ރާއްޖެ 2 އިންޑިއާ 1
19:54
މެޗު ނިމިއްޖެ. އަހަރެމެންނަކީ ޗެމްޕިއަނުން
19:50
އިތުރު ވަގުތުގައި އިންޑިއާއިން ލަނޑެއް ޖަހައިފި. މިހާރު ނަތީޖާއަކީ 2-1 ރާއްޖެ
19:49
އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފި. ކުރީގައި ރާއްޖެ އޮތީ 2-0 އިން
19:46
ރާއްޖޭގެ ޓީމުގެ ހަމްޕުގެ ބަދަލުގައި ބަކާ ކުޅެން އަރުވައިފި. މެޗު ނިމެން އިނީ ތިން މިނެޓު. ކުރީގައި ރާއްޖެ އޮތީ 2-0 އިން
19:41
މެޗުގެ 82 މިނެޓު ކުޅެވިއްޖެ. އަދިވެސް 2-0 އިން ކުރީގައި އޮތީ ރާއްޖެ.
19:38
ދާދުގެ ބަދަލުގައި އަސަދުﷲ ކުޅެން އަރުވައިފި
19:33
ރާއްޖޭގެ ދެކުޅުންތެރިއަކަށް އަނިޔާވެގެން ފަރުވާދެނީ. ވެއްޓިފައިވަނީ ފޭދޫ އިއްބެ އަދި ހަމްޕު
19:29
70 މިނެޓު ކުޅެވިއްޖެ. 2-0 އިން ކުރީގައި އޮތީ ރާއްޖެ
19:28
ރާއްޖޭގެ ޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ހަމްޕު ސެންޓޭއަށް ބޯޅަ ދިނީ އިންޑިއާގެ ތިން ކުޅުންތެރިންގެ ދޭތެރެއިން. ސެންޓޭ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރު ބޯޅައަށް އެރުމުން ހަމަޖެހިލާފައި ތިރީ ކަނަށް. ލަނޑު ޖެހުމަށްފަހު ޖޯޒީ ބޭލުމުން ސެންޓޭއަށް ވަނީ ރީނދޫ ކާޑު ދައްކާފައި
19:24
ސެންޓޭ ގޯލު ޖަހައިފި. ރާއްޖެ 2 އިންޑިއާ 0
19:19
މެޗުގެ 60 މިނެޓު ކުޅެއްވިއްޖެ. ރާއްޖެ 1 އިންޑިއާ 0
19:19
މެޗުގެ 60 މިނެޓު ކުޅެއްވިއްޖެ. މޮޅަށް ކުޅެމުންދަނީ އިންޑިއާއިން.
19:16
ފަރުވާއަށްފަހު ސެންޓޭ ކުޅެން އަރައިފި
19:15
ރާއްޖޭގެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން މިހާރު ކުޅެމުންދާ ސެންޓޭއަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ
19:14
ދެވަނަ ހާފު ފެށިގެން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅެނީ އިންޑިއާ ޓީމުން. ރާއްޖޭގެ މުޅި ޓީމު މިވަގުތު ކުޅެނީ ފަހަތަށް ޖެހިގެން. އިންޑިއާއަށް ލިބޭ ކޮންމެ ބޯޅައެއް މަތިން ހުރަސް ކުރަމުންދޭ
19:11
ރީނދޫ ކާޑު ދެއްކީ އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގައި ބަދަލުކުރި އަކްރަމަށް
19:10
ރާއްޖޭގެ ޓީމުގެ ބެންޗުގައި އިން ކުޅުންތެރިއަކަށް ރެފްރީ ރީނދޫ ކާޑު ދައްކައިފި. ކާޑު ދެއްކީ އިންޑިއާ ޓީމަށް ލިބުނު ޖެހުމަކާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރީމަ. ކޮން ކުޅުންތެރިއެއްކަމެއް އަދި ސާފެއް ނުވޭ
19:05
އިންޑިއާ ޓީމުގެ މަންވީރު ރާއްޖޭގެ ގޯލަށް ބޮލުން ހަމަލާއެއް ފޮނުވާލައިފި. މަންވީރު ޖެހި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށް. މިއީ އިންޑިއާ ޓީމަށް މެޗުގައި ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތު
19:03
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކުޅުން ފެށީ އިންޑިއާ ޓީމުން
18:48
ފުރަތަމަ ހާފު ނިމިއްޖެ. 1-0 އިން ކުރީގައި އޮތީ ރާއްޖެ. ރާއްޖޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ ދާދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޭދޫ އިއްބެ
18:47
ރާއްޖޭގެ ޓީމުގެ ސެންޓޭއަށް ކުރި ފައުލަކަށް އިންޑިއާ ޓީމުގެ ކެޕްޓަނަށް ރީނދޫ ކާޑު ދައްކައިފި. މެޗުގައި އިންޑިއާ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެން އެބަދޭ
18:45
އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓު ދައްކައިފި. އިންޑިއާއިން ދަނީ ރާއްޖޭގެ ޓީމަށް ނުރައްކާ ކުރަމުން
18:43
ހަމްޕުއަށް ކުރި ފައުލަކުން އޭރިޔާ ބޭރުން ރާއްޖެއަށް ލިބުނު ހިލޭޖެހުމެއް ސެންޓޭ ފޮނުވާލުމުން ދިޔައީ ދަނޑި މަތިން ބޭރަށް. އޭގެ ފަހުން އިންޑިއާ ކުޅުންތެރިންވަނީ ނުރައްކާތެރި ދެ ހުރަސް ގޯލު ކުރިމަށްޗަށް ނަގާފައި. ނަމަވެސް ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވި
18:39
އަކްރަމަކީ ރާއްޖޭގެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި އެންމެ މުހިއްމު ކުޅުންތެރިޔާ. އަކްރަމްގެ ބަދަލުގައި ކުޅެން އެރި އަހްމަދު ނޫމާން (ހެލްމެޓް) އަކީ ރާއްޖޭގެ އީގަލްސް ޓީމުގެ ކުޅުންތެރިއެއް.
18:38
ރާއްޖޭގެ ކެޕްޓަން އަކްރަމަށް އަނެއްކާވެސް އަނިޔާވެގެން ދަނޑުން ބާލައިފި. އަކްރަމްގެ ބަދަލުގައި ނޫމާން ކުޅެން އަރުވައިފި
18:33
އަކްރަމް ކުޅެން އަރައިފި. މުޅި މެޗު ޑޮމިނޭޓް ކޮށްގެން މިހާރު ކުޅެނީ އިންޑިއާ ޓީމުން
18:32
މިހާރު މޮޅަށް ކުޅެމުންދަނީ އިންޑިއާއިން. މީގެ ކުޑަ އިރުކޮޅެއް ކުރިން އެޓީމުން ނަގައިދިން ހުރަހެއް ރާއްޖޭގެ އަކްރަމް ވަނީ ބްލޮކް ކޮށްފަ. އޭގެ ފަހުން ރާއްޖޭގެ އަކްރަމް ސާފުކޮށްލި ބޯޅައެއް އިންޑިއާގެ މަންވީރަށް ލިބުމުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށް. މިވަގުތު ރާއްޖޭގެ ކެޕްޓަން އަކްރަމް އަށް އަނިޔާވެގެން ފަރުވާދޭން ވަނީ ދަނޑުން ބާލާފައި
18:30
މެޗުގެ ފުރަތަމަ ހާފުގެ 30 މިނެޓު ކުޅެވިއްޖެ. 1-0 އިން ކުރީގައި އޮތީ ރާއްޖެ
18:20
ރާއްޖޭގެ ދާދުއަށް ލިބުނު ބޯޅަ ދިނީ އޭރިޔާ ތެރެއަށް އެވަގުތު ދުވަމުން ފޭދޫ އިއްބެ އަށް. ކީޕަރު ބޯޅައަށް އެރުމުން އިއްބެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ ޗިޕެއް ގޮތަށް. މިއީ އިއްބެ މި މުބާރާތުގައި ޖެހި ފުރަތަމަ ލަނޑު. ލަނޑަށް ފަހުވެސް ރާއްޖޭގެ ޓީމުން ދަނީ އިންޑިއާގެ ގޯލަށް ނުރައްކާ ކުރަމުން
18:18
ރާއްޖޭން ގޯލު ޖަހައިފި. ލަނޑު ޖެހީ ފޭދޫ އިއްބެ
18:15
ދެޓީމުގެ ފަރާތުންވެސް ފެންނަމުންދަނީ ދާދި ހަމަހަމަ ކުޅުމެއް. ރާއްޖޭންވެސް ލިބޭ ބޯޅަ ތަކުގައި ޕާސްކޮށްގެން ކުޅެން ދަނީ މަސައްކަތް ކުރަމުން
18:09
އިންޑިއާގެ ކުޅުންތެރިން ނުރައްކާތެރި ހުރަހެއް ގޯލް ކުރިމަށްޗަށް ނަގައިފި. ނަމަވެސް ރާއްޖޭގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތް ކޮށްފައި. މިހާރު ރާއްޖެ އަށް ކޯނަރެއް ލިބިއްޖެ
18:09
ރާއްޖޭގެ ނަން މަޝްހޫރު ދެކޯޗުން ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭންގެ އިތުރުން ގޯލްޑް ކެޕްޓަން އަސްއަދު އަބްދުލްގަނީ ވެސް މެޗު ބެލުމަށް ދަނޑަށް ވަނީ ހާޒިރުވެފައި
18:07
މެޗު ބެލުމަށް ޑާކާގައި ދިރިއުޅޭ ހުރިހާ ދިވެހިން ކަހަލަ ގޮތަކަށް ވަނީ ސްޓޭޑިއަމްއަށް ގޮސްފަ. އޭގެތެރޭގައި ޑާކާގައި ކިޔަވަން އުޅޭ ގިނަ ދިވެހިން ހިމެނޭ. މީގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ކޯޗުންނާއި އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލް ވެސް ދަނޑުގައި މެޗު ބެއްލުވުމަށް އެބައިންނެވި
18:05
މެޗު ފެށިގެން ރާއްޖޭގެ ޓީމުން އިންޑިއާ ހާފުގެ ތެރޭގައި ދަނީ މޮޅަށް ކުޅެމުން.
18:00
މެޗު ފަށައިފި.
17:47
ރާއްޖޭގެ ޓީމުގެ ފުރަތަމަ އެގާރަ:
ގޯލް ކީޕަރު: މުހައްމަދު ފައިސަލް
ޑިފެންސް: އަކްރަމް އަބްދުލްގަނީ (ކެޕްޓަން)، އަލީ ސަމޫހު (ސަމުއްޓޭ)، ހުސައިން ސިފާއު ޔޫސުފް، މުހައްމަދު ސަމްދޫހު
މިޑްފީލްޑް: ހުސައިން ނިހާން (ނިހާޓު)، އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު)، ހަމްޒާ މުހައްމަދު (ހަމްޕު)
ފޯވާޑް: ނާއިޒް ހަސަން (ދާދު)، އަލީ ފާސިރު (ސެންޓޭ)، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
17:42
މިއަދުގެ މެޗަށް ރާއްޖެ ޓީމުން ނެރެފައިވަނީ ސެމީ ފައިނަލުގައި 3-0 އިން ނޭޕާލާ ވާދަކޮށް މޮޅުވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ. މީގެ ކުރިން ރާއްޖޭން ވަނީ ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ދެފަހަރު ފައިނަލުގައި ކުޅެފައި. 2003 ވަނަ އަހަރު ބަންގްލަދޭޝްއާ ވާދަކޮށް ބަލިވިއިރު 2009 ވަނަ އަހަރު ބަލިވީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމާއި ވާދަކޮށް
މިއަދުގެ މެޗަކީ ސާފް ސުޒުކީ ކަޕްގެ 12 ވަނަ މުބާރާތުގެ ފައިނަލުގައި ވާދަކުރަނީ އިންޑިއާއި ދިވެހި ރާއްޖެ. މިއީ މި މުބާރާތުގެ ފައިނަލުގައި އިންޑިއާ ޖެހިޖެހިގެން ވާދަކުރާ ހަތްވަނަ ފަހަރު. އެންމެ ފަހުން އިންޑިއާއަށް މި މުބާރާތުގެ ފައިނަލުން ފުރުސަތު ނުލިބުނީ 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައި. އެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއާ ވާދަކޮށް ހޯދީ ބަންގްލަދޭޝް. މި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ވަނީ ހަތްފަހަރު ހޯދާފައި. އެޓީމު 10 ފަހަރު ފައިނަލް ކުޅުނު އިރު ފައިނަލުގައި ބަލިވީ އެންމެ ތިން ފަހަރު. އެއީ 1995 ވަނަ އަހަރު ސްރީ ލަންކާ އަތުންނާއި 2008 ވަނަ އަހަރު ރާއްޖެ އަދި 2013 ވަނަ އަހަރު އަފްގާނިސްތާނާއި ވާދަކުރި ފަހަރު. މިފަހަރުގެ މުބާރާތަށް އިންޑިއާއިން ނެރެފައިވަނީ 23 އަހަރުން ދަށުގެ ޓީމެއް. 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއާ ވާދަކޮށް އިންޑިއާ ހޯދީ 23 އަހަރުން ދަށުގެ ޓީމަކާއެކު.
މިއީ ދިވެހި ރާއްޖެ ފައިނަލުގައި ވާދަކުރާ ފަސްވަނަ ފަހަރު. މީގެ ކުރިން ކުޅުން ހަތަރު ފައިނަލުގެ ތެރެއިން ރާއްޖެއަށް ކާމިޔާބު ކުރެވެނީ 2008 ވަނަ އަހަރު މުބާރާތް އެކަނި. އަނެއް ތިންފައިނަލުގެ 2003 ވަނަ އަހަރު ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުން. މީގެ އިތުރުން 1997 ވަނަ އަހަރާއި 2009 ވަނަ އަހަރު ފައިނަލުން ބަލިވީ އިންޑިއާއާ ވާދަކޮށް.
މިދެޓީމު ފައިނަލަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގައި މިދެޓީމު ކުޅުނު މެޗު 2-0 އިން ކާމިޔާބު ކުރީ އިންޑިއާ. އިންޑިއާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރާއްޖެ އަދި ލަންކާވެސް 2-0 އިން ގްރޫޕް ސްޓޭޖުގައި ބަލިކޮށް ސެމީ ފައިނަލުގައި ޕާކިސްތާން 3-1 އިން ބަލިކުރުމަށްފަހު.
ރާއްޖެ ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ލަންކާއާއި ހުރިހާ ގޮތަކުން އެއްވަރުވެ ގުރުއަތު ނަގައިގެން. ރާއްޖެއާ ލަންކާ ގްރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 0-0 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި ރާއްޖެ ވަނީ އިންޑިއާ އަތުން ބަލިވެފައި. ސެމީ ފައިނަލުގައި ރާއްޖެ ވަނީ މޮޅަށްކުޅެ 3-0 އިން ނޭޕާލް ބަލިކޮށްފަ.
މިއަދުގެ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު
ސާފް ސުޒުކީ ކަޕް ފައިނަލުގައި އިންޑިއާއާއި ދިވެހި ރާއްޖެ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ
މި މެޗުގެ ކަވަރޭޖް ގެނެސްދޭނީ ބަންގްލަދޭޝްގެ ޑާކާގައި މިވަގުތު ހުރި “ފަހުމިނެޓް” ގެ ޖާނަލިސްޓް އަހްމަދު ޔަޝައު އަދި އަލީ ޝަހީމް
Advertisement
Leave a Reply