ފީފާ 19 ގެ ގަދަ ދިހަ ކުޅުންތެރިން
ދިވެހިންގެ މެދުގައި މަގްބޫލު ފީފާ 19 ގެ ގަދަ 10 ކުޅުންތެރިން އީއޭ ސްޕޯޓްސް އިން އާއްމުކޮށްފިއެވެ. އީއޭ ސްޕޯޓްސް އިން ވަނީ ފީފާ 19 ގެ 100 ކުޅުންތެރިން އެކި ދުވަސްމަތިން އިއުލާން ކުރަމުން ގޮސްފައެވެ. ފީފާ 19 ގެ ސީޑީގެ ރެގިއުލާ އެޑިޝަންގެ ބޭރު ކަވަރުގައި މިފަހަރުވެސް އިންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެކަމަކު އޭނާ މިފަހަރު އިންނާނީ އާ ކްލަބް ޔުވެންޓަސްގެ ޖޯޒީގައެވެ. ޗެމްޕިއަންސް އަދި އަލްޓިމޭޓް އެޑިޝަންގައި މިފަހަރު ރޮނާލްޑޯއާއެކު އިންނާނީ ބްރެޒިލްގެ ތަރި ނޭމާ އެވެ.
މިފަހަރުގެ ގަދަ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޕްރިމިއަރ ލީގުގެ ތިން ކުޅުންތެރިންނާއި، ސްޕެނިޝް ލަލީގާގެ ފަސް ކުޅުންތެރިންނާއި އިޓާލިއަން ލީގުން ރޮނާލްޑޯ އާއި ފްރެންޗް ލީގުގެ ނޭމާ އެވެ. ޕްރިމިއަރ ލީގުން ގަދަ ދިހައެއްގައި ހިމެނެނީ މެންޗެސްޓަރ ސިޓީގެ ކެވިން ޑެބްރޫން އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރ ޑޭވިޑް ޑިހެއާ އާއި ޗެލްސީގެ އެޑެން ހެޒާޑެވެ. ސްޕެނިޝް ލީގުން ގަދަ 10 ގައި ހިމެނެނީ ރެއާލް މެޑްރިޑްގެ ޓޮނީ ކްރޫސް އާއި ޔޫއެފާއިން ހޮވި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާއާއި ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލޫކަ މޮޑްރިޗާއި ސާޖިއޯ ރާމޯސް އާއި ބާސެލޯނާގެ ލުއިސް ސުއަރޭޒް އަދި ލިއޮނެލް މެސީ އެވެ.
މިފަހަރުގެ ރޭޓިންގައި މެސީ އަދި ރޮނާލްޑޯއަށްވެސް 94 ލިބޭއިރު ހުރިހާ ގޮތަކުން އެއްވަނައިގައި އިނީ ރޮނާލްޑޯ އެވެ. މި ކުޅުންތެރިންގެ ފަހަތުން މިފަހަރުވެސް ތިންވަނައިގައި އިނީ ނޭމާ އެވެ. މި ތިން ކުޅުންތެރިންނަކީ ފީފާ 18 ގައިވެސް ގަދަ ތިނެއްގައި ހިމެނުނު ކުޅުންތެރިންނެވެ. މިފަހަރު ހަތަރު ވަނައިގައި ހިމެނެނީ މޮޑްރިޗެވެ. އޭގެ ފަހަތުން ކެވިން ޑެބްރޫން ފަސްވަނައިގައި އިން އިރު ހެޒާޑަށް ލިބެނީ ހަވަނައެވެ. އެންމެ މޮޅު ޑިފެންޑަރުގެ ގޮތުގައި ސާޖިއޯ ރާމޯސް އަށް ހަތްވަނަ ލިބޭއިރު މިދިޔަ ފަހަރު ހަތަރު ވަނައިގައި އުޅުނު ލުއިސް ސުއަރޭޒަށް މިފަހަރު ލިބެނީ އަށްވަނައެވެ. ނުވަ ވަނައިގައި އެންމެ މަތިން ޕޮއިންޓް ލިބުނު ކީޕަރުގެ ގޮތުގައި އިނީ ޔުނައިޓެޑްގެ ކީޕަރު ޑިހެއާ އެވެ. އެއަށްފަހު ދިހަ ވަނަ ލިބެނީ ރެއާލް މެޑްރިޑްގެ ކުރޫސް އަށެވެ.
ފީފާ 18 ގައި ގަދަ ދިހައެއްގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިފަހަރު ޖާގަ ނުލިބުނީ ބެޔާން މިއުނިކްގެ މެނުއަލް ނޯޔާ އާއި ރޮބާޓް ލެވަންޑޮސްކީ އަދި މިހާރު އޭސީ މިލާނަށް ބަދަލުވެފައިވާ ގޮންޒާލޭ ހިގުއައިންއެވެ.
ފީފާ 19 ގެ ސީޑީ މިމަހުގެ 28 ވަނަ ދުވަހު ރަސްމީކޮށް އާއްމުކުރާއިރު އެދުވަހުން ފެށިގެން މި ގޭމަށް ލޯބިކުރާ ފަރާތްތަކަށް ސީޑީ ގަންނަން ލިބޭނެއެވެ.
Advertisement
Leave a Reply