މިއީ މުޅި ޓީމުން ކުރި ބުރަ މަސައްކަތް: އިއްބެ

Advertisement

މިއީ މުޅި ޓީމުން ކުރި ބުރަ މަސައްކަތް: އިއްބެ

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ނޭޕާލާ ވާދަކޮށް 3-0 އިން މޮޅުވެ ފައިނަލުގެ ޖާގައެއް ލިބުނީ މުޅި ޓީމުން ކުރި ބުރަ މަސައްކަތުންކަމަށް މެޗުގައި ދެ ލަނޑު ޖެހި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ބުނެފިއެވެ. މިއަދު މެޗުން ރާއްޖޭގެ ފަހު ދެ ލަނޑު އިއްބެ ޖެހީ މެޗުގެ ފަހު ފަސްމިނެޓުގައެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު ލިބުނު ހިލޭޖެހުމަކުން ޖެހީ އަކްރަމް އަބްދުލްގަނީ އެވެ.

މިއީ މި މުބާރާތުގެ ތާރީހުގައި ރާއްޖެއަށް ފައިނަލުގެ ފުރުސަތު ލިބުނު ފަސްވަނަ ފަހަރެވެ. ރާއްޖެއަށް މުބާރާތް ކާމިޔާބު ކުރެވުނީ ހަމައެކަނި 2008 ވަނަ އަހަރު ސްރީ ލަންކާގައި ކުޅުނު ފައިނަލުގައި 1-0 އިން އިންޑިޔާ ބަލިކޮށްގެންނެވެ.

Advertisement

“މިއީ އަހަރެންގެ ފުރަތަމަ ސުޒުކީ ކަޕް. ވަރަށް އުފާވެއްޖެ ދެ ގޯލު ޖެހުމުން. މިހާރު ޓީމު މިއޮތީ ފައިނަލަށް ގޮސްފަ. މި މެޗުގައި މުޅި ޓީމުން ވަރަށް ބުރަ މަސައްކަތްކުރި. އެހެންވެ އަހަރެމެންނަށް މި ނަތީޖާ ލިބުނީ” ހދ. ނޮޅިވަރަންފަރަށް އުފަން ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

ކޯޗުގެ ޕްލޭންގައި މުހިއްމު ދައުރެއް އަދާކުރާ އިއްބެގެ ދެ ލަނޑުން މުޅި ގައުމަށް އޭނާ ވަނީ ހިނިތުންވުން ގެނެސްދީފައެވެ. މެދުތެރެއަށް ކުޅެމުން ގޯލުވެސް ޖަހާ އިއްބެއަކީ ދުރުން ލިބޭ ބޯޅަތަކުގައިވެސް ގޯލު ޖެހުމުގެ ހުނަރު ހުރި ކުޅުންތެރިއެކެވެ. މިއަދުގެ މެޗުގައި އިއްބެ ޖެހި ފުރަތަމަ ލަނޑަކީވެސް ދުރުން އިއްބެ ޖެހި ގޯލެކެވެ. މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބާއެކުވެސް އިއްބެ ވަނީ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައެވެ.

އިއްބެއަކީ 2016 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް އެއަހަރުގެ ކުރީކޮޅު ރަށުން ބޭރުގައި ކުޅުނު މެޗަށް އޭރުގެ ކޯޗް ރިކީ ހާބާޓް އިއްބެއަށް ފުރުސަތު ދިންފަހުން އަދި އޭނާއަކަށް އެ ފުރުސަތެއް ނުގެއްލެއެވެ. މި ހާރުގެ ކޯޗް ކްރޮއޭޝިޔާގެ ޕީޓަރ ސެގާޓްގެ އިރުޝާދުގެ ދަށުން އިއްބެ އަންނަނީ ގަވާއިދުން ފުރަތަމަ އެގާރައިގައި ހިމެނެމުންނެވެ. ގައުމީ ޓީމަށް ކުޅެން ލިބޭ ކޮންމެ ފުރުސަތެއްގައި ތަފާތު ދައްކަމުން އަންނަ އިއްބެ ވަނީ އެންމެފަހުން ބޫޓާނާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗުގައިވެސް ގޯލު ޖަހާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *