ހަމްޕު: އުމުރުން ތޭރަ އަހަރުގައި ދުށް ހުވަފެން ހަގީގަތަކަށް

Advertisement

ހަމްޕު: އުމުރުން ތޭރަ އަހަރުގައި ދުށް ހުވަފެން ހަގީގަތަކަށް

ޢަބްދުﷲ އަޝްރަފް

އެއީ މީގެ ދިހަ އަހަރުކުރިއެވެ. 2008 ވަނަ އަހަރު ދިވެހިރާއްޖެއާ ސްރީލަންކާ ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިވެހި ޓީމް ކާމިޔާބުކުރުން އެންމެން ބަލައިގަތީ ކުޅިވަރުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު އުފާވެރިކަމުގެ ގޮތުގައެވެ. އެއާއެކު އޭރުގެ ސަރުކާރުން އެ އުފަލުގައި ހުރިހާ ދިވެހިން ބައިވެރިކުރަން ބޭނުންވިއެވެ. މުބާރާތުގެ ޓްރޮފީ ރާއްޖޭގެ ހުރިހާ ރަށަކަށް ގެންގޮސް އެ ރަން ތައްޓާއެކު ފޮޓޯނެގުމުގެ ފުރުސަތު އާންމުކޮށް އެންމެންނަށް ހުޅުވާލިއެވެ. އެ ފުރުސަތުގެ ބޭނުން އޭރު ހިފި އެކަކީ މިފަހަރުގެ މުބާރާތުގެ ތަށި ހޯދި ޓީމުގައި ހިމެނޭ ޒުވާން ހުނަރުވެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭރު ހަމްޕުގެ އުމުރަކީ އެންމެ 13 އަހަރެވެ.

2012 އަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ހަމްޕު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ޓީމަށް ކުޅެނީ. ފޮޓޯ: ފޭސްބުކް

ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު އޭދަފުށްޓަށް އުފަން ހަމްޕު އަކީ އޭރުވެސް ރަށުގެ ގިނަ ބަޔަކު ހައިރާންކޮށްލި ޓެލެންޓެކެވެ. އެތައް އުއްމީދުތަކެއް ރަށު މީހުން އެކުޅުންތެރިޔަކާ ގުޅުވި ޓީން އޭޖާ އެކެވެ. އޭރު ހަމްޕުގެ އުއްމީދުތައްވެސް ހުރީ މާ ތިރިއަކު ނޫނެވެ. ދެހާހުގެ ކުރީކޮޅު އޭނާގެ ބޭބެ އަދި ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުޓްބޯޅަ ޓީމުގައިވެސް ހިމެނުނު މުޙައްމަދު ޝިފާން (ކުޑައްޓޭ) ފުރަތަމަ ޑިވިޝަންގެ ޓީމަކާ ގުޅުނު ހިސާބުން އެ މަގުން ހިނގަން ހަމްޕުވެސް ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އަދި، ބޭބެގެ ބޮޑު ހިއްސާއަކާއެކު ހޯދި ފަހުރުވެރި ތަށީގައި ބީހިލުމުގެ ފުރުސަތު ލިބުނު ވަގުތު ހަމްޕުގެ އުއްމީދުތައް އެރީ މުޅިން އެހެން ހަރުފަތަކަށެވެ.

“އެދުވަހު ހިތަށް އެރީ އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަދި ކުޅެގެން މި ތަށި ލިބޭނެޔޭ. އޭގެ ފަހުން އަބަދުވެސް އެއީ ހުވަފެނެއް” ރޭގެ މެޗަށްފަހު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ހަމްޕު ބުނެފައިވެއެވެ.

2014 ވަނަ އަހަރު އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ހަމްޕު ގޯލު ޖެހުމަށްފަހު. އެހިސާބުން ފެށިގެން ގިނަ ބައެއްގެ ނަޒަރު ހަމްޕުއަށް ހުއްޓުނު. ފޮޓޯ: ފޭސްބުކް

އެހިސާބުން ފެށިގެން ހަމްޕު ކުރިއަށް އައީ ފަސްއެނބުރި ބެލުމެއް ނެތިއެވެ. ފުރަތަމަ ފެށީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ކާމިޔާބު ކުޅުންތެރިއަކަށް ވުމުގެ މުހިއްމު މަސައްކަތެވެ. ހަމްޕުގެ ހުނަރުވެރިކަން ގިނަ ބައެއްގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ 2012 ވަނަ އަހަރު މާލޭގައި ބޭއްވުނު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމަށް ކުޅެނިކޮށެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރުގެ އެފް އޭ އެމް ޔޫތް ޗެމްޕިއަންޝިޕްގައި ބައިވެރިވި އޭދަފުށި ޓީމުގައިވެސް މުހިއްމު ދައުރެއް އޭނާ އަދާކުރިއެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ބ. އަތޮޅަށް ހުޅުވާލައިގެން ބޭޢެވި ފުޓްބޯޅަ މުބާރާތުގެ ތަށި އޭދަފުޓަށް ހޯދައިދިނުމުގައި ބޮޑު ހިއްސާއެއް ހަމްޕު އަދާކުރިއެވެ.

ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ހަމްޕު އޭދަފުށީ ޓީމަށް ކުޅެނީ. އޭދަފުށީ ޓީމުގައި ހަޕްމު ވަނީ މޮޅު ކުޅުމެއް ދައްކާފައި ފޮޓޯ: އޭދަފުށި ޓައިމްސް

2013 ވަނަ އަހަރުގެ އެ މުބާރާތް ވީ ހަމްޕުގެ ކުރިމަގަށް މުހިއްމު ދޮރެއް ހުޅުވުނު މުބާރާތަކަށެވެ. މުބާރާތް ނިމުނުތާ މަހެއްހާ ދުވަސްވެސް ނުވަނީސް ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ނިއު ރޭޑިއަންޓުން ހަމްޕުގެ ސޮއި ހޯދިއެވެ. އެއާއެކު އެ ކްލަބްގެ ސީނިއަރ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާން ފެށިއެވެ. އެކްލަބުގައި ހަމްޒާގެ ފުރަތަމަ އިމްތިހާނަކަށް ވީ 2014 ވަނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓްގެ ޒުވާން ޓީމް ރަގަޅު ހިސާބަކަށް ގެންގޮސްދިނުމެވެ. މުބާރާތުގައި ކެޕްޓަނެއްގެ ޒިންމާ ނަގައިގެން ނުކުތް ފުރަތަމަ މެޗްގައިވެސް ދެލަނޑު ޖަހައި އޭނާ ޓީމް މޮޅުކޮށްދިނެވެ. ހަމްޕުގެ ފެންވަރު ސާބިތުކޮށްދޭން ލިބުނު ފުރަތަމަ ފުރުސަތުގައި ޓީމުގެ މެނޭޖްމަންޓަށް ދިން އިތުބާރާއެކު ހަމްޕު އަދިވެސް ހުރީ ނިއު ރޭޑިއަންޓްގެ ނޫ ޖޯޒީގައެވެ. 2014 އިގެ ފަހުން ނިއު ރޭޑިއަންޓް ފުޓްބޯޅައިގައި ހޯދި ކޮންމެ ކާމިޔާބެއްގައި ހަމްޕުގެ ހިއްސާ އޮތްކަން ޔަގީނެވެ.

2012 އަހަރު ބ. އަތޮޅު ތައުލީ މަރުކަޒުން ބޭއްވި ހައުސްތަކުގެ ފުޓްބޯޅަ މުބާރާތުގެ ތައްޓާއެކު ހަމްޕު (މެދުގައި). ފޮޓޯ: ފޭސްބުކް

ނިއުރޭޑިއަންޓްގައި ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ހަމްޕު ދައްކަމުން އައި މޮޅު ކުޅުން އެ ކްލަބަށް އިރުޝާދު ދިން ކޮންމެ ކޯޗަކުވެސް ވަނީ ފާހަގަކޮށްފައެވެ.އެއާއެކު ހަމްޕު އަނެއްކާވެސް އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. 2015 ވަނަ އަހަރު ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ޖާގަ ލިބުންވީ ހަމްޕުގެ އުއްމީދުތަކުގައި ކުލަ ޖެހުމުގެ ފެށުމަށެވެ. އެ ހިސާބުން ހަމްޕުގެ ހިތްވަރު އެތައް ގިޔަރަކަށް މައްޗަށް ޖެއްސިއެވެ. ނަތީޖާއަކަށްވީ، އޭގެ ފަހުން އެކުލަވާލި ކޮންމެ ގައުމީ ސްކޮޑެއްގައިވެސް ޝައްކު ކުރާނެ ޖާގައެއް ނުދީ ހިމެނޭ ކުޅުންތެރިއަކަށް ހަމްޕު ވުމެވެ. ކްލަބާއި، ގައުމީ ޓީމުގައި ހަމްޕު ދައްކަމުން އައި ތަފާތާއެކު 2016 ވަނަ އަހަރު ހަވީރު ނޫހުން އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑްވެސް ހަމްޕު ހޯދިއެވެ.

ހަމްޕު އަކި ވަރަށް ކުޑައިރުއްސުރެ ފެށިގެން ޝައުގުވެރިކަން ބަހައްޓައިގެން ފުޓްބޯޅަ ކުޅެމުން އައި ކުއްޖެކެވެ. ހަމްޕު ބުނާގޮތުން ފުޓްބޯޅައިގައި އޭނާގެ އެންމެ ދުރު ހަނދާނަކީ ރަށުގެ އިރުމަތީކޮޅުގައި އޮންނަ ރުއްގަނޑު ތެރޭގައި ކުޑަގޯލް އަޅައިގެން ރައްޓެހިންނާއިއެކު ކުޅެން އުޅުނު ހަނދާނެވެ. އޭރު އޭނާގެ ހުސްވަގުތުތަކުގެ އެކުވެރިއަކަށްވީ އޭނާ ކުޅެން ގެންގުޅޭ ބޯޅައެވެ. މާގިނައިން ބޯޅަ ހިފައިގެން އުޅޭތީ މައިންބަފައިން އޭރު ވަރަށް ޝަކުވާކުރާ ކަމަށްވެސް ހަމްޕު ބުނެފައިވެއެވެ.

2014 ވަނަ އަހަރު އޭދަފުށީ ޓައިމްސް އިން ނެރުނު މެގަޒިނެއްގައި ހަމްޕުއާއި ގުޅޭގޮތުން ލިޔެފައިވަ ލިޔުމެއް. އޭރުވެސް ހަމްޕުގެ ކުޅުމަށް ގިނަ ބަޔަކު ދިޔައީ ތައުރީފް ކުރަމުން: ފޮޓޯ: އޭދަފުށި ޓައިމްސް

ކޮންމެއަކަސް ރޭ ދިވެހި ގައުމީ ޓީމް ހޯދި ކާމިޔާބާއެކު އެންމެ އުފާކުރާނެ އެއް ބަޔަކީ ހަމްޕުގެ މައިންބަފައިންނެވެ. ރޭގެ މުޅި މެޗްގައިވެސް ހަމްޕު ވަނީ ހުނަރުވެރި މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗްގެ ނަތީޖާ ދިވެހިންގެ ކޮޅަށް އަނބުރާލަން އެންމެ ބޮޑު އެހީއަކަށްވި ދިވެހި ޓީމުގެ ދެވަނަ ގޯލް ޢަލީ ފާސިރު (ސެންޓޭ) ޖެހީ ހަމްޕު މުޅިން ހުސްކޮށްލާފައި އޭނާއަށް ދިން ހިތްގައިމު ބޯޅައަކުންނެވެ. އަދި، އެކަން ވެގެން ދިޔައީ ދިހަ އަހަރު ވަންދެން ހަމްޕު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް މުޅި މެޗްގައިވެސް ހަމްޕު ކުރި ސަޅި މޫވް އަށެވެ.

“ވަރަށް އުފާވެފަ މިހިރީ މިރޭ. މިއީ ފުޓްބޯޅައިގައި ވަރަށް ކުރިއްސުރެވެސް އަހަރެން ދެކެމުން އައި ހުވަފެނެއް. ވަކިން ހާއްސަކޮށް މެޗްގައި ރަގަޅަށް ކުޅެވި އެސިސްޓެއްވެސް ކުރެވެމުން އަދި މާ ބޮޑަށް އުފާވި” ރޭގެ ކާމިޔާބާ ގުޅިގެން ހަމްޕުގެ އިހްސާސްތައް “ފަހުމިނެޓް” އާ ހިއްސާ ކުރަމުން ބުނެފައިވެއެވެ.

ރޭގެ މެޗަށްފަހު ހަމްޕު (ކ) ސާފް ސުޒުކީ ކަޕްގެ ތައްޓާއި އެކު. ރޭގެ މެޗުގެ ދެވަނަ ގޯލު ސެންޓޭ ޖެހީ ހަމްޕު ދިން ހިތްގައިމު ޕާހަކަުން. ފޮޓޯ: ފޭސްބުކް

2008 ގައި ދިވެހިން ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ހޯދި ތައްޓާއެކު ހަމްޕު އެކޭ އެއް ފަދައިން ގާތްގަނޑަކަށް ހުރިހާ ދިވެހިންވެސް އެ ކާމިޔާބީ ތަކުރާރުވުމުގެ އިންތިޒާރުގައި ތިބޭތާ ނުވަ އަހަރުވީ އެވެ. ތަފާތަކީ ނުވަ އަހަރު ފަހުން މި ހޯދި ފަހުރުވެރިވެރި ކާމިޔާބީގައި ކުޅުންތެރިއެއްގެ ގޮތުން ހަމްޕުގެ ބޮޑު ހިއްސާއެއް އޮތުމެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ތަށްޓާއި މެދު ކުރި އުއްމީދު ހަގީގަތަކަށް ހަދަން ހަމްޕު ފެށި ދިގު ދަތުރުގައި ކުރި ބުރަ މަސައްކަތާ ގިނަ ދިވެހިން މިއަދު ޝުކުރު އަދާކުރާނެ ކަން ޔަގީނެވެ. ހަމްޕު އާއި މުޅި ދިވެހި ގައުމީ ޓީމަށް އަދިވެސް އެއް ފަހަރު މަރުހަބާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *