މަގާމުގައި މިހުރީ ފަހުރުވެރިކަމާއެކު: ސެގާޓް

Advertisement

މަގާމުގައި މިހުރީ ފަހުރުވެރިކަމާއެކު: ސެގާޓް

ޢަލީ ޝަހީމް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރީ ފަހުރުވެރިކަމާއި އެކުގައި ކަމަށް ޓިމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ. ސާފް ސުޒުކީ ކަޕް ފައިނަލުގައި މާދަމާ ހަވީރު އިންޑިއާ ވާދަކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ ރާއްޖޭ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

“އަހަރެމެން މިހިސާބުގަ ތިބުމުގެ ސަބަބަކީ ކުޅުންތެރިން. ހުރިހާ ކުޅުންތެރިންނަށް އަހަރެން ފަހުރުވެރިވޭ. ކޯޗިން ސްޓާފުންވެސް. މި ހުރިހާ ދުވަހު އަހަރެމެން މިކުރީ އާދަޔާ ހިލާފު މަސައްކަތެއް. އަހަރެންނަނީ ހަމައެކަނި ކޯޗު. އެކަމު ކޯޗިން ސްޓާފުންނާއި ކުޅުންތެރިންގެ ސަބަބުން އަހަރެން މި މަގާމުގަ މިވަގުތު ހުންނަން ވަރަށް ފަހުރުވެރިވޭ” ސެމީ ފައިނަލަށް މެޗަށްފަހުވެސް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފު ކުރި ކޯޗު ބުންޏެވެ.

ސެގާޓް ބުނީ ރާއްޖޭގައި ތިބެނީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންކަމަށާއި، އެކުޅުންތެރިންނަކީ އަށް ގަޑިއިރު މަސައްކަތް ކޮށްފައި ފުޓްބޯޅަ ކުޅެން ވަގުތު ހުސްކުރާ ކުޅުންތެރިންކަމަށެވެ.

“އިންޑިއާގެ 23 އަހަރުންދަށުގެ ޓީމާއި ދެކޮޅަށް ކުޅެން މިއޮތީ ސެމީ ޕްރޮފެޝަނަލް ޓީމެއް. އެމީހުން އަންނަނީ ދުވާލަކު އަށް ގަޑއިރު މަސައްކަތް ކޮށްފަ ކުޅެން. އެކަމު މި ކުޅުންތެރިން މި ހުރިހާ ދުވަހު ވަޒީފާ އަދާކޮށްފަ ލިބޭ ހުސްވަގުތުގައި ކުރި މަސައްކަތަކީ އާދަޔާހިލާފު ހިތްވަރެއް. އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ވިޔަސް އެމީހުން ވަނީ އާޖެންޓީނާވެސް ބަލިކޮށްފަ” އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމާއި ދެކޮޅަށް ކުޅެންޖެހޭތީ ދެ ގައުމުގައި ތިބި ކުޅުންތެރިންގެ ތަފާތު ހާމަކުރަމުން ސެގާޓް ބުންޏެވެ.

ސެމީ ފައިނަލަށް ދިއުމަށް ނަސީބު ވަރަށް ބޮޑަށް އެހީތެރިވި ނަމަވެސް ފައިނަލަށް ދިޔައީ ޓީމުން މޮޅަށް ކުޅެގެންކަމަށް ސެގާޓް ބުންޏެވެ. ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ދެއްކި ކުޅުން ތަކުރާރުކުރަން މަސައްކަތް ކުރާނެކަމަށްވެސް ސެގާޓް ވަނީ ބުނެފައެވެ.

ސެގާޓް ވަނީ 2015 އަހަރުގެ މުބާރާތުގައި އަފްގާނިސްތާން ޓީމުގެ ކޯޗުގެ ގޮތުގައިހުރެ މި މުބާރާތުގެ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ނުކުމެފައެވެ. މެޗު އެއްވަރުވުމުން އިތުރުވަގުތުގެ ދެވަނަ ހާފުގައި އިންޑިއާގް ސުނިލް ޗެތްރީ ޖެހިލަނޑުން އެންމެފަހުން މި މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ. ސެގާޓް ބުނީ މި މުބާރާތުގައި އޭނާ ކޯޗު ކޮށްދޭ ދެ ގައުމަކީވެސް ވަރަށް ތަފާތު ދެގައުމުކަމަށެވެ.

“އަހަރެން ކޯޗުކޮށްދިން އަފްގާނިސްތާނަކީ 40 އަހަރުވަންދެން ހަނގުރާމަ އޮތްބައެއް. ރާއްޖޭގައި މިއޮތީ ތިންލައްކައެއްހާ މީހުންގެ ކުޑަ އާބާދީއެއް. އެއާ ހިލާފަށް އިންޑިއާއަކީ ވަރަށް ބޮޑު ގައުމެއް. އެކަމު މާދަމާ އިންޑިއާއާ ދެކޮޅަށް ކުޅޭއިރު ކޮންމެ ޓީމަކުންވެސް ތިބޭނީ 11 ކުޅުންތެރިން. އަހަރެން އުއްމީދުކުރަން މެޗު ނިމޭއިރު އަހަރެމެނަށް ކާމިޔާބުވާނެކަމަށް” ސެގާޓް ބުންޏެވެ.

އިންޑިއާއި ރާއްޖެ ވަނީ މިހާތަނަށް ތިންފަހަރު ފައިނަލުގައި ވާދަކޮށްފައެވެ. 1997 ވަނަ އަހަރާއި 2009 ވަނަ އަހަރުގެ މުބާރާތް އިންޑިއާއިން ކާމިޔާބު ކުރިއިރު ފައިނަލުގައި ރާއްޖެއަށް އިންޑިއާ ބަލިކުރެވުނީ 2008 ވަނަ އަހަރުއެވެ. އިންޑިއާއިން މި މުބާރާތް ހަތްފަހަރު ކާމިޔާބު ކޮށްފައިވާއިރު އެޓީމަކީ މިހާރު އޭޝިޔާގެ އެންމެ ޝަރަފްވެރި މުބާރާތް އޭޝިއަން ކަޕްގައިވެސް ކުޅޭ ޓީމެކެވެ.

ބަންގްލަދޭޝްގެ ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅޭ މާދަމާގެ މެޗު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *