ވަރުގަދަ އިންޑިއާ ބަލިކުރަން ދިވެހި ޓީމު ކެތްމަދުވެފައި
ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު އިންޑިއާއާ ދިވެހި ރާއްޖެ ވާދަކުރާއިރު މިއީ ދިވެހި ފުޓްބޯޅައިގައި މުހިއްމު ދުވަހެކެވެ. މި މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު ގިނަ ބައެއްގެ ނަޒަރުގައި މުބާރާތުގެ ފޭވަރިޓުންނަކީ އެއީއެވެ. 23 އަހަރުން ދަށުގެ ޓީމެއް އިންޑިއާއިން މިފަހަރުގެ މުބާރާތުގައި ވާދަކުރިޔަސް އެންމެ ވަރުގަދަކޮށް ފެންނަނީ އެޓީމެވެ. އިންޑިއާއާ ވާދަކުރާއިރު ރާއްޖޭގެ ޓީމު ސެމީ ފައިނަލުގައި ދެއްކި ކުޅުމާއެކު ޓީމަށް މިވަނީ ވަރަށްބޮޑު ހިތްވަރެއް ލިބިފައެވެ. 3-0 އިން ނޭޕާލް ބަލިކުރުމަށްފަހު ދިވެހި ޓީމު މިހާރު ތައްޔާރަށްތިބީ ވަރުގަދަ އިންޑިއާ ބަލިކޮށް ދެވަނަ ފަހަރަށް ރާއްޖެއަށް މި ތަށި ކާމިޔާބު ކޮށްދިނުމަށެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމު ކެޕްޓަން އަކްރަމް އަބްދުލްގަނީ ބުނީ، މިއަދުގެ މެޗުން މޮޅުވާން ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަކްރަމް ބުނީ ގްރޫޕް ސްޓޭޖުގައި އުނދަގުލުން ސެމީއަށް ދަތުރު ކުރިނަމަވެސް، މިހާރު ލިބިފައި މިއޮތް ފުރުސަތަކީ ވޭތުވެދިޔަ ނުވަ އަހަރުތެރޭ ތަށި ހޯދަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. ޓީމުގެ ކޯޗު ޕީޓާ ސެގާޓްގެ ވާހަކަތައްވެސް ހުރީ ހަމަ އެގޮތަށެވެ. އޭނާގެ ވާހަކައިގައި ކުޅުންތެރިންނަށް ތައުރީފް ކުރިއިރު މުޅި ޓީމު އޮތީ އެއްރޫހެއްގައި ކަމަށް ބުނެފައިވެއެވެ. މުބާރާތުގެ ކުރިންވެސް މުޅި ޓީމު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، ފައިނަލާއި ހަމައިން ޓީމު މިހާރު އޮތީ ވަރަށް ބޮޑަށް ބަދަހިވެފައިކަމަށް ސެގާޓް ބުންޏެވެ.
ތާރީހު ބުރަވަނީ އިންޑިއާ ކޮޅަށް
މި މުބާރާތުގެ ފައިނަލުގައި މި ދެޓީމު ތިން ފަހަރު ވާދަކޮށްފައިވާއިރު 1997 ވަނަ އަހަރުގެ ޗެމްޕިއަންކަން އިންޑިއާ ހޯދީ 5-1 އިން ރާއްޖެ ބަލިކޮށްގެންނެވެ. އޭގެފަހުން 2008 ވަނަ އަހަރު ކުޅުނު ފައިނަލުން އިންޑިއާއަތުން ރާއްޖެ މޮޅުވީ 1-0 އިންނެވެ. ޖެހިގެންއައި އަހަރު އިންޑިއާއިން ވަނީ އަނެއްކާވެސް ފައިނަލުގައި ރާއްޖެ ބަލިކޮށްފައެވެ. އެފަހަރު 23 އަހަރުން ދަށުގެ ޓިމަކާއެކު މުބާރާތުގައި ބައިވެރިވެ އިންޑިޔާއަށް ތަށި ލިބުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފަހަކަށް އައިސް ސާފްގައި އިންޑިއާ ޑޮމިނޭޓް ކުރަމުން އަންނައިރު ރާއްޖެއަށް އިންޑިއާ މި މުބާރާތުގައި އެންމެފަހުން ބަލިކުރެވުނީ 2009 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 2-0 އިންނެވެ. މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ ވަނީ މޮޅަށްކުޅެ 2-0 އިން ރާއްޖެ ބަލިކޮށްފައެވެ.
ސެމީ ފައިނަލުގައި ފަސް ފަހަރު މިދެޓީމު ވާދަކޮށްފައިވާއިރު ހުރިހާ މެޗަކުންވެސް މޮޅުވީ އިންޑިއާއެވެ. ރާއްޖޭން މި މުބާރާތުގެ ސެމީ ފައިނަލުގައި ވޭތުވެދިޔަ ތިން މުބާރާތުގައިވެސް ކެޓީ އިންޑިއާ އަތުން ބަލިވެގެންނެވެ. 2011، 2013 އަދި 2015 ވަނަ އަހަރުގެ ސެމީގައި ބަލިވިއިރު މީގެ ކުރިން 2005 އަދި 1999 ވަނަ އަހަރުވެސް ސެމީފައިނަލުގައި އިންޑިއާއާ ވާދަކޮށް ބަލިވެފައެވެ.
ގްރޫޕް ސްޓޭޖުގައި ތިންފަހަރު މި ދެޓީނު ވާދަކުރިއިރު ރާއްޖެއަށް ލިބުނީ އެންމެ މޮޅެކެވެ. 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުން ރާއްޖެ މޮޅުވީ 2-0 އިންނެވެ. ތިން މެޗުގެ ތެރެއިން ރާއްޖެ ބަލިވީ 2008 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގައި ކުޅުނު މެޗާއި މިފަހަރުގެ ގްރޫޕް ސްޓޭޖުގައެވެ.
އިންޑިއާ ކޯޗު: ރާއްޖެ ޓީމުގައި ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި
މެޗުގެ ކުރިން އޮތް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފައިވަނީ ސެމީ ފައިނަލުގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް އެހާ މޮޅު ކުޅުމެއް ދައްކަފާނެކަމަށް އެއްވެސް މީހަކު ހީނުކުރާނެކަމަށެވެ.
“މި މުބާރާތުގައި އަހަރެންގެ ޓީމު ކުރިއަރާފައިވާ ގޮތުން ވަރަށް އުފާވޭ. އަހަރެމެން ވަރަށް ރަނގަޅަށް ކުޅެ މި މުބާރާތުގެ ފައިނަލުގައި އޮންނަން ހައްގު. ރާއްޖެ ޓީމު ވަނީ ނޭޕާލާ ދެކޮޅަށް ވަރަށް މޮޅަށް ކުޅެފަ. އަހަންނަކަށް ހިއެއްނުވޭ އެއްވެސް މީހަކު ރާއްޖެ އެހާމޮޅަށް ކުޅެފާނެކަމަށް ހީކޮށްފާނެހެނެއް. އެމީހުންގެ އެބަތިބި ވަރަށް މޮޅެތި ކުޅުންތެރިން. މި ޓީމުގެ ފުރިހަމަ އިހްތިރާމް ރާއްޖެއަށް އޮންނާނެ. އެކަމު އަހަރެމެން އެއްވެސް ޓީމެއްދެކެ ޖެހިލުމެއްނުވޭ” ރާއްޖޭ ޓީމަށް ތައުރީފް ކުރަމުން އިންޑިއާގެ ކޯޗު ބުންޏެވެ.
ކޮންސްޓަންޓިން ބުނީ ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗުގައި ރާއްޖޭގެ މުހިއްމު ބައެއް ކުޅުންތެރިން ފުރަތަމަ އެގާރައިގައި ނުކުޅޭ ކަމަށާއި، މިއަދުގެ މެޗުގައި އެކުޅުންތެރިންނާއެކު ރާއްޖެ ވަރުގަދަވާނެ ކަމަށެވެ. ރާއްޖޭގެ ތިން ކުޅުންތެރިންގެ ވާހަކަ އިންޑިއާގެ ކޯޗު ފާހަގަ ކުރިއިރު ގްރޫޕް ސްޓޭޖުގައި އެޓީމާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒް ހަސަން (ދާދު) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ހިމަނާފައެއް ނުވެއެވެ. ނަމަވެސް ސެމީ ފައިނަލް މެޗުގައި މި ތިންކުޅުންތެރިންވެސް ވަނީ މޮޅަށް ކުޅެފައެވެ.
“އަހަރެމެން ކުޅެން މިޖެހެނީ ވަރަށް ވަރުގަދަ ބަޔަކާ. އިންޑިޔާގެ އާދާބީއަކީ އަކީ 1.3 ބިލިއަން އަދި އަހަރެމެންގެ އާބާދީއަކީ ތިންލައްކަ. އެކަމު މެޗުގައި ދެޓީމުންވެސް ނުކުންނާނީ ކޮޅަކަށް އެގާރަ ލައިގެން” ސެގާޓް ބުންޏެވެ.
މިފަހަރުގެ މުބާރާތުގައި އިންޑިއާ ވަނީ ހަތް ލަނޑު މިހާތަނަށް ޖަހާފައެވެ. އެޓީމުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އުޅެނީ މުބާރާތުގެވެސް އެންމެ ގިނަ ގޯލު ޖެހި މަންވީރު ސިންހެވެ. އޭނާ ވަނީ ސެމީ ފައިނަލުގައި ޕާކިސްތާން ކޮޅަށް ދެ ލަނޑު އަދި ގްރޫޕް ސްޓޭޖުގައި ރާއްޖެ ކޮޅަށް ލަނޑު ޖަހާފައެވެ. ރާއްޖޭގެ ޓީމުން މިހާތަނަށް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ޖެހިއިރު އަނެއް ލަނޑު ޖެހީ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.
ދެޓީމުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ރާއްޖޭގެ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް އެވެ. ކުޅުނު ތިންމެޗުން ދެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފައިސަލް ހޯދާފައިވާއިރު މުބާރާތުގައި މިހާތަނަށް ދެވަނައަށް އެންމެ ގިނަ ބޯޅަ ހިފަހައްޓާފައި ވަނީވެސް ފައިސަލެވެ. 14 ސޭވްއާއެކު ފައިސަލަށް ދެވަނަ ލިބޭއިރު އެއްވަނައިގައި އުޅެނީ 15 ސޭވް މިހާތަނަށް ކުރި ޕާކިސްތާނުގެ ގޯލް ކީޕަރު ޔޫސުފް އިޖާޒް ބަޓްއެވެ.
މުބާރާތުގެ ފައިނަލުގައި ހަތަރު ވަނަ ފަހަރަށް ރާއްޖެ އާއި އިންޑިއާއާއި ވާދަކުރާއިރު މުޅި ދިވެހި ޓީމުގެ އުއްމީދަކީ ހިތްވަރާއެކު އިންޑިއާ ބަލިކުރުމެވެ. މުބާރާތުގެ ތާރީހާއި ކުޅުމުގެ ފެންވަރަށް ބަލާއިރު އިންޑިއާ ކުރީގައި އޮތަސް ތާރީހު ބަދަލުކުރަން ރާއްޖޭގެ ޓީމު މިއަދުގެ މެޗަށް ނުކުންނާނީ ހިތްވަރާއި އެކުއެވެ.
Advertisement
Leave a Reply