އަހަރެމެންނަކީ ޗެމްޕިއަނުން

Advertisement

އަހަރެމެންނަކީ ޗެމްޕިއަނުން

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށް ދިވެހި ރާއްޖޭން ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން މި މުބާރާތް ކާމިޔާބު ކުރީ 2008 ވަނަ އަހަރު ސްރީ ލަންކާގައި އިންޑިއާ  ބަލިކޮށްފައެވެ.

މިއަދު މެޗަށްވެސް ރާއްޖޭގެ ޓީމުގެ ފުރަތަމަ އޭގާރައިގައި ކޯޗު ޕީޓާ ސެގާޓް ހިމެނީ ސެމީ ފައިނަލުގައި 3-0 އިން ނޭޕާލާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައެވެ. އިންޑިއާއިންވެސް މިއަދުގެ މެޗަށް ނެރުނީ ސެމީ ފައިނަލް މެޗުގައި 3-1 އިން ޕާކިސްތާނާއި ދެކޮޅަށް ކުޅުނު ޓީމެވެ.

މިއަދު މެޗު ފަށައިގެން މޮޅަށް ކުޅުނީ ރާއްޖޭގެ ޓީމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ރާއްޖޭ ޓީމުގެ ގޯލު ޖެހިއެވެ. މި ލަނޑު ޖެހީ ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އޭރިޔާ ބޭރުން އިންޑިއާގެ ދެކުޅުންތެރިން ތެރެއިން ދާދު ފޮނުވާލި ބޯޅައަށް އިއްބެ އެރުމަށްފަހު ކީޕަރަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ޗިޕެއް ގޮތަށެވެ. ލަނޑަށް ފަހުވެސް ރާއްޖޭގެ ޓީމުން ވަނީ އިންޑިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި އިންޑިއާގެ ޓީމުންވެސް ވަނީ ކުރިއަށް ޖެހި ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ނުތަނަވަސް ކަމަކީ އަނިޔާގެ ސަބަބުން 39 ވަނަ މިނެޓުގައި ކެޕްޓަން އަކްރަމް އަބްދުލްގަނީ ބަދަލުކުރަން ޖެހުމެވެ. އަކްރަމްގެ ބަދަލުގައި ކުޅެން އެރީ އަހްމަދު ނޫމާން (ހެލްމެޓް) އެވެ.

ލަނޑު ޖެހުމަށްފަހު ސެންޓޭ އުފާފާޅު ކުރަނީ. ފޮޓޯ: ސުޒުކީ ކަޕް ޓްވިޓާ

ދެވަނަ ހާފުގައި އިންޑިއާއިން ކުރިއަށްޖެހި ކުޅުނުއިރު ރާއްޖޭގެ ޓީމުން ބޮޑަށް ތިބީ ފަހަތުގައެވެ. ނަމަވެސް ލިބޭ ފުރުސަތުތަކުގައި ރާއްޖޭން ދިޔައީ ކައުންޓަރ އެޓޭކް ކުރަމުންނެވެ. ރާއްޖޭގެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ 66 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ މި ލަނޑު ޖެހީ އިންޑިއާގެ ހާފް މެދުން އިންޑިއާގެ ތިން ކުޅުންތެރިންގެ ދޭތެރެއިން ލިބުނު ފުރުސަތެއްގައި ކީޕަރު ބޯޅައަށް އެރުމުން ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

އެއަށްފަހުވެސް އިންޑިއާ ޓީމުން ވަނީ މަތިން ގިނަ ބޯޅަތަކެއް ލައިގެން ލަނޑެއް ޖަހަން މަސައްކަތް ކޮށްފައެވެ. އިންޑިއާ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ސުމިތް ޕާސީ އެވެ.

މިއީ ނުވަ އަހަރުތެރޭ ރާއްޖެއަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. 2008 ވަނަ އަހަރުވެސް ރާއްޖޭން މި މުބާރާތް ކާމިޔާބު ކުރީ އިންޑިޔާ ބަލިކޮށްގެންނެވެ.

ރާއްޖޭން މި ހޯދި ކާމިޔާބީއަށް “ފަހުމިނެޓް” ގެ ނަމުގައި މަރުހަބާ ކިޔަމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *