ޕީއެސްޖީ މެޗުގެ ކުރިން ކްލޮޕް، ނޭމާ ދިފާއުކޮށްފި

Advertisement

ޕީއެސްޖީ މެޗުގެ ކުރިން ކްލޮޕް، ނޭމާ ދިފާއުކޮށްފި

ޢަލީ ޝަހީމް

މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި އެކްޓުކުރުން ބޮޑުވެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ނޭމާގެ ދިފާއުގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވާހަކަ ދައްކައިފިއެވެ. ނޭމާގެ ދިފާއުގައި ކްލޮޕް ވާހަކަ ދެއްކީ މިރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމުގެ ވާދަކުރާ މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުންނެވެ.

“ވޯލްޑް ކަޕްގެ ބައެއް މެޗުތައް އަހަރެންނަށް ފެނުނުއިރު އެނގޭ ބައެއް މީހުން ނޭމާގެ ވާހަކަ (ދަނޑުމަތީގައި އެކްޓް ކުރާ ވާހަކަ) ދައްކާކަން. އެކަމު އެއީ އާދައިގެ ކަމެއް. އޭނާއާ ދިމާލަށް ކުޅުންތެރިން ދިޔަ. ހަގީގަތަކީ އެއީ، އެހެންވެ ނޭމާ ބޭނުންވި އޭނާ އަނިޔާއިން ސަލާމަތްވާން. އަހަރެންނަށް އެވަރު ވިސްނޭ” މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު އަނިޔާއިން ސަލާމަތްވެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ޓީމަށް ކުޅުނު ނޭމާއާއި ގުޅޭގޮތުން ކްލޮޕް ބުންޏެވެ.

Advertisement

ކްލޮޕް ބުނީ ވޯލްޑް ކަޕް މުބާރާތުގައި ނޭމާ ހުރީ އަނިޔާއިން އެއްކޮޅަށް ރަނގަޅުނުވެ ކަމަށެވެ. އަދި، ނޭމާ ފިޓުކޮށް ހުރިނަމަ ކުއާޓާ ފައިނަލުގައި ބެލްޖިއަމްއާ ވާދަކުރި މެޗުން ބްރެޒިލް މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ކްލޮޕް ބުނެފައިވެއެވެ.

“ވޯލްޑް ކަޕްގައި ނޭމާ ހުރީ ފިޓުކޮށެއް ނޫން. އޭނާ މަސައްކަތް ކުރި ގައުމަށްޓަކާ ޒިންމާ ނަގަން. އެމެޗުގައި ބެލްޖިއަމް ކުޅުނީ ވަރަށް މޮޅަށް. އެކަމު ނޭމާ ފިޓުކޮށް ހުރިނަމަ އެމެޗުން ބްރެޒިލް މޮޅުވާނެ” ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއަށް ބަދަލުވި ކުޅުންތެރިޔާއާއި ގުޅޭގޮތުން ކްލޮޕް ބުންޏެވެ.

އަމިއްލަ ދަނޑުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު ކްލޮޕް ބުނީ، ލިވަޕޫލް ނުކުންނަން ޖެހޭނީ ސަތޭކަ ޕަސެންޓް ފިޓުކޮށްހުރ ނޭމާއާ ދެކޮޅަށް ކަމަށާއި، މެޗުގައި ނޭމާގެ ފަރާތުން ނުރައްކާނުވެ ނުދާނެކަމަށެވެ.

“ހަފްތާ ބަންދުގައި ނޭމާ ހުރީ ރެސްޓުގައި. އެހެންވީމަ މި މެޗަށް އޭނާ ހުންނާނީ 100 ޕަސެންޓް ތާޒާކޮށް. ނޭމާއަކީ އެކްޓު ކުރާ ޒާތުގެ ކުޅުންތެރިއެއް ނޫން. އެއީ އެގޮތަށް އުޅޭނަމަ ފުޓްބޯޅައެއް ނުކުޅެވޭނެ” ނޭމާގެ ދިފާއުގައި ކްލޮޕް ބުންޏެވެ.

ޕީއެސްޖީއާއި ލިވަޕޫލް މިރޭ ވާދަކުރާއިރު ޕީއެސްޖީއަކީ މިހާރު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ އެއްޓީމެވެ. އަނެއްކޮޅުން މިދިޔަ ސީޒަނުގައި ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. ޕީއެސްޖީގެ ކޯޗުކަމާއި މި ސީޒަނަށް ހަވާލުވި ތޯމަސް ޓުޗެލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ބްރޫޝިޔާ ޑޯޓްމަންޑާއި އެކު ކްލޮޕްގެ ކޯޗުކަމުގެ ދަށުގައި ކުޅުނު ލިވަޕޫލާއި ވާދަކޮށްފައެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި 3-1 އިން ކުރީގައި އޮއްވައި އެމެޗުގައި ލިވަޕޫލް ވަނީ ފަހަތުންއަރާ 4-3 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

މި ދެކޯޗުންގެ 12 ކުރިމަތިލުމުގެ ތެރެއިން ކްލޮޕް ވަނީ އަށް މެޗު ކާމިޔާބު ކޮށްފައެވެ. ތިންމެޗު އެއްވަރުވިއިރު ޓުޗެލްއަށް ކްލޮޕް ބަލިކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. ނަމަވެސް މިހާރު ޕީއެސްޖީގައި އޮތް ވަރުގަދަ ސްކޮޑާއެކު އެޓީމަކީ ޗެމްޕިއަންސް ލީގު ހޯދިދާނެ ފެންވަރު ހުރި ކްލަބެއް ކަމަށް ކްލޮޕް ވަނީ ބުނެފައެވެ. ޕީއެސްޖީގެ ކުރިއަށް ކުޅޭ ނޭމާ އާއި ކިލިއަން އެމްބާޕޭ އާއި އެޑިންސަން ކަވާނީ މިވަގުތު ތިބީ ރަނގަޅު ފޯމެއްގައެވެ.

މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލްގެ ފޯވާޑަށް ކުޅޭ ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ ފެނުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް ކްލޮޕް ބުނީ މެޗުގެ ކުރިން ފިރްމީނޯގެ ހާލަތު ބަލާނެކަމަށެވެ. ފިރްމީނޯއަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ކުޅުނު މެޗުގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ އިޓަލީގެ ނަޕޯލީއާއި ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އެވެ. ލިވަޕޫލްގެ އެންފިލްޑް ސްޓޭޑިއަމްގައި ޕީއެސްޖީއާއި ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. ހަމަ އެގަޑީގައި މި ގްރޫޕުގައި ނަޕޯލީ އާއި ރެޑް ސްޓާ ބެލްގްރޭޑް ވާދަކުރާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *