ރޮނާލްޑޯ ނެތުމުން ޓީމެއްގެ ގޮތުގައި ވަރުގަދަ: ބޭލް

ޖެހިޖެހި ތިން ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑުން ކާމިޔާބު ކުރިއިރު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބްގައި ނެތަސް ޓީމެއްގެ ގޮތުގައި ރެއާލް މެޑްރިޑް މިހާރު މާ ވަރުގަދަ ކަމަށް ގަރެތް ބޭލް ބުނެފިއެވެ. ރެއާލް ގައި ނުވަ އަހަރު ހޭދަކުރުމަށްފަހު ރޮނާލްޑޯ ވަނީ އާ ސީޒަނަށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފައެވެ.
މިދިޔަ ފަސް އަހަރުތެރޭ ހަތަރު ފަހަރު ރެއާލްއާއެކު ޗެމްޕިއަންސް ލީގު ހޯދާފައިވާ ބޭލް ބުނީ އެޓީމު މި ސީޒަނުގައި އިތުރަށް ވަރުގަދަވާނެ ކަމަށެވެ. ރޮނާލްޑޯ ކްލަބް ދޫކޮށްލުމުން ބަދަލުގައި ނަން މަޝްހޫރު ކުޅުންތެރިއަކު ގެނެސްފައި ނުވި ނަމަވެސް ބޭލް އަންނަނީ އާ ކޯޗު ޖޫލޭން ލޮޕެޓީގުގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި ލީގުގައި ކުޅުނު ފުރަތަމަ ތިންމެޗުގައި ބޭލް ގޯލް ޖެހިއިރު އެންމެ ފަހުން އެތްލެޓިކް ބިލްބާއޯއާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގައި އިސްކޯއަށް ލަނޑު ޖަހަން އެހީތެރިވެދިނީ ބޭލް އެވެ.
“ކޮންމެ ގޮތެއްވިޔަސް އެވަރުގެ ކުޅުންތެރިއަކު ކްލަބް ދޫކޮށްލުމުން ކުޑަ ތަފާތެއް އަންނާނެ. އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު މާބޮޑަށް ޓީމެއްގެ ގޮތުގައި އޮންނަނީ. އެންމެން އެކައްޗެއް ގޮތުގައި މަސައްކަތް ކުރަނީ އެންމެ ކުޅުންތެރިއެއްގެ ބަދަލުގައި” ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާދަމާރޭ އިޓަލީގެ ރޯމާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބޭލް ބުންޏެވެ.
މިދިޔަ ސީޒަނުގައި ރެއާލްގެ ކޯޗުގެ މަގާމުގައި ހުރި ޒިނެދިން ޒިދާންގެ ފުރަތަމަ އެގާރައިން ބޭލްއަށް ފުރުސަތު ލިބުނީ މަދު މެޗެއްގައެވެ. އެކަމަކުވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ބޭލް ވަނީ ދެ ލަނޑު ޖަހާފައެވެ. އެމެޗުން ރެއާލް މޮޅުވީ ދެވަނަ ހާފުގައި ކުޅެން ނުކުމެ ބޭލް ޖެހި ދެ ގޯލާއިއެކު 3-1 އިންނެވެ.
ރެއާލްގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ މި ސީޒަނަށް ކްލަބް ބަދަލު ކުރާނެކަމަށް ބެލެވުނު ނަމަވެސް މިހާރު ބޭލް ފެންނަނީ ރެއާލް ޓީމުގެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައެވެ. ޒިދާން އާއި ލޮޕެޓީގާއި ގުޅޭގޮތުން ބޭލްއާއި ސުވާލު ކުރުމުން ބޭލް ބުނީ މިހާރުގެ ކޯޗު ލޮޕެޓީގާއި އިނގިރޭސިން މުއާމަލާތު ކުރަން ފަސޭހަ ކަމަށެވެ.
“ޔަގީނުންވެސް އޭގެ ސަބަބުން އެހީތެރިކަން ލިބޭނެ ކުރިއަށްދާން. ސްޕެނިޝް ބަހުން އަހަރެންނަށް ވާހަކަ ދެއްކިދާނެ އެކަމަކު އެހާ ތަފްސީލުކޮށް އެންމެންނާ ވާހަކަ ނުދެއްކިދާނެ” ލޮޕެޓީގާއި މުއާމަލާތު ކުރަން ފަސޭހަކަމަށް ބުނެ ބޭލް ބުންޏެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިފަހަރު ރެއާލްގެ ގްރޫޕުގައި ހިމެނެނީ ރޯމާގެ އިތުރުން ވިކްޓޯރިއާ ޕްލެޒެން އަދި ސީއެސްކޭއޭ މޮސްކޯ އެވެ.
Advertisement


Leave a Reply