ވަނީ އެ އަހަރު ރަން ބޫޓުވެސް ގެންގޮސްފައެވެ.

2016 ވަނަ އަހަރު ސެންޓޭ ޓީީސީއަށް ލަނޑެއް ޖަހައިދިނުމަށްފަހު އުފާފާޅު ކުރަނީ. ސެންޓޭ ވަނީ ވޭދުވެދިޔަ ދެ އަހަރުވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓުވެސް ހާސިލްކޮށްފައި
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފް 2016 ވަނަ އަހަރު ހޯދިފަހުން ނިއު ރޭޑިއަންޓުގެ މެނޭޖްމަންޓަށް 2017 ވަނަ އަހަރު އައި ބަދަލާއިއެކު އެ ކްލަބުން އެންމެ ފުރަތަމަވެސް ބޮޑު އަގުގައި ގެންދިޔައީ ސެންޓޭ އެވެ. މިދިޔަ އަހަރު ނިއުގައި ސެންޓޭ ހޭދަކުރި ކާމިޔާބު ސީޒަނާއެކު ސެންޓޭ ވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ދެވަނަ ފަހަރަށް ހޯދައިފައެވެ. މިދިޔަ ސީޒަނުގައި ސެންޓޭ ޖެހި 24 ގޯލާއިއެކު ޖެހިޖެހިގެން ދެވަނަ އަހަރު އޭނާ ވަނީ މޮޅު ކުޅުންތެރިޔާއާއި އެކު ރަންބޫޓުވެސް ހޯދާފައެވެ.
2016 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދުމުގެ ކުރިން ހަވީރުން 2014 ވަނަ އަހަރު ހޮވި ރާއްޖޭގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަސަދުﷲ އަބްދުﷲ ގެ ފަހަތުން ސެންޓޭ ވަނީ ނިއުގައި ހުރެގެން ހޯދާފައެވެ. މީގެ އިތުރުން 2013 ވަނަ އަހަރު އޭނާ ވަނީ ނިއުއިން ދިން އެކްސެލެންސް އެވޯޑުވެސް ހާސިލްކޮށްފައެވެ.
ގިނަ ކްލަބްތަކަކަށް މިހާތަނަށް ކުޅުނު ނަމަވެސް ސެންޓޭއަށް ތައްޓާއި ހަމައަށް ދެވިފައިވަނީ އޭނާ މިހާރު ކުޅޭ ނިއު ރޭޑިއަންޓްގައި އެކަންޏެވެ. ހުރިހާ މެޗަކުން މޮޅުވެ 2013 ވަނަ އަހަރު ނިއުގެ ޖޯޒީގައި ސެންޓޭ ވަނީ އެފްއޭ ޗެރިޓީ ޝީލްޑާއި ދިވެހި ލީގުގެ އިތުރުން އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްވެސް އެ އަހަރު ހޯދާފައެވެ. މީގެ އިތުރުން ނިއުއާއެކު ސެންޓޭ ވަނީ 2014، 2015 އަދި މިދިޔަ އަހަރުވެސް ދިވެހި ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަނުގައި މާލޭ ލީގު ނިއުއިން ކާމިޔާބު ކުރިއިރު އެޓީމުން އެފްއޭކަޕް ފުޓްބޯޅަ މުބާރާތާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީވެސް ސެންޓޭގެ ބޮޑު ހިއްސާއެއް އޮވެގެންނެވެ.
ކްލަބް ލެވެލްގައިވެސް ކާމިޔާބު މި ކުޅުންތެރިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ލިބެމުން އަންނަ ކުޅުންތެރިއެކެވެ. ގައުމީ ސީނިއާ ޓީމަށް ކުޅެމުން 2013 ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދި 23 އަހަރުން ދަށުގެ ޓީމަށްވެސް އޭނާ ވަނީ ކުޅެފައެވެ. އެއަށްފަހު 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ ރާއްޖޭން ހޯދަން މަގުފަހިކޮށްދިން މުހިއްމު ގޯލު ޖަހައިދިނީވެސް މިއަދު މުޅި ރާއްޖެ އެ ކުޅުންތެރިއަކަށްޓަކާ ފަހުރުވެރިވާ ސެންޓޭ އެވެ. ގައުމީ ޓީމުގައިވެސް މުހިއްމު ތަނބެއް ގޮތުގައި ސެންޓޭ ސިފަކުރެވޭއިރު މިފަހަރުގެ ސާފް ސުޒުކީ ކަޕް ރާއްޖޭން އުފުލާލީ ސެންޓޭ އިންޑިއާ ކޮޅަށް ވައްދާލި ރަން ގޯލާއި އެކުއެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވޭތުވެދިޔަ ދެ އަހަރު ހޯދުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު ގައުމީ ޓީމަށް ޖަހައިދިން ތާރީހީ ގޯލު ސެންޓޭ ސިފަކުރީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅުގެ ގޮތުގައެވެ.
Advertisement


Leave a Reply