މިއީ ނުވަ އަހަރުތެރޭ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު: އަކްރަމް

Advertisement

މިއީ ނުވަ އަހަރުތެރޭ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު: އަކްރަމް

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މާދަމާ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު މިއީ ނުވަ އަހަރުތެރޭ ދިވެހި ޓީމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ބުނެފިއެވެ.

މެޗުގެ ކުރިން މިއަދު މެންދުރުފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަކްރަމް ބުނީ، ގްރޫޕް ސްޓޭޖުގައި އުނދަގޫ ހާލަތުގައި އޮތްނަމަވެސް ފައިނަލް މެޗަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ.

“އެންމެނަށްވެސް އެނގޭނެ ގްރޫޕް ސްޓޭޖުގައި އަހަރެމެން އުޅުނީ ވަރަށް ހާލުގަ. އެކަމު އެންމެފަހުން ފައިނަލަށް އަހަރެމެންނަށް އާދެވިއްޖެ. އަހަރެމެން އެންމެ ފަހުން ފައިނަލްގައި ކުޅުނުފަހުން މިހާރު ނުވަ އަހަރު ވެއްޖެ. މިއީ ނުވަ އަހަރުތެރޭ ޓީމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު. މާދަމާގެ މެޗު ކުޅޭނީ މުޅި ގައުމަށްޓަކައި. އިރާދަކުރެއްވީޔާ މި ޓީމުން މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ” ކެޕްޓަން އަކްރަމް ބުންޏެވެ.

މުޅި ގައުމު ފަހުރުވެރިކޮށްދޭން މާދަމާގެ މެޗަށް ނުކުންނައިރު މުޅި ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް އޭނާ ބުންޏެވެ.

އަކްރަމަކީ މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން އެންމެ މޮޅު ކުޅުމެއް ދައްކަމުންދާ އެއް ކުޅުންތެރިޔާއެވެ. ޑިފެންސަށް ކުޅެމުން އަކްރަމް ވަނީ ސެމީ ފައިނަލުގައި ނޭޕާލް ކޮޅަށް މުބާރާތުގައި ރާއްޖޭގެ ޓީމުން ޖެހި ފުރަތަމަ ގޯލުވެސް ޖަހާފައެވެ. އަކްރަމްގެ ބޭބެ އައްސަދު އަބްދުލްގަނީގެ ކެޕްޓަންކަމުގެ ދަށުން 2008 ވަނަ އަހަރު ސާފް މުބާރާތް ކާމިޔާބު ކުރިފަހުން ރާއްޖެއަށް މި މުބާރާތުގެ ތަށީގައި އަތްލެވިފައެއް ނުވެއެވެ. ރާއްޖެ އެންމެފަހުން މި މުބާރާތުގެ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައެވެ. އެފަހަރު އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމާއި ވާދަކޮށް ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އޭގެފަހުން ކުޅުނު ތިން މުބާރާތުގައި ސެމީ ފައިނަލުން ރާއްޖެ ކެޓީވެސް އިންޑިއާއާ ވާދަކޮށެވެ.

މާދަމާ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *