އެކުވެރިކަމުގެ މެޗަށް ނިއުއަށް ބަންގްލަދޭޝްއަށް ނުފުރުނު

މި ސީޒަނުގައި ނިއު ރޭޑިއަންޓަށް މާލޭ ލީގު ކާމިޔާބު ކޮށްދިން ކުރީގެ ކޯޗު އޮސްކާ ބްރުޒޮން މިހާރު ކޯޗުކޮށްދޭ ބަންގްލަދޭޝްގެ ބަސަންދުރާ ކިންގްސްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ނިއުއިން މިރޭ ފުރަން ދިއުމުން ޗެކިން ނުކުރެވި ޓީމަށް ބަންގްލަދޭޝްއަށް ފުރިފައި ނުވާކަމަށް އިތުބާރު ހުރިގޮތަކަށް “ފަހުމިނެޓް” އަށް މަޢުލޫމާތު ލިބިއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިއު ޓީމުން ސްރީ ލަންކާގެ ޔޫއެލް ފްލައިޓުން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކިން ކައުންޓަރަށް ދިޔައީ ކައުންޓަރ ބަންދުކުރުމުގެ ފަސް މިނެޓަށް ވެފައިވަނިކޮށެވެ. ނަމަވެސް ނިއު ރޭޑިއަންޓާއި ހަވާލާދީ މި ނޫހަށް މަޢުލޫމާތު ލިބުނީ ނިއު ޓީމުން 17 މިނެޓު ކުރިން ޗެކިން ކައުންޓަރަށް ދިޔަކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ކުޅުންތެރިން ތިބުމުން ޗެކިން ނުކޮށް ޓީމު އަނބުރާ މިހާރު ފޮނުވާލާފައި ވާކަމަށް އިތުބާރު ހުރިގޮތަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެނގިފައިވާ ގޮތުގައި މާލަހުން ޗެކިން ކުރަން ނިއު ޓީމު ދިއުމުން ހިފެހެއްޓީ އެއާޕޯޓުގެ ސެކިއުރިޓީންނެވެ.
ބަންގްލަދޭޝްގެ ނިލްޕަމަރީގައި ހުންނަ ޝެއިހް ކަމާލް ސްޓޭޑިއަމްގައި އަންނަ ހުކުރު ދުވަހު ބަސަންދުރާ ކިންގްސްއާއި އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ދައުވަތުދިނީ ނިއުގެ ކުރީގެ ކޯޗުގެ އޮސްކާގެ އިސްނެގުމުގެ މަތިން އެޓީމުންނެވެ. ނިއުއިން މިރޭ ބަންގްލަދޭޝްއަށް ފުރުމަށްފަހު ގައުމީ ޓީމުގައި ހިމެނޭ ނިއުގެ ކުޅުންތެރިންވެސް އަންނަ ބުދަ ދުވަހު ޓީމާއި ގުޅޭނެކަމަށް އެޓީމުން ވަނީ ބުނެފައެވެ.
ބަސަންދުރަ ޓީމުން ނިއުއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެނީ އަންނަމަހުގެ ނޮވެމްބަރުމަހުގެ ތެރޭގައި ފަށާ އެގައުމުގެ ޕްރިމިއަރ ލީގަށް އެޓީމު ތައްޔާރުވުމުގެ ގޮތުންނެވެ. މިމެޗުގެ ހުރިހާ ހަރަދެއް އެ ކްލަބް ހިންގާ ބަސަންދުރަ ގްރޫޕުން ކުރާއިރު ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުން ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި ކޮސްޓަރީކާއަށް ކުޅުނު އުމުރުން 33 އަހަރުގެ ފޯވާޑް ޑެނިއަލް ކޮލިންދްރެސް ގެންގޮސްފައެވެ.
ނިއުގެ ކޯޗުކަމުން އޮސްކާ އިސްތިއުފާ ދިނުމުން ދާއިމީ ކޯޗެއް އެ ކްލަބުން އަދި ހަމަޖައްސާފައެއް ނުވެއެވެ. މިވަގުތު ނިއުގެ ކޯޗުގެ މަގާމް އަދާކުރަނީ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. ނިއުއަށް މިރޭ ނުފުރުމުން ބަންގްލަދޭޝްއަށް ދިއުމަށް ޓީމު ދެން ފުރާނީ މާދަމާ ރޭކަމަށް މައުލޫމާތު ލިބެއެވެ.
Advertisement


Leave a Reply