ފައިސަލަށް ސާބަސް، މޮޅު ކުޅުންތެރިޔާގެ މަގާމް ހައްގު

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭ ޓީމުގެ ކުޅަދާނަ ގޯލްކީޕަރު މުހައްމަދު ފައިސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފިއެވެ. ފައިސަލް ވަނީ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުގައި ލަނޑެއް ނުވަދެ ރާއްޖޭ ޓީމުން ނިންމާލިއިރު މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި ފައިސަލް ބެލެހެއްޓި ގޯލަށް ލަނޑު ވަނީ މެޗުގެ އިތުރު ވަގުތުގައެވެ.
ފައިނަލް މެޗުގެ ކުރިން ފައިސަލް ވަނީ ރާއްޖޭގެ ގޯލަށް އިދިކޮޅު ޓީމުތަކުން ފޮނުވާލި 14 ހަމަލާ މަތަކޮށްފައެވެ. މިރޭގެ މެޗުން އިންޑިއާ އަތުން ރާއްޖެ 2-1 އިން މޮޅުވިއިރުވެސް މެޗުގެ ފަހު ވަގުތާ ހަމައަށްވެސް ފައިސަލް ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
ފައިސަލްގެ މޮޅު ކުޅުމަށް ޓީމުގެ ކޯޗު ޕީޓާ ސެގާޓް ވެސް ވަނީ ތައުރީފް ކޮށްފައެވެ. 20 އަހަރު ވަންދެން ރާއްޖޭގެ ގޯލު ބެލެހެއްޓި ކުޅަދާނަ ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމުން ރިޓަޔާ ކުރުމުން އެންމެ ގިނަ ބަޔަކު ކުރިމަތި ކުރުވި ސުވާލަކީ އިމްރާންގެ ބަދަލުގައި ރާއްޖޭގެ ގޯލު ބަލަހައްތާނެ ކީޕަރަކާއި މެދުއެވެ. މި މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު ފައިސަލް އޭނާއަށް ރާއްޖޭގެ ގޯލު ބެލެހެއްޓޭނެކަން ސާބިތު ކޮށްދީފައެވެ.
ފައިސަލްގެ ކުޅުމަށް މުޅި ދިވެހި ގައުމު ފަހުރުވެރި ވެއްޖެއެވެ. ހަގީގަތުގައިވެސް ފައިސަލަށް ތި މަގާމު ހައްގެވެ.
Advertisement


Leave a Reply