ސެގާޓް: ވިލަން އަކުން އެންމެ ފަހުން ހީރޯ އަކަށް

Advertisement

ސެގާޓް: ވިލަން އަކުން އެންމެ ފަހުން ހީރޯ އަކަށް

ޢަބްދުﷲ އަޝްރަފް

ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް އިށީންނަ ގޮނޑިއަކީ “ބިޔަ” ގޮނޑިއެކެވެ. ދިވެހިންގެ އެންމެ މަގްބޫލް ކުޅިވަރަކީ ފުޓްބޯޅައަށް ވީމަ ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ ގައުމީ ޓީމާ ދޭތެރޭ ދިވެހިން އަބަދުވެސް ކުރާ އުއްމީދު މާ މަތީ ކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށް އެކަން އޮތަސް ޔަގީން ކަމާއެކު ދަންނަވަން އެނގޭ އެއް ހަގީގަތެއް އެބައޮތެވެ. ދިވެހި ގައުމީ ޓީމާއި ހަވާލުވި ކޯޗުންގެ ތެރޭގައި ދިވެހިންގެ ފާޑުކިޔުމާއި، ނަފްރަތު އިންތިހާ ރައްދުނުވާ ކޯޗަކު މަދުވާނެއެވެ. އެކަމަކު އެއީ ކުޅިވަރުގައި އާދަޔާހިލާފް ކަމެއްވެސް ނޫނެވެ. އެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކޮށްފައިވާނެ އެކަކީ ގައުމީ ޓީމުގެ މިހާރުގެ ކޯޗް ކްރޮއޭޝިޔާގެ ޕީޓަރ ސެގާޓެވެ.

މިއަހަރުގެ ކުރީކޮޅު މަގާމާއި ހަވާލުވި ސެގާޓަކީ މިފަހަކަށް އައިސް ގައުމީ ޓީމާއި ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކޯޗު ކަމުގައި ބުނެވިދާނެއެވެ. ސެގާޓަށް އެންމެ ގިނަ ބައެއްގެ ރުޅިއާއި ނުރުހުން އަމާޒުވީ އޭޝިޔަން ކަޕްގެ ކޮލިފައިންގައި މިއަހަރުގެ މާޗް މަހު ބޫޓާނާއި ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗަށް ނެގި ސްކޮޑުން ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) ފަހު ވަގުތު ބާކީ ކުރުމުންނެވެ. ދަގަނޑޭ ބާކީ ކުރި ސަބަބެއް ކަމަށް ކޯޗު ބުނެފައިވަނީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވުމުން ކަމަށެވެ.

ސެގާޓްގެ އެ ނިންމުމަށް ދިވެހި މަޝްހޫރު ބައެއް ކޯޗުން ފާޅުގައި ހިޓްހަމަ ނުޖެހުން ރައްދުކޮށްފައިވިޔަސް ފުޓްބޯޅައަށް މަރުދޭ ގިނަ ދިވެހިން ތިބީ ހިންދިރުވާލައިގެންނެވެ. ބޫޓާން މެޗުން ދަނގަޑޭ ބާކީކުރިކުރުން އެއީ އޭނާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެރިއަރ ގެ ނިމުމަށް ވެދާނެ ކަމަށް އޭރު އެމީހުން ހިޔެއް ނުކުރެއެވެ. އެކަމަކު މި ފަހަރުގެ ސާފް ސުޒުކީ ކަޕަށް އެންމެ ފުރަތަމަ އެކުލަވާލި ތިރީސް ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭގެ ނަން ނެތުމުން މުޅި ފުޓްބޯޅަ އާއިލާ އުތުރިއެރިއެވެ. ގިނަ ބައެއްގެ ރުޅިގަނޑު ފަޅައިގެންގޮސް ނުރުހުމުގެ ބަސްތައް ކޯޗަށް އަމާޒުކޮށް ވަރުގަދަ އަލިފާންގަނޑެއް ސޯޝަލް މީޑިޔާގައި އެ މީހުން ފަތުރާލިއެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ފުންނާބު އުސް ބޭފުޅުންނާއި، ފުޓްބޯޅަ ކޯޗުންނާއި، ކުޅުންތެރިންނާއި، ސަޕޯޓަރުން ހިމެނެއެވެ. މިފަހަރު ގިނަ ބަޔަކަށް ހަޖަމްކުރަން ދަތިވީ ދަގަނޑޭ ބާކީ ކުރަން ކޯޗް ދެއްކި ސަބަބުތަކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ކޯޗުގެ އެ ވާހަކަތައް އެއްގޮތަކަށް ވެސް ދެކޮޅެއް ނުޖެއްސެއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ސެގާޓާއި ހަވާލުކުރަނީ. ފާޑުކިއުންތަކަށް ސެގާޓް ރައްދުދިނީ ސުޒުކީ ކަޕްގެ ތައްޓާއި އެކު: ފޮޓޯ: މޯލްޑިވްސް ސޮކާ

ސާފް ސުޒުކީ ކަޕް މި މަހުގެ ހަތް ވަނަ ދުވަހު ދިވެހިން ފެށިއިރުވެސް ގިނަ ބަޔަކު ތިބީ އެ ރުޅިގަނޑުގައެވެ. ކޯޗަށް އިތުބާރުކޮށްގެންތިބީ  ނިސްބަތުން މަދު ބައެއް ކަމަށް ގަބޫލުކުރެވެއެވެ. އެކަމަކު ކޯޗާ ދޭތެރޭ ކިތަންމެ ބޮޑު ހިތްހަމަނުޖެހުމެއް އޮތަސް ގިނަ ބަޔަކު ތިބީ ކުޅުންތެރިންނަށް އިތުބާރުކޮށްގެންނެވެ. ރާއްޖެ ހިމެނުނު ގްރޫޕްގެ ގޮތުން ލަންކާއަށްވުރެ ކުރި ހޯދައި އިންޑިޔާއާއެކު އެންމެ ދަށްވެގެން ސެމީ ފައިނަލް ކަށަވަރުކުރާނެ ކަމަށް ގިނަ ބަޔަކު ތިބީ ޔަގީންކޮށްގެންނެވެ. އެކަމަކު ފުރަތަމަ މެޗްގައި ސްރީލަންކާއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމުން ބޮޑު މާޔޫސްކަމެއް އެންމެންނަށް ލިބުނެވެ. ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފަހުން ލަންކާއާ އެކު ކުޅުނު މެޗްގައި އެ ޓީމް ކޮޅަށް ދިހަ ލަނޑު އޮއްސާލި ހަނދާން ގިނަ ދިވެހިން މާބޮޑަށްވެސް ހަނދާން ހުރީއެވެ. ނަތީޖާ ގަބޫލުކުރަން ދިވެހިންނަށް ފަސޭހަ ނުވީ އެސަބަބާ ހުރެއެވެ. އެއާއެކު އަނެއްކާވެސް ފެނުނީ ހުރިހާ ފާޑުކިޔުމެއް ކޯޗަށް އަމާޒުވި ތަނެވެ. އެއް ބަޔަކު ބުނި ގޮތުގައި ދަގަނޑޭއަށް ކޯޗް ފުރުސަތު ދިންނަމަ ނަތީޖާ ރާއްޖެ ކޮޅަށް އެނބުރުނީހެވެ. އަނެއް ބަޔަކު ބުނަނީ ކޯޗް ގެ ފޯމޭޝަން “ކަޑަ” އީ ކަމަށެވެ. މެޗަށް ނެގި ފުރަތަމަ އެގާރައާ ދޭތެރޭ ހިތްހަމްނުޖެހުނު މީހުންވެސް މަދެއް ނޫނެވެ.

ކޮންމެއަކަސް މުބާރާތުގެ ދެވަނަ މެޗަށް ގިނަ ދިވެހި ސަޕޯޓަރުން ކުރިމަތިލީ ކަރުއެލުވާލައިގެންނެވެ. ވާނީވެސް އެހެންނެވެ. ސެމީއަށް ދިއުމުގެ އަމިއްލަ ބާރު އޮތަސް އިންޑިޔާއިން ކޮންމެ ފަދަ ނަތީޖާއެއްވެސް ނެރެފާނެ ކަމަށް ގިނަ ބަޔަކު ތިބީ ލަފާކޮށްގެންނެވެ. ކަންވީވެސް އެހެންނެވެ. އިންޑިޔާ އަތުން 0-2 އިން ބަލިވުމުން މުބާރާތުގެ ތާރީހުގައިވެސް ދިވެހިން ގަންނަންނުޖެހޭ ލަދެއްގެ ތުންފަތްމައްޗަށް ދިވެހި ޓީމް ވެއްޓުނެވެ. އެކަމުން ސަލާމަތްވެ ސެމީގެ ނަސީބު ދިވެހިންނަށް ފައިދާވީ ގުރުއަތަކުން ކުރި ލިބިގެންނެވެ. ސެމީގެ ޖާގަ ކަށަވަރުވުމުން ކޯޗަށާއި ޓީމަށް ލިބުނު މަރުހަބާގެ ބަސްތަކަށްވުރެ ގިނަވީ މަލާމާތުގެ ބަސްތަކެވެ.

އެހިސާބުން ގޮރޫޕް ސްޓޭޖްގެ ވާހަކަ ނިމުނީ އެވެ. ސެމީ ފައިނަލްގައި ދިވެހިން ބައްދަލުކުރަންޖެހުނީ ނޭޕާލާއެވެ. އޭރު މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ނޭޕާލް ދެއްކި ހަލުވި މޮޅު ކުޅުން ގިނަ ދިވެހިންނަށް އޮތީ ފެނިފައެވެ. ރާއްޖެއަށް އެންމެ ގޯލެއްވެސް ކާމިޔާބު ނުކުރެވި  ސެމީއަށް ދިއުމުން ނޭޕާލްއާއެކު ކުޅެ މޮޅުވެވޭނެ ކަމަށް އުއްމީދުކުރި ސަޕޯޓަރުން މަދޭ ބުނެވިދާނެއެވެ. އެކަމަކު ކަންވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ. ސެމީ ފައިނަލް މެޗާއެކު މުޅި މަންޒަރު ރާއްޖޭގެ ޓީމުން ބަދަލުކޮށްލިއެވެ. ރަގަޅު އެޓޭކިންގ ގޭމެއް ކުޅެ ތިން ގޯލް ޖަހައި ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދިއެވެ. އެކަމަކު އެވަރުން ކޯޗަށް ތައުރީފްކުރަން ބޭނުންވީ މަދު ބައެކެވެ.

ދެން ދިވެހިން ކުރިމަތިލީ ފައިނަލް މެޗާއެވެ. ދިހަ އަހަރު ވަންދެން އަލުން ތައްޓަށް ކުރަމުންއައި އިންތިޒާރު ނިމުމަކަށް ގެންނާށެވެ. އެ މަސައްކަތުގައިވެސް ޓީމަށް އިރުޝާދު ދޭންހުރިތަން ފެނުނީ ސެގާޓެވެ. ފައިނަލް މެޗަށްވެސް ނުކުތް އެގާރަޔާ މުބާރާތުގެ ފުރަތަމަ މެޗަށް ނުކުތް އެގާރައާ މާބޮޑު ފަރަގެއް ނެތެވެ. އެކަމަކު މެޗް ދިވެހިން ނިންމާލީ ހުރިހާ ދިވެހިން ހިނިތުން ކުރުވަމުންނެވެ. 1-2 ގެ ނަތީޖާއިން އިންޑިޔާ ބަލިކޮށް ސާފްގެ ރަސްކަމަށް ދިވެހިން އަލުން ވެރިވީއެވެ. އެއާއެކު ގިނަ ބަޔަކު ކޯޗް ޕީޓަރ ސެގާޓްއަށް ތައުރީފް ކުރަން ފެށިއެވެ. ކުރިން އަމާޒުވި ރުޅިއާ ނަފްރަތް ލޯތްބަށް ބަދަލުވިއެވެ. ދެވަނަ ފަހަރަށް ސާފް މުބާރާތުގެ ތަށި ހޯދި ދިވެހި ޓީމުގެ ކޯޗްގެ ގޮތުގައި ޔަގީނުންވެސް ތާރީހްގައި ލިޔެވޭނީ ސެގާޓްގެ ނަމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *