ގްރީން ސްޓްރީޓްސް އިން ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި

Advertisement

ގްރީން ސްޓްރީޓްސް އިން ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި

ޢަލީ ޝަހީމް

19 އަހަރުން ދަށަށް އަމާޒުކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކްލަބް ގްރީން ސްޓްރީޓްސް ކާމިޔާބު ކޮށްފިއެވެ. ގްރީން މި މުބާރާތް ކާމިޔާބު ކުރީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ކްލަބް އީގަލްސް ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 އިން ދެޓީމު  އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގައި އީގަލްސް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެޓީމަށް ވައްދާނުލެވުނެވެ. އީގަލްސް ޓީމުގެ ފުރަތަމަ ދެ ޕެނަލްޓީ ހުސައިން ފައިސަލް އާއި ހައިޝަމް ހަސަން ކާމިޔާބު ކުރިނަމަވެސް އަލީ ޝަމާލް ޖެހި ތިންވަނަ ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ހަތަރުވަނަ ޕެނަލްޓީ ޝާރިގް އިބްރާހީމް ރަޝީދު ކާމިޔާބު ކުރި ނަމަވެސް ގްރީންއަށް ޗެމްޕިއަންކަން ކަށަވަރުވީ އީގަލްސް ޓީމުގެ އިސްހާގު ރަޝީދު ޖެހި ފަސްވަނަ ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތުމުންނެވެ. ޕެނަލްޓީގައި ގްރީންގެ ހަތަރުވަނަ ޕެނަލްޓީ މުހައްމަދު ޝަފްރާޒް ޖެހުމުން އީގަލްސް ގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ގްރީންގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޔާމީނާއި ހުސައިން އައިކް އަދި ސައިފުﷲ އިބްރާހީމްގެ އިތުރުން މުހައްމަދު މިންވާލްއެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީސްގެ އަބްދުﷲ ޔާމީން އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ނިއު ރޭޑިއަންޓެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ގްރީން ސްޓްރީޓްސް އަށް ތަށި ހޯދައިދިން އަލީ ހަސަނަށެވެ. މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކްލަބް އީގަލްސްގެ ހައިޝަމް ހަސަން އާއި ގްރީން ސްޓްރީޓްސްގެ މޫސާ އަޒީމް ހަސަންއާއި ހަމަ އެޓީމުގެ ގޯލް ކީޕަރު މުހައްމަދު ޒަޔާން އަދި ނިއު ރޭޑިއަންޓުގެ ޔޫސުފް ޖައިޝަމް ނާފިޒް އެވެ. ހަ ގޯލާއެކު އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ ހައިޝަމް ހަސަން އެވެ. ނަމަވެސް މި މަގާމަށް މިރޭ އިނާމު ހަވާލު ކޮށްފައެއް ނުވެއެވެ.

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުޅުނު މުބާރާތުގައި ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ދެބުރު ކުޅުނުއިރު އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރީ ކްލަބް އީގަލްސް އެވެ. ދެވަނަ ޓީމުގެ ގޮތުގައި ގްރީން ފައިނަލަށް ދަތުރުކުރިއިރު ތިންވަނަ އަށް ދިޔައީ މާޒިޔާ އެވެ. މިފަހަރުގެ މުބާރާތުގެ ފުލަށް ދިޔައީ ނިއު ރޭޑިއަންޓެވެ.

އީގަލްސް އަކީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ. އަދި އެންމެ ފަހުން ބޭއްވި ތިން މުބާރާތްވެސް ކާމިޔާބު ކުރީ އެޓީމުންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އީގަލްސް އިން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކޮށްގެންނެވެ. އީގަލްސްގެ އިތުރުން މާޒިޔާ، ވިކްޓްރީ އަދި ވެލެންސިޔާ ވަނީ މި މުބާރާތް އެއްފަހަރު ކާމިޔާބު ކޮށްފައެވެ. މިރޭގެ ކާމިޔާބީއާއެކު ތަށި ހޯދި ޓީމުތަކުގެ ލިސްޓަށް ގްރީންވެސް މިވަނީ އިތުރުވެފައެވެ.

2011 ވަނަ އަހަރުން ފެށީގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ޔޫތް ޗެމްޕިއަންޝިޕް މުބާރާތް އޭގެފަހުން މެދުކެނޑުނީ އެންމެ އަހަރަކުއެވެ. މީގެ ކުރިން މި މުބާރާތް ބާއްވަމުން އައީ 21 އަހަރުން ދަށަށް އަމާޒުކޮށްގެންނެވެ. ނަމަވެސް މި އަހަރުން ފެށިގެން މުބާރާތް ކުރިއަށް ގެންދާނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *